Support Us

ރިޔާސީ އިންތިހާބު 2023:

އެއްބުރުން އަޅުގަނޑު ހޮވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް: ގާސިމް

ރައްޔިތުން ވިސްނުންތެރިކަމާ އެކު ވޯޓް ލައިފިނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްބުރުން ހޮވައިދޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ގާސިމް ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި މިއަދު ނ. ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަކުރައްވާ ގާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސެޕްޓެމްބަރު ނުވައެއްގައި ރާއްޖޭއި ނަގާ ވޯޓް ދެވަނަ ބުރަކަށްދާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށާއި އެއްބުރުން ރައްޔިތުންގެ ނިންމުން ނިންމާނެ ކަމަށެވެ.

"މިފަހަރު ރާއްޖޭގެ ރައްޔިތުން ވޯޓްލައްވާއިރު ދެވަނަ ބުރަކަށް ދާގޮތަކަށް ވޯޓް ލައްވާނެ ކަމަށް އަޅުގަނޑު ހިތަކަށް ނުފެނޭ. އަޅުގަނޑު ހިތަށް ފެންނަނީ އެއްބުރުން ނިންމަވާނެ ގޮތަކަށް ވޯޓް ލައްވާނެ ކަމަށް. އަޅުގަނޑުމެންގެ ރައްޔިތުންގެ އެއް ހިތުން އެއް އަޑަކަށް އެއްބާރުލައިގެން އެއް އަޒުމެއްގައި ވޯޓްލައިގެން ވޯޓް ފޮށިތައް ފުރާލުމަކީ ވަރަށް ވެސް މުހިންމު ކަމެއް. އަޅުގަނޑު ޝައްކެއް ނުކުރަން މާޒީވެދިޔަ ތަނުގައި މީހެއްގެ ޓްރެކް ރެކޯޑަށް ބައްލަވައިގެން ރައްޔިތުންނަށް ވެރިކަން ކޮށްދޭނެ މީހަކު ހޮވުމަށްޓަކައި ނުވައެއް ސެޕްޓެމްބަރުގައި ލާ ވޯޓްގައި ކެންޑިޑޭޓް ނަމްބަރު ފަހެއް ނޫން އެހެން އެއްވެސް ނަމެއް އޮންނާނެ ކަމަށް ޝައްކެއް ނުކުރަން. އަޅުގަނޑު ޔަގީންކުރަން ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެއް ފަހަރުން އަޅުގަނޑު ހޮއްވަވައިދެއްވާނެކަން،" ގާސިމް ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތުގައި ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ އެކަން އެގޮތަށް ނިމިގެންދާނީ ވެރިކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެމީހެއްގެ މާޒީގައި ދިވެހި ގައުމަށް އެންމެ ވަފާތެރި އެންމެ އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ހުރީ ކޮން ބޭފުޅެއްތޯ ބަލައިފިނަމަ ކަމަށެވެ. އަދި  ކޮންމެ ނަޒަރިއްޔާއަކުން ބެލި ކަމުގައި ވީނަމަވެސް ރިޔާސީ އިންހާބުގެ ދެވަނަ ބުރަކަށް ނުގޮސް ވަރަށް ބޮޑު ތަފާތަކުން އެއްވަނަ ބުރުން ހޮވިވަޑައިގެންނަވާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި ގައުމު އިސްލާހަށް ބޭނުންވެގެން ގޮވަމުން ގެންދާ މި ދަނޑިވަޅުގައި ގައުމިއްޔަތު ދެމެހެއްޓުމާއި މާތްވެގެންވާ އިސްލާމްދީން ދަމަހައްޓާ ނެގެހެއްޓުމުގެ އިސްލާހާއި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ދަމަހައްޓާ ނެގެހެއްޓުމުގެ އިސްލާހާއި ގައުމު ދަރާފައިވާ ދަރަނިން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިސްލާހާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށާއި އިގްތިސާދު ދަމަހައްޓާ ނެގެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ބޮޑެތި ކަންކަން ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެރިކަމަށް ގެންނަ ބޭފުޅަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ގާބިލިއްޔަތު ކަމެއް ނެތް ބޭފުޅަކަށް ވެއްޖެނަމަ ފަހުން ހިތާމަކުރަންޖެހޭނެކަން ކަށަވަރުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެން ކަމުން ރައްޔިތުންގެ ވެރިއަކަށް ގެންނަން ބޭފުޅަކު ހޮވާއިރު މިހުރިހާ ކަމަކަށް ވިސްނާފައި ނޫނީ ގޮތެއް ނުނިންމަށް ގާސިމް އެދިވަޑައިގެންނެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި އުމަރުގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް