...

Support Us

ރިޔާސީ އިންތިހާބު 2023

ވިސްނުންތެރިކަމާ އެކު ނޫން ގޮތަކަށް ވޯޓުލައިގެން ހިތި ނަތީޖާއެއް ފެނިދާނެ: ގާސިމް

ވިސްނުންތެރިކަމާ އެކު ނޫން ގޮތަކަށް ވޯޓްލައިގެން ހިތި ނަތީޖާއެއް ފެނިގެން ހިނގައިދާނެ ކަމަށާއި މާޒީގައި ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ދިނީ ލަގާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި އަރިއަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުުގައި މިއަދު އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މި އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނާ ހިލާފަށް ގާސިމަކީ ރައްޔިތުންނަށް އާ މީހަކަށް ނުވާނެ ކަމަށެވެ. އެހެން ކަމުން ސެޕްޓެމްބަރު 9 ގައި ވޯޓުލާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި އެ ކެންޑިޑޭޓުން މާޒީގައި ގައުމަށާއި ރައްޔިތުންނަށް ކޮށްދީފައިވާ ހިދުމަތްތަކަކީ ކޮބައިތޯއާއި އެމީހަކު ވެފައިވާ ގުރުބާނީތަކަކީ ކޮބައިތޯ ބެލުމުން ވޯޓް ލާންވީ ކާކަށްކަން އެނގިގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ޕާޓީ ރޫހުގައި ޕާޓީ ބޭނުންވާ މީހާ ނަގަންވެގެން ވޯޓް ނަގައިގެން ލިބުނު ނަތީޖާ ފެންނަން އޮތީ ވަރަށް ހިތިކޮށް. ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ދިނީ ލަގާ. ރައީސް މުހައްމަދު ވަހީދުގެ ދެ އަހަރު ފިޔަވައި، ޒާތީ ގޮތުން މީހަކާ ދިމާކޮށްލައިގެން، ނޫނީ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފުނުވެ ވެރިކަން ކުރީ ކާކުތޯ؟ ނޫނީ ރައްޔިތުންގެ ފައިސާގަނޑު މަޅާލައިގެން އަނެއް ކަމެއް ކުރީ ކާކުތޯ؟ އިހަށްދުވަހަކު ވެރިކަން ކުރި ރައީސް (ޔާމީން) އެ އިންނެވީ ޖަލުގައި،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ފެށުނީއްސުރެ ކުރައްވަމުން ގެންދަވާ ގާސިމް އިތުރަށް ވިދާޅުވީ އޭނާ އަކީ ވެސް ވެރިކަމަށް ކުރިމަތިލައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނޫނީ އެހެން ހުރިހާ މަގާމެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެމް.އެމް.އޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަމާއި ހާއްސަ މަޖިލީސްގެ ރައީސްކަން ވެސް ތިން އަހަރު ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ އެންމެ ލާރިއެއްގެ މައްސަލައެއްގައި ވެސް އޭނާއާ ސުވާލެއް ކޮށްލާފައިނުވާނެ ކަމަަށް ގާސިމް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު މި ހޮވަނީ ކޮން ކަމެއް ކުރަންތޯ؟ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އަމާނަތްތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ވެރިކަން ކުރުމަށް މިއަންނަނީ ހުވާކޮށްގެން. އަދި ރާއްޖޭގެ ގާނޫނު އަސާސީ އަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ރާއްޖޭގެ މިނިވަންކަން ދަމަހައްޓާ ނަގަހައްޓަން ވައުދުވެ ވަސިއްޔަތްކޮށްގެން. ކަން މިހެން އޮތް އިރު މިހާރު މިދަނީ މިހެންތޯ؟" ގާސިމް ސުވާލުކުރެއްވި އެވެ.

މެދުކެނޑުމެއްނެތި ކެންޕޭން ހަރަކާތްތަކުގައި ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައި، ވިސްނުންތެރިކަމާ އެކު ވޯޓް ދެއްވުމަށް އެ ރަށްރަށުގެ ރައްޔިތުންގެ ކިބައިން ގާސިމް ގެންދަވަނީ ތަކުރާރުކޮށް އެދިވަޑައިގެންނަވަމުންނެވެ.

ގާސިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވާފައިވާ އަށް ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ވެރިއަަކަށް ގެނައުމަށް އެންމެ ގާބިލް ބޭފުޅަކީ ގާސިމް ކަަމަށް ވިދާޅުވާންޖެެހެނީ ސަބަބެއް ނެތި ނޫންް ކަމަށެވެ. އެގޮތުން ގާސިމަކީ ދައުލަތުގެ އެއްވެސް މަގާމެއް ނެތި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ހަމައެކަނި ކެންޑިޑޭޓް ކަމަށާއި ދެ ފަހަރަށް އެމްޑީޕީއަށް އެއް ފަހަރު ޕީޕީއެމަށްވެސް ވެރިކަމަށް އާދެވުނީ ގާސިމްގެ ތާއީދާ އެކުގައި ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީއަށް އަދި ޕީޕީއެމަށް ވެސް ތަރައްގީއެއް ގެނެސްދެވިފައިވާނަމަ އެ ތަރައްގީގެ ވެސް އެންމެ ބޮޑު ހިއްސާދާރަކަށް ވަނީ ގާސިމް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ނަމަވެސް އަބަދުވެސް ވެރިކަން ނިމުނީމައި ގާސިމް ގޯސްވެ އަމިއްލަ އެދުން ބޮޑު މީހަކަަށް އެ ޕާޓީތަކުން ހަދާ ކަމަށާއި ވެރިކަމަށް އަންނަންވީމަ ގައުމީ ބަތަލުގެ ލަގަބުވެސް ގާސިމަށް ދޭން އެ ޕާޓީތަކުން ފަސްނުޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ވެރިކަން ނިމުނީމަ ގާސިމް ވަނީ ސޭޓަކަށް. ގާސިމް ކަމަކުނުދޭ. ގާސިމް އަމިއްލަ އެދުން ބޮޑުވަނީ. އެކަމަކު ރިޔާސީ އިންތިހާބްގެ ދެވަނަ ބުރަށްދިޔައީމާ ގައުމީ ބަތަލު، ބޮޑު ތަކުރުފާނަށް ވުރެ ވެސް ގިނަ ލަގަބު ގާސިމަށްދޭ. ގާސިމަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނަމަ ކީއްކުރަންތޯ ގާސިމްލައިގެން ވެރިކަން ގެންނަނީ؟އަމިއްލައަށް އަންނަންވީ ނޫންތޯ؟" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދުގެ ވާހަކަ ނިންމާލަމުން މިއީ ރައްޔިތުން ހޭލަންވީ ވަގުތު ކަމަށާއި ވިސްނާލާފައި ގައުމު ދެކެ ލޯބިވާ، ގައުމަށް ހިދުމަތް ކޮށްދީފައިވާ ރަނގަޅު ވެރިއަކު ގެންނަން ބޭނުންވާނަމަ މިފަހަރު ގާސިމަށް ވެރިކަމަށް ގެނެސްދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި އަރިއަތޮޅު ފަދަ ބޮޑު އަތޮޅެއް އިސްނަގައިގެން އެ އަތޮޅު މީހަކު ރާއްޖޭގެ ވެރިކަމަށް ގެންނައުުގެ ޝަރަފާއި އިއްޒަަތް ލިބިގަނެ، ގައުމުގެ ދެކެ ލޯބިވާ، ތަންދޮރު ދަންނަ ވެރިއަކު ގެނައުމުން ގަައުމަށް އަންނާނެ ބަދަލު އެހެން ރައްޔިތުންނަށް ދައްކާލުމަށް ވެސް އިސްލިތާސްކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.