ކުރީގައި ދިވެހީންގެ ތެރޭގައި، ޚާއްޞަކޮށް މާލޭގެ ނުވަރުގެ ކުދީންގެ މެދުގައި ވާހަކަ ދެކެވި ގަބޫލުކުރެވިފައި އޮތް އެއް ކަމަކީ މާލެއަށް ބޮން ނޭޅޭނެ ކަމަށް ގަބޫލުކުރެވިފައި އޮތް ގަބޫލުކުރުމެވެ. މީގެ ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ކުރީގައި ކުޑަ ކުދިންގެ މެދުގައި ވާހަކަ ދެކެވެމުން އަދި ގަބޫލުކުރެވިފައި އޮތީ މާލެއަށް މަތިންދާ ބޯޓުގައި އައިސް ބޮން އެޅުމަކީ އެއްވެސް ބަޔަކަށް ވާނެ ކަމެއް ނޫން ކަމަށެވެ.
މިގޮތަށް ގަބޫލުކޮށް ވާހަކަ ދެކެވެމުން އައީ ތިން އަސާސެއްގެ މައްޗަށެވެ. ހަގީގަތުގައި އަސާސަކަށް ނުވިޔަސް އެ ތިން ގޮތަށް ތިބެނީ ހިތުގެ އަޑިން ގަބޫލުކޮށްގެންނެވެ.
އެއް އަސާސަކީ މާލެ ކުޑަވީމާ މަތިންދާ ބޯޓުގައި ބާރަށް ދުއްވާފައި ދަމުން ވައްޓާލާ ބޮން މާލެއާ ސީދާނުވެ ކަނޑަށް ވެއްޓޭނެ ކަމަށް ބުނާ ބުނެވުމެވެ. މި އަސާސްގެ މައްޗަށް ބުރަވެ، ރާއްޖޭގެ އެއްވެސް ރަށަކަށް ބޮންއެޅުމަކީ ފަސޭހަކަމެއް ނޫންކަމަށް އޮންނަނީ ބެލެވިފައެވެ. އެއީ ރާއްޖެއަކީ ކުދިކުދި ރަށްތަކެއް ހިމެނޭ ޖަޒީރާ ޤައުމަކަށް ވާތީއެވެ.
ދެވަނަ އަސާސަކީ މާލެއަށް ބޮމެއް ސީދާ ވިޔަސް މެދުޒިޔާރަތުގައި ހުންނަ ބޮޑު ދިދަ ދަނޑީގެ ކުރީގައި ޖެހިފައި މައްޗަށް އަރައިގެން ގޮސް މަތީގައި ގޮވާނެކަމަށް ބުނެވޭ ބުނެވުމެވެ. މި ބުނުމުގައި ކިޔާގޮތުން މާލެއަށް ބޮންއަޅައިފިނަމަ ގޮވާނީ އެ ބޮން އެޅި ބޯޓެކެވެ.
ތިންވަނަ އަސާސަކީ މާލޭގެ ފަސްގަނޑު މަޑުވުމުން ބޮން އެޅުމުން ބިންގަނޑު ތޮރުފާލައިފައި އަޑިއަށް ދާނެ ކަމަށާއި ބިމުގެ އަޑީގައި ބޮން ގޮވިޔަސް އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ގެއްލުން ނުވާނެ ކަމަށް ދެކޭ ދެކުމެވެ.
މިގޮތަށް ވާހަކަދައްކާ އުޅުނު ހަނދާން ހުރީ ކޮން ބޭފުޅުނެއް ބާވައެވެ. މިފަދަ ވާހަކަތަކާއި ހަނދާންތަކާއެކު ނިކަން ފަސޭހައިން މާޒީގެ ތެރެއަށް ދަމައިގަންނާނެއެވެ.
* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން



advertisment
One Response
އަޅުގަނޑަކީ މާލޭގައި ވިހައި ބޮޑުވެ އުމުރުން މިހާރު ފަސްދޮޅަހަށްވުރެ މައްޗަށް ގޮސްފައިވާ މީހެއް. މި ލިޔުމުގައި މި ބުނާ އެއް ގޮތަކަށް ވެސް ވާހަކަ ދައްކައި އުޅޭ އަޑެއް ނާހަން. މި ދަންނަވަނީ، އެއްގޮތަކަށް ވެސް، އަޅުގަނޑު އަޑު އަހާފައި ނުވާ ކޮންމެ ވާހަކަ އަކީ ނުދެކެވޭ ވާހަކައެކޭ އެއް ނޫން.