...

Support Us

ރިޔާސީ އިންތިހާބު 2023:

ވެރިކަމަށް އަންނަ ބޭފުޅަކު ގައުމަށް ޣައްދާރުވެގެން ނުވާނެ: ގާސިމް

ރާއްޖޭގެ ވެރިކަމަށް އަންނަ ބޭފުޅެއް ޚާއިނުންގެ ވިސްނުން ގެންގުޅެ، ގައުމަށް ޣައްދާރުވެގެން ނުވާނެ ކަމަށާއި އެފަދަ ބޭފުޅަކަށް ދެވަނަ ފުރުސަތެއް ދޭންނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ގައުމީ ކެންޑިޑޭޓް"ގެ ނަމުގައި ގާސިމް ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި ނ. ލަންދޫއަށް އިއްޔެ ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު 2018 ގައި ހަދައިފައިވާ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކަންތައްތައް ކުރަމުން ނުގެންދިޔަ ނަމަވެސް މާބޮޑު މައްސަލަތަކެއް ނުޖެހޭ ކަމަށާއި މައްސަލަތައް ޖެހެން ފެށީ ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް މޮރިޝަސްއަށް ދިނުމަށް ނިންމި ހިސާބުން ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގެ އެތަންމިތަނުގައި ތިބުމާއި ގޮތް ނޭނގޭ އެތައް އެގްރީމަންޓްތަކެއްގައި ސޮއިކުރުމާއި އެއިން އެއްވެސް އެއްޗެއް ޕަބްލިކަށް ނުދެއްކުމާއި އިންޑިއާއިން ދަރަންޏަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއްގެ ހަގީގަތް ނޭނގޭތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މައްސަަލަ ޖެހެން ފެށީ ޑިއެގޯ ގާސިއާގެ މައްސަލާގައި މޮރިޝަސްގެ ޕްރައިމިނިސްޓަރަށް ގޮތް ނޭނގޭ ސިޓީއެއް ފޮނުއްވައި، ދިވެހި ރާއްޖޭގައި ކުރީގެ މާޒީގައި ގެންގުޅެމުން އައި ސްޓޭންޑް އަބަދުވެސް ނޫނެކޭ ނޫނެކޭ ބުނަމުން އައި ކަމެއް މި ސަރުކާރުން ވެސް ނޫނެކޭ ބުނަމުން އައިސް ޓަސްލާފައި ސިޓީއެއް ލާފައި އަޅުގަނޑުމެން ރާއްޖެއިން ކުރިން ގެންގުޅުން ސްޓޭންޑް ދޫކޮށްލީއޭ ވިދާޅުވާއިރު ކޮން ފަދަ އަގުހުރި މައުދަނެއް ނެނގޭނެ ތަނެއް (ކަނޑެއް) ނޫންކަން އެބޭފުޅާ އަށް އެނގިވަޑައިގެންނަވާތޯ؟" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ މިހެން އޮތް ބޮޑު މައްސަލައެއްގައި ގައުމުގެ ސަލާމަތަށާއި މިނިވަން ކަމަށް ނުރައްކާވެދާނެ ގެއްލުމެއް ލިބިދާނެ އެއްވެސް ބޮޑު ކަމެއް ކުރަންވާނީ އަދި ގާނޫނާ ހިލާފް ކަމެއްގައި އިސްލާހެއް ކުރަން ޖެހިއްޖެއްޔާ އެކަމެއް ފުރަތަމަ ވެސް ކުރަން ޖެހޭނީ ކޯލީޝަންގެ ލީޑަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް މި ސަރުކާރުން ކޮށްފައިނުވާކަން ގާސިމް ފާހަގަކުރެއްވި އެވެ.

"މި ހުރިހާ ވައުދަކާއި އަހުދަކާ ހިލާފަށް އަޅުގަނޑުމެން ގަބޫލް ކުރަންވީތޯ އަޅުގަނޑުމެންގެ ގައިގައި ދެވަނަ ފަހަރަށް ނުޖަހާނެ ކަމަށް؟ ދިވެހި ބަހުން ބުނެ އުޅޭ އެއް ފުޅަށްމަތިން ފުންމާލި ބަކަރި ހަތް ފުޅަށްމަތިން ފުންމާނެ ކަމަށް. ދެން އަޅުގަނޑުމެން ގަބޫލް ކުރަންވީތޯ އޭނާ އެކަން ނުކުރާނެ ކަމަށް؟ އެހެން ނޫނަސް އެ ހުރިހާ ކަމަކަށް ވުރެ މައްސަލަ ބޮޑު ކަމެއް ނޫންތޯ މި ދެންނެވީ؟ ރާއްޖޭގެ ހަތަރު ފަސް ދިމާލެއްގައި އިންޑިއާގެ ސިފައިން ބޭތިއްބުމާއި ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް،" ރައީސް ސޯލިހުގެ ކޯލީޝަންގައި އަދިވެސް ދެމިހުންނެވި ގާސިމް ވިދާޅުވި އެވެ. އަދިވެސް ރައީސް ސޯލިހު ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރައަކީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

ގާސިމް ވިދާޅުވީ އިންޑިއާގެ އެކިއެކި ސިޔާސީ ބޭބޭފުޅުންގެ ވާހަކަތަކުން އެ ގައުމު ދިވެހި ރާއްޖެ އަޅުވެތި ކުުރުމަށް ފެންބޮވައިގެންފައިވާ މިންވަރު ދޭހަވެގެންދާ ކަަމަށެވެ.

"އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އިންޑިއާ މީހުން ގޯހެކޭ ނޫން. އެމީހުން ބޭނުން ވެދާނެ އެމީހުންނަށް ގިނަ އެއްޗެހި ހޯދައި ގިނަ ކަންތައްތަކެއް ހޯދަން. އަޅުގަނޑުމެންގެ މައްސަލައަކީ ދިވެހި ރާއްޖޭގައި މި ތިބަ ޚާއިއުން، މައާފްކުރައްވާ.. ވެރިކަމާ ހަވާލުވާ މީހުންގެ ތެރެއިން މި ދެންނެވި ޚާއިނު ވިސްނުން ގެންގުޅެންޏާ މިއީ ވަރަށް ބޮޑު ނުބައި ކަމެކޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި އަދި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި އެއާޕޯޓް ދިނުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގާސިމް ދެކޮޅު ހައްދަވަމުން ގެންދެވި ކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ގައުމަށް ލިބެންޖެހޭ ކިތަންމެ ނިކަމެތި ކަމެއް ލިބި އެތައް މިލިޔަން ރުފިޔާއެއް ބީވެގެން ދިޔުން ކަމަށެވެ. އަދި އެ އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް ދިވެހި ދައުލަތުގެ ބަޖެޓުން ތިންސަތޭކަ އެތައް މިލިއަން ޑޮލަރެއް ކޮމްޕެންސޭޝަނެއްގެ ގޮތުގައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ދައްކަން ޖެހުނު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ގިނަ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ފަނޑިޔާރަކު ރަހީނުކޮށްގެން އުޅުނު މައްސަލާގަައި އިންޓަނޭޝަނަލް ޕްރެޝަރާއެކު ވެރިކަން ނުކުރެއްވިގެން ރައީސް ނަޝީދު އަމިއްލަފުޅަށް މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާދެއްވުމަށް އެދިވަޑައިގެންނެވުމަކީ ބުއްދި ނެތް މީހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު ހޮވާއިިރު އެމީހަކީ ގައުމަށް ކިހާވަރެއްގެ ހިދުމަތްތަކެއް ކޮށްދީފައިވާ މީހެއްތޯ ދިވެހިން ދެނެގަންނާން ޖެހޭނެ ކަމަށާއި ރަނގަޅަށް ވިސްނާފައި ނޫނީ ރާއްޖޭގެ ވެރިކަމަށް އައުމަށް ބޭފުޅަކު ނުހޮވުމަށެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.