Support Us

ތައިވާނު ވަށައިގެން ޗައިނާއިން ޢަސްކަރީ ތަމްރީނުތަކެއް ފަށައިފި

 ތައިވާނުގެ ވަށައިގެން ޗައިނާއިން ޢަސްކަރީ ތަމްރީނުތަކެއް މިއަދު ފަށައިފިއެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މިއީ ތައިވާނުގެ ނައިބު ރައީސް ވިލިޔަމް ލާއި އެމެރިކާގައި މަޑުކޮށްލެއްވުމުން ޗައިނާއިން ދިން އިންޒާރެކެވެ.

ލާއި އަކީ މި އަންނަ އަހަރު ތައިވާނުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ވާދަވެރި ކެންޑިޑޭޓް ކަމަށް މީޑިޔާތައް ބުނެއެވެ. ލާއި ޕެރަގުވޭއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމަށް ވަޑައިގަންނަވަމުން ނިވްޔޯކްގައި މަޑުކޮށްލެއްވިއެވެ. އަދި އެ ޤައުމުން ތައިވާނަށް އެނބުރި ވަޑައިގަތް ދަތުރުފުޅުގައި އެމެރިކާގެ ސޭންފްރޭންސިސްކޯގައި މަޑުކޮށްލެއްވިއެވެ. އޭނާއަށް އެމެރިކާއިން މަރްޙަބާ ދެންނެވުމުން ޗައިނާ ވަނީ ރަތަށް އަރައިފައެވެ. ޗައިނާ ބުނާގޮތުގައި ލާއި އަކީ "މަސްއަލަ އުފައްދާ" ބޭފުޅެކެވެ.

މިކަމާ ވިދިގެން ޗައިނާއިން ބުނިގޮތުގައި އެ ޤައުމުގެ ވަޠަނީ ސިޔާދަތު ޙިމާޔަތް ކުރުމަށް ޓަކައި ބޭޖިންގުން ފިޔަވަޅު އަޅާނެއެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންޚުވާ އެ ޤައުމުގެ ޢަސްކަރީ ތަރްޖަމާނާ ޙާވާލާދީ ބުނިގޮތުގައި ޗައިނާގެ ރައްޔިތުންގެ ލަޝްކަރުގެ އިރުމަތީ އިސްވާރިއްޔަތުން ބުންޏެވެ. "މިއަދު ޗައިނާއިން ތައިވާނުގެ ވަށައިގެން މި ވަނީ ކަނޑާއި ވައިގެ ޢަސްކަރީ ތަމްރީނުތަކަކާއި ކަނޑާއި ވައިގެ ފޯރިމެރުންތަކެއް  ފަށައިފައެވެ."

ޝިންޚުވާ ބުނިގޮތުގައި މި ތަމްރީނުތަކުގެ އަމާޒަކީ ޙަޤީޤީ ހަނގުރާމައެއްގައި ރައްޔިތުންގެ ލަޝްކަރަށް ހަނގުރާމަކުރުމާއި ކަނޑާއި ވައިގެ ސަރަޙައްދުތައް ޙިމާޔަތް ކުރުމުގެ ޤާބިލްކަން އޮތް މިންވަރު ބެލުމެވެ. މި ނޫސް އޭޖެންސީ ބުނިގޮތުގައި މި ކަމުގެ ބޭނުމަކީ "ވަކިވެގަތުމަށް ބޭނުންވާ މީހުން ބޭރުގެ ޢުންޞުރުތަކާ ގުޅިގެން ކުރަމުންދާ ޖެއްސުންކުރުންތަކަށް  ހަރުކަށި އިންޒާރެއް ދިނުމެވެ."

ތައިވާނުން ޗައިނާގެ މި ތަމްރީންތައް ކުށްވެރިކުރިއެވެ. އަދި "އެކަށީގެންވާ ބާރަކުން" މި އަށް ރައްދުދޭނެ ކަމަށް ތައިވާނުން ބުންޏެވެ. 

ތައިވާނުން ބުނިގޮތުގައި ޢަސްކަރީ ތަމްރީނުތަކުން ތައިވާން ކަނޑުއޮޅީގައި ޞުލްހައާއި ހަމަޖެހުން ޤާއިމުކުރުމަށް އެހީއެއް ނުލިބޭނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *