...

Support Us

ރިޔާސީ އިންތިހާބު 2023:

އެއްބުރުން އެމްޑީޕީ އަނެއްކާވެސް ވެރިކަމަށް އަންނާނެ: ރައީސް

މިފަހަރުގެ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން އެއް ބުރުން އެމްޑީޕީން އަނެއްކާވެސް ކާމިޔާބުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ދެވަނަ ބުރެއް ނެތި އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ވެރިކަމަށް އަންނާނެ ދެވަނަ ފަހަރަށް،" "ޒަމާނަކުން އައި ޒަމާނެއް"ގެ ނަމުގައި އެމްޑީޕީން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ކެމްޕޭން ބޮޑު ޖަލްސާގައި އެއްވެ ތިބި އެތައް ސަތޭކަ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ އެމްޑީޕީ ކޯލިޝަނުން 2018 ވަނަ އަހަރު ވެރިކަމަށް އައީ ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށް އެއްބުރުން ކާމިޔާބުކޮށްގެނެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށްހެން ވަޑައިގެންނެވިއްޖެ ކަމަށާއި އެ ހުރިހާ ރަށަކުން ވެސް ފެނިވަޑައިގެންދަނީ އެނބުރި އަނިޔާވެރިކަމުގެ ތެރެއަށް ދާން އެއްވެސް މީހަކު ބޭނުންނުވާ މަންޒަރު ކަމަށެވެ. އަދި އެ ރައްޔިތުން ބޭނުންވަނީ އުފާވެރިއަމާން ރާއްޖެއެއް ހޯދުމަށްޓަކައި އެމްޑީޕީން ފަށައިފައިވާ މަސައްކަތް ނިންމާލުމަށް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައިއިރު އޮތް ބިރަކީ ކުރިމަތިލާނެ އެހެން މީހަކު ނެތުމުގެ ބިރު ކަމަށެވެ. އަދި އޭރު ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނާއި އެމީހުންގެ އަނބިދަރިން ހިފައި ހައްޔަރުކޮށް، ޖަލަށްލާފައިވާ ކަމަށާއި ކިރިޔާވެސް ވެރިކަމަށް ކުރިމަތިލާފާނެހެން ހީވާ މީހަކު ހުރެއްޖެނަމަ އެމީހަކު ވެސް ޖަލަށްލާފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން އިންތިހާބެއްގައި ވާދަކުރާ އިންތިހާބަށް މި އިންތިހާބު ވެގެން ގޮސްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ވާދަވެރިންނަށް ވަރުގަދަ މެސެޖެއް ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ފަހަރު އިންތިހާބަށް އަމިއްލަ ފައިދާއާއި މަންފާއަށްޓަކައި ކުރިމަތިލައްވައިގެން އުުޅުއްވާ ބޭފުޅުންވެސް އެބައުޅުއްވާ ކަމަށާއި އެ މީހުންގެ "ހަމައެކަނި ބޭނުމަކީ މި އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުން" ކަމަށެވެ. ނަމަވެސް އެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމަށާއި ހަމަ ކޮންމެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓެއް ކަމަށް ރައީސް ސޯލިހް ވިދާާޅުވި އެވެ. މި އިންތިހާބު ވެގެންދާނީ އެންމެ ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބެއް ކާމިޔާބުކުރާ ފަަހަރު ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ބޭނުންވަނީ މި އިންތިހާބު ދެވަނަ ބުރަކަށް ގެންދެވޭތޯ ބަލަން ކޮންމެވެސް ބަޔަކާ ކޯލިޝަން ހަދައިގެން ތިމަންނަ އަށް ލިބެން އޮތީ ކޯންޗެއްތޯ ބެލުން. ނަމަނަމަ އެ ފުރުސަތު ނުދެއްވައްޗޭ! އަޅުގަނޑުމެން މިކަން ނިންމާނީ އެއްބުރުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.