...

Support Us

ރައީސް އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމް (ކ) ހިނިތުންވެފައި
ރިޔާސީ އިންތިހާބު 2023:

ޔާމީނަށް ވެރިކަން ހޯދައިދިނީމަ އިނާމެއްގެ ގޮތުގައި ލީ ޖަލަށް: ގާސިމް

ރައީސް އަބްދުﷲ ޔާމީނަށް 2018 ގައި ވެރިކަން ހޯއްދަވައިދެއްވީމައި "އެކަމުގެ އިނާމެއްގެ ގޮތުގައި ލީ ޖަލަށް" ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގައުމީ ކެންޑިޑޭޓުގެ ނަމުގައި ކެމްޕޭނުން ކުރައްވަމުން، ހދ. ކުޅުދުއްފުށީގައި ގާސިމް ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް ޖަލަށްލައި އޭނާގެ އަނބިދަރިން ވަރަށް ހާލުގައި ޖެއްސި ކަމަށެވެ. އަދި ވިލާ ކުންފުނި ފުނޑާލަން ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަރަށް މަސައްކަތް ކުރި ކަމަށް ގާސިމް ވިދާޅުވި އެވެ. "އެހެން ނަމަވެސް އެކަން މާތްﷲ އިރާދަ ނުކުރެއްވި" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކަންކަން ވެގެންދާ ގޮތް ފެންނަން އެބަ އޮތް ކަމަށާއި އޭނާ މިހާރު އެ ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން ކަމަށާއި ނަމަވެސް ރައީސް ޔާމީންނަކަށް ޖަލުން ނިކުމެވަޑައިނުގެންނެވުނު ކަމަށެވެ.

"ކިހިނެއްތޯ މިވީ.. މަންޒަރު މާތްﷲ ބަދަލު ބަދަލުކުރެއްވި ގޮތް މިއޮތީ ފެންނަން ދެއްތޯ، ތަދުބީރު ކުރާ މީހާ… ތަދުބީރު ކޮށްފާނެ ކޮންމެ ގޮތަކަށް ވެސް، އެހެންނަމަވެސް ތަގުދީރު އޮންނަނީ އޭގެ މައްޗަށް ހީލަހީލަ، އަޅުގަނޑުމެންނަށް ނުވިސްނޭކަން، އިންސާނުންނަށް ކަންތައްތައް ނޭނގޭތީ ކަންތައްތަކާމެދު، ތަގުދީރު ރޭވިގެން އައި ގޮތް މިއޮތީ ފެންނަން ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ ޖަލަށް ވެސް ނުލެވުނު ކަމަށާއި އޭނާ ހުންނެވީ ޖަރުމަންވިލާތުގައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެކިއެކި ސިޓީތައް ފޮނުވައިގެން ސިންގަޕޫރުން ވެސް ޖަރުމަން ވިލާތުން ވެސް އޭނާ ގައުމަށް އަނބުރާ ފޮނުވައިނުދިން ކަމަށާއި ކަފާލާތުގެ ދަށުން އޭނާ މިނިވަން ވުމަށް ގިނަގުނަ މަސައްކަތްތަކެއް ވެސް ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ނުހޮވުނުކަން އެނގުނީ. ކަފާލާތުގެ ދަށުން އަޅުގަނޑު ދޫކޮށްލައިގެން ރާއްޖެ ގެނެވޭނެ މަގު އޮތްކަން ފެނިއްޖެ. އަޅުގަނޑަށް އެނގޭ ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ތިން ގޮތެއް އޮތް ކަން. އެހެން ނަމަވެސް އޭރު ހަމަ ވާހަކަދައްކާ ދައްކާ ވެސް ނުފެނުނު،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ހޯދަން މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގަ އާއި ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގަ އެވެ. ގާސިމްގެ މައްޗަށް ތިން އަހަރާއި ދެމަހާއި ބާރަ ދުވަހުގެ ހުކުމެއް އިއްވާފައިވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ނަގަން އޮތް ވޯޓުގެ ކުރިން މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، މަޖިލީސް މެމްބަރުންނަށް ނުފޫޒު ފޯރުވައި މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ދައުލަތުން އުފުލި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގަ އެވެ. ގާސިމްގެ މައްޗަށް ހުކުމް އިއްވީ އާލާސްކަންފުޅެއްގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް 24 އޮގަސްޓް 2017 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ޣައިރު ހާޒިރުގަ އެވެ.

ގާސިމް ރޭ ދެއްކެވި ވާހަކަފުޅުގައި މިއަހަރުގެ ރިޔާސީ އިންތިހާބްގައި ރައީސުލްޖުމްހޫރިއްޔާއަކަށް އަންނަ މީހަކު ކަނޑައަޅަން ވޯޓް ދޭއިރު މާޒީގައި ގައުމަށް އެންމެ ހިދުމަތްތެރި މީހަކު ވިސްނާފައި ނޫނީ ވޯޓް ނުދިނުމަށް ވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ވޯޓް ދޭއިރު ގައުމަށް އެންމެ ހިދުމަތްތެރި ކަންކަންތައް ކޮށްދީފައި ހުރި އަމިއްލަ މީހެއްގެ ހައިސިއްޔަތެއްގައި ހުރި އިރު ނުވަތަ ސަރުކާރުގެ ބޮޑު ވަޒީފާ ނޫނީ ރައީސުލްޖުމްރިއްޔާ ކަމުގައި ނެތް އިރު މީހުން މަސައްކަތް ކޮށްދީފައި ހުރި ގޮތާއި ނޫނީ އޭގެ ކުރީގައި އޭނާ ކޮށްދީފައި ހުރި ގޮތާ މެދު ވިސްނާވަޑައިގަންނަވާށޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންނަށް ވެރިކަން ކޮށްދެވޭނެ މީހަކު ހޯދޭނީ އެމީހަކު މާޒީގައި ކަންތައްތައް ކޮށްފައިވާ ކަންތައްތައް ދެނެގަނެގެން ކަމަށެވެ. އޭގެ އިތުރުން ރޭގެ ޖަލްސާ ނިންމާލައްވަމުން ގާސިމް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް އިގްތިސާދީ ބޮޑު އިންގިލާބެއް ގެނެސްދެއްވާނެ ކަމުގައެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސި އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.