...

Support Us

ރިޔާސީ އިންތިހާބު 2023:

ޒަމީލް ވިދާޅުވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައީސްކަން ބޭނުންވެގެން ނޫން ކަމަށް؛ ދެން ކީއްކުރަންބާ؟

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައީސްކަން ބޭނުންވެގެން ނޫން ކަމަށާއި އޭނާ އަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ގަބޫލްކުރައްވާ ކަމުގައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު މިއުޅެނީ ކޮންމެހެނަކުން ވެރިކަން ކާމިޔާބުކުރާކަށެއް ނޫނޭ އިނގޭތޯ. ބައެއް މީހުންނަށް ހީވެދާނެކަންނޭނގެ އަޅުގަނޑު އިންތިހާބަށް ކުރިމަތިލީމަ އަޅުގަނޑު ވެރިކަން ހޯދަންވެގެންނޭ މި އުޅެނީ. އިންތިހާބަށް ކުރިމަތިމިލާ މައިގަނޑު ސަބަބަކީ ރައްޔިތުންނަށް ފުރުސަތެއް ހޯދައިދިނުން. އެއީ އަޅުގަނޑުގެ މައިގަނޑު މަސައްކަތަކީ" ޓީ.ވީ.އެމުން ގެނެސްދޭ "ރިޔާސީ ސިޔާސަތު"ގެ ދެވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަމީލް ރޭ ވިދާޅުވިއެވެ. "ބައްލަވާ އަޅުގަނޑު (މެނިފެސްޓޯގައި) ހުށަހަޅައިފައި ހުރި ކަންތައްތަކުގެ ތެރޭގައި ހުންނާނެ އިނގޭތޯ އަޅުގަނޑަށް ހަމަ ކަނޑައެޅިގެން ވޯޓު ގެއްލޭނެ ކަންތައްތައް ހުންނާނެ. (މެނިފެސްޓޯ) ބައްލަވައިލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ."

ޒަމީލް ވިދާޅުވީ ވޯޓް ލާން ދާއިރު ވެސް އެ ވޯޓް ކަރުދާސްކޮޅުތަކުގައި އޮންނާނީ ފެއިލްވެފައިވާ ސަރުކާރުތަކެއްގެ ބޭފުޅުންގެ ނަންތަކެއް ކަމަށާއި އޭގެތެރެއިން ގައުމަށް އެންމެ ގެއްލުން ކުޑަވާނެހެން ހީވާ ބޭފުޅަކަށް އޭނާ ވެސް ވޯޓް ދެއްވާނެ ކަމަށެވެ. އަދި މި އިންތިހާބްގައި ލިބޭނެ މާބޮޑު އެއްޗެއް ނެތް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަނިންމޭޓަކަށް އަނބިކަނބަލުން އަދި އިންތިހާބީ އެޖެންޓަކަށް ދަރިކަލުން ލައްވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ކަމެއް ކޮށްދެވޭނެ މަގާމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ކަމުގައިވާތީ ކަމަށް ޒަމީލް ވިދާޅުވިއެވެ. މި ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ސަބަބުތަކަކީ ރާއްޖޭގައި ދެން މި ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބާއިި ކައުންސިލް އިންތިހާބަކީ މާބޮޑު ކަންތައްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެވިދާނެ މަގާމެއް ކަމަށް ދެކެވަޑައިނުގެންްނަވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަމެއް ކޮށްނުދެވޭނެ މަގާމެއްގައި މުސާރައެއް ލިބުނަސް އެއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން، އިރާދަކުރެއްވިއްޔާ އަދި މިކަން ކާމިޔާބުނުވި ނަމަވެސް މިއުޅޭ ފެންވަރެއްގައި ދިރިއުޅެވޭނެ ގޮތެއް ހޯދޭނެ،" ޒަމީލް ވިދާޅުވި އެވެ.

މި އިންތިހާބްގައި އެހެން ކެންޑިޑޭޓުން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ޒަމީލް ކެމްޕެއިން ކުރައްވަމުން ގެންދަވާތަން ނުފެންނަނީ ކީއްވެތޯ އާއި ރައީސް ކަމަށް ކުރިމަތިލެއްވީ މަޝްހޫރު ކަމެއް ހޯއްދެވުމަށްތޯ ސުވާލު ކުރުުމުން ޒަމީލް ވިދާޅުވީ އެއްގޮތަކަށް ވެސް މަޝްހޫރު ކަމެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށެވެ. ރައްޔިތުންނަށް އޭނާ ކޮށްދޭން ބޭނުންވާ ކަންތައްތައް އެހެން ކެންޑިޑޭޓަކު ކޮށްދެއްވާނަމަ އިތުރަށް ކެންޑިޑޭޓަކަށް ނުކޮށްދެވިއްޖެ ނަމަ ދެން އަންނަ އިންތިހާބެއްގައި ވެސް ދުރާލައި މަސައްކަތް ފައްޓަވައިގެން ނިކުންނަވާނެ ކަމަށް ވެސް ޒަމީލް ވިދާޅުވި އެވެ.

ޒަމީލް އަދި ވިދާޅުވީ ކެމްޕޭން ކުރައްވަން އަތޮޅުތަކަށް ވަޑައިގެންނެވޭނެ ފައިސާ އާއި ޕޯސްޓަރާއި ބެނާ ތައްޔާރުކުރަން ވެސް މާލީ ތަނަވަސްކަމެއް ނެތް ކަމަށެވެ. އަދި ރައްޓެއްސަކު އެހީގައި ޕޯސްޓަރުކޮޅެއް ތައްޔާރުކޮށްފައި ހުންނާނެ ކަމަށާއި އޭނާގެ އަމިއްލަފުޅު ގޭގެ ފާރުގައި އޭގެން އެތިކޮޅެއް ތަތްކުރައްވާނެ ކަމަށް ވެސް ޒަމީލް ވިދާޅުވިއެވެ.

ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަން ފުޅާކޮށްދެއްވާނެ ކަމަށް މި އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން ވިދާޅުވަމުން ގެންދަވާއިރު މިހާތަނަށް އެކަން ނުވެ އޮތީ ކީއްވެތޯ ސުވާލުކުރުމުން ޓޫރިޒަމް ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ ޒަމީލް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ފާއިތުވި ސަރުކާރުތަކަށް އެކަން ނުކުރެވިގެން ގޮސްފައިވަނީ ޓޫރިޒަމްގެ މާސްޓާ ޕްލޭނެއް ހެދި އެއާ އެއްގޮތަށް އަމަލް ކުރަމުން ނުގެންދިއުމުގެ ސަބަބުން ކަމަށް ދެެކެވަޑައިގެންނަވާ ކަމަށެވެ.

މީގެ އިތުރުން އިގުތިސޯދު މެނޭޖްކުރުމަށްޓަކައި ހަރަދު ކުޑަކުރައްވާނެ ކަމަށާއި ޓޫރިޒަމް މިހާރު އޮތް މިންވަރެއްގައި ހިފަހައްޓާފައި ބާއްވާނެ ކަމަށާއި ގާނޫނަކުން ޒަަކާތް ލާޒިމް ކުރައްވާނެ ކަމަށް ވެސް ޒަމީލް ވިދާޅުވި އެވެ.

ވެރިކަން ލިބިއްޖަނަމަ ގޭގައި ދަރިން ބަލަން ތިބޭ ކޮންމެ މުވައްޒަފަކަށް 20،000 ރުފިޔާގެ މުސާރައެއް ދެއްވާނެ ކަމަށް ޒަމީލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޒަމީލްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.