Support Us

މުޢާމަލާތުކުރާއިރު ބަލަންޖެހޭ ހަތަރު ގަވައިދު

ތަފާތުވެ ސިންދަފާތުވުމަކީ ﷲ ކައުނު ހިންގަވާ ޤުދްރަތީ ޤާނޫނު (ސުންނަތް) ގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَلَن تَجِدَ لِسُنَّتِ اللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ اللَّهِ تَحْوِيلًا – فاطر: 43 – ފަހެ، اللَّه، ކަން ހިންގަވާ ގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި اللَّه، ކަން ހިންގަވާ ގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.))

މި ސިންދަފާތު ނުވާނަމަ ބާޒާރުގައި މުދާތައް ކަސާދުވެދާނެތެވެ. އެހެންކަމުން މި ތަފާތު ކަމަކީ ނުވަތަ ސިންދަފާތަކީ ﷲގެ ނިޢުމަތެކެވެ. އެއީ ﷲގެ ސާބިތު ޤާނޫނެކެވެ. މުސްލިމުން މި ކަމަށް ހޭލުންތެރިވެ އެއިން ފައިދާ ލިބިގަތުމަށް މަސައްކަތް ކުރަން ވާނެއެވެ.

އިޖްތިމާޢީ ޢިލްމުވެރިން މުޢާމަލާތުކުރުމުގައި މީސްތަކުން ހަތަރު ގިންތިއަކަށް ބައްސަވައެވެ.

އެއީ:-

  • މަށަށް ގެއްލުން ތިބާއަށް ގެއްލުން
  • މަށަށް ގެއްލުން ތިބާއަށް ފައިދާ
  • މަށަށް ފައިދާ ތިބާއަށް ގެއްލުން
  • މަށަށް ފައިދާ ތިބާއަށް ފައިދާ

މަށަށް ގެއްލުން ތިބާއަށް ގެއްލުން

މި ގަވައިދުގެ ދަށުން ޢަމަލުކުރާ މީހަކީ އޭނާގެ އަމިއްލަ ނަފްސުގެ ވެސް އަދި އެހެންމީހުންގެ ވެސް ދުޝްމަނެކެވެ. މީސްތަކުންނާއެކު މުޢާމަލާތު ކުރުމުގައި އޭނާ ތަބާވާ ނަމޫނާއަކީ އިބިލީހެވެ. މާތްﷲ މި ކަން ބަޔާންކުރައްވާ އެކަލޭގެއާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. ﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ – الأعراف: 16- އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ.﴾

މި ބާވަތުގެ އިންސާނުންނަކީ ފާޅުކަން ބޮޑު ޢަދުއްވުންނެވެ. އެފަދަ މީހާއަކީ މޮޔަ މީހެކެވެ. ޖާހިލެކެވެ. ޙަސަދަވެރި ނީހަވެރިއެކެވެ. ކިބްރުވެރިއެކެވެ. އެއީ އޭނާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ވެސް އަނިޔާވެރި މީހެކެވެ. އޭނާއަކީ ނެތިމޮށޭ މީހެކެވެ. މީހުންނަށް ފުރައްސާރަކުރާ މީހެކެވެ. އެއީ އެއްވެސް މީހަކަށް ހެޔޮ އެދޭނެ މީހެއް ނޫނެވެ.

އެފަދަ މީހަކާއެކު މުޢާމަލާތު ކުރާން ޖެހިއްޖެނަމަ ވިސްނުންތެރިކަމާއި އޯގާވެރިކަމާއެކު މުޢާމަލާތު ކުރާށެވެ! އޭނާއާއެކު އިށީނދެ އުޅޭ ވަގުތު ވީހާ ވެސް މަދުކުރެވޭތޯ ބަލާށެވެ! އޭނާއަށް ތިބާގެ އެއްވެސް ސިއްރެއް ހާމަނުކުރާށެވެ! އެހެން މީހަކާ ބެހޭގޮތުން ވެސް އޭނާގެ ގާތުގައި އެއްވެސް އެއްޗެއް ނުބުނާށެވެ! އޭނާގެ ކުރިމަތީގައި ހީނލައިގެން އުޅޭށެވެ! ތިބާގެ ފައްސި ގިޔަމުތަކުން އޭނާއާއެކު މުޢާމަލާތު ކުރާށެވެ! އޭނާއަށް ރަނގަޅު މަގު ދެއްކޭތޯ މަސައްކަތް ކުރާށެވެ! ތިބާއާއި އޭނާއާ ދެމެދުގައި އަބަދުވެސް ދުރުމިނެއް ބަހައްޓާށެވެ! އޭނާ ގާތްވަން އުޅުނަސް ތިބާ އޭނާއާ ދުރަށް ދާށެވެ! ތިބާގެ ދުންޔަވީ އަދި އުޚްރަވީ އިސްތިރާޖީ ލަނޑުދަނޑިތައް ޙާޞިލު ކުރެވޭ ވަރަށް މި ދުރުމިން ބަހައްޓާށެވެ!

މަށަށް ގެއްލުން ތިބާއަށް ފައިދާ

މި ގަވައިދުގެ ދަށުން ޢަމަލުކުރާ މީހަކީ ދީލަތި މީހެކެވެ. އެހެން މީހުންނަށް ޓަކައި ޤުރްބާންވާ މީހެކެވެ. އޭނާއަކީ އޯގާވެރި، ޚިދްމަތްތެރި، އެހެން މީހުންނާ ރަޙްމަތްތެރި މީހެކެވެ. އޭނާގެ ވަގުތާއި މުދަލާއި ބުރަ އުފުލުންތައް ހޭދަކުރާނީ އެހެން މީހުން ބާއްޖަވެރިކުރުވުމަށް ޓަކައެވެ. މި މީހާ  އޭނާގެ ޢިލްމާއި ތަނަވަސްކަމާއި ޚިދްމަތްތައް ހޭދަކުރާނީ އެހެން މީހުންނަށް ޓަކައެވެ. މިއީ މުސްލިމެއް ކަމުގައި ވާނަމަ އަދި އޭނާ މި ކުރާ ކަންތައްތައް ހެޔޮ ނިޔަތުގައި ﷲގެ ވަޖްހުފުޅު އަދައިގެން ކުރާނަމަ އޭނާއަކީ އާޚިރަތް ބާއްޖަވެރިކޮށްފައިވާ މީހެކެވެ. އޭނާ ވަނީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މީހުންގެތެރޭގައެވެ. ކީރިތި ރަސޫލާ ﷺ ގެ މި ބަސްފުޅާމެދު ނިކަން ވިސްނަވާށެވެ! އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((أحبُّ النّاسِ إلى اللهِ تعالى أنفَعُهم للنّاسِ، وأحبُّ الأعمالِ إلى الله U سُرورٌ تُدخِلُهُ على مُسلِمٍ، أو تَكشِفُ عنه كُربةً، أو تَقْضي عنه دَيْنًا، أو تطرُدُ عنه جوعًا، ولَأَنْ أمشيَ مع أخٍ في حاجةٍ أحبُّ إليَّ مِن أنْ أعتكِفَ في هذا المسجِدِ -يَعْني مسجِدَ المدينةِ- شهرًا، ومَن كَفَّ غضبَهُ ستَرَ اللهُ عَورتَهُ، ومَن كظَمَ غَيظَهُ ولو شاء أنْ يُمضيَهُ أمضاهُ ملَأَ اللهُ قلبَهُ رجاءً يَومَ القيامةِ، ومَن مشى مع أخيهِ في حاجةٍ حتّى تتهيَّأَ لهُ أثبَتَ اللهُ قدمَهُ يَومَ تزولُ الأقدامُ، وإنّ سُوءَ الخُلُقِ يُفسِدُ العملَ كما يُفسِدُ الخَلُّ العسلَ – الراوي: عبدالله بن عمر، المحدث: الألباني، المصدر: السلسلة الصحيحة، الصفحة أو الرقم: 906 خلاصة حكم المحدث: صحيح – މާނައީ: ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ ފައިދާ ބޮޑު މީހާއެވެ. ﷲ ޢައްޒަ ވަ ޖައްލަގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން މުޞީބަތެއް ފިލުވައިދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަމެއް ދުރަށްލައި ދިނުމެވެ. މި މިސްކިތުގައި– އެބަހީ: މަދީނާ މިސްކިތުގައި– އެއް މަސްދުވަހު ޢިޢުތިކާފަށް އިނުމަށްވުރެ އަޚެއްގެ މުހްތާދެއް ފުއްދައިދިނުމަށް މަސައްކަތްކުރުން ތިމަންކަލޭގެފާނުގެ އަރިހުގައި ލޮބުވެތިކަން ބޮޑެވެ. އޭނާގެ ރުޅި ދުރަށްލީ މީހާގެ ޢައިބުތައް މާތްﷲ ވަންހަނާކޮށް ދެއްވާނެއެވެ. އޭނާގެ ގާތަށް އަންނަ ރުޅިއާއިގެން ކުރިއަށް ދެވެން އޮންނަ ވަގުތު އެ ރުޅި މަތަކޮށް ދިރުވާލައި މީހާއަށް ޤިޔާމަތް ދުވަހުން އޭނާގެ ހިތް އެދޭ ކަންތައްތައް ފުއްދަވައި ދެއްވާނެއެވެ. އޭނާގެ އަޚާއާއެކު އޭނާގެ ބޭނުމެއް ފުއްދައިދިނުމަށް ނުކުމެ އެ ކަމަށް މަގުފަހިކޮށްދިން މީހާގެ ފައިތިލައަށް، ފައިތިލަތައް ކައްސައިލައި ދުވަހު ސާބިތުކަން ދެއްވާނެއެވެ. އަދި ހަމަކަށަވަރުން ރާހުތުން މާމުއި ތަޣައްޔުރުވެގެން ދާގޮތަށް ނުބައި އަޚްލާޤުން ހެޔޮ ޢަމަލުތައް ފާސިދުވެގެން ދެއެވެ.))

އެފަދަ މީހަކާއެކު މުޢާމަލާތު ކުރާން ޖެހިއްޖެނަމަ އޭނާއަށް އޯގާވެރިވާށެވެ! އޭނާ ދޭ އެއްޗެއްގައި ހިފާށެވެ! އޭނާ ހިތުގައި ނުޖައްސާށެވެ! އޭނާއަށް ޝުކްރުވެރި ވާށެވެ. އޭނާއަށް ދިރިއުޅުމަކީ ދިނުމާއި ހިފުން އޮތް ކަމެއްކަން ބުނެދޭށެވެ! އޭނާއަށް މާތްﷲގެ މި އަންނަ ބަސްފުޅު ހަނދާންކޮށް ދޭށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ- القصص: 77- އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީ ބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުން ދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.﴾

ކީރިތި ރަސޫލާ ﷺ އިތުރަށް ބަޔާންކޮށް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. ((إنَّ لِرَبِّكَ عَلَيْكَ حَقًّا، ولِنَفْسِكَ عَلَيْكَ حَقًّا، ولأَهْلِكَ عَلَيْكَ حَقًّا، فَأَعْطِ كُلَّ ذِي حَقٍّ حَقَّهُ – أخرجه البخاري (١٩٦٨)- ހަމަކަށަވަރުން ތިބާގެ ވެރިރަސްކަލާނގެއަށް އަދާކުރަން ޖެހޭ ޙައްޤެއް ތިބާގެ މައްޗަށް ވެއެވެ. އަދި ތިބާގެ އަމިއްލަ ނަފްސުގެ މައްޗަށް އަދާކުރަން ޖެހޭ ޙައްޤެއް ތިބާގެ މައްޗަށް ވެއެވެ. ފަހެ ތިބާ ކޮންމެ ޙައްޤުވެރިއަކަށް އެ ފަރާތުގެ ޙައްޤު އަދާކުރާށެވެ!))

މަށަށް ފައިދާ ތިބާއަށް ގެއްލުން  

މި ގަވައިދުގެ ދަށުން ޢަމަލުކުރާ މީހަކީ ދަހި މީހެކެވެ. ކެހެރިވެރިއެކެވެ. މަކަރާއި ޙީލަތުން ފޯވެފައިވާ މީހެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَيْلٌ لِلْمُطَفِّفِينَ * الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ * وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ * أَلَا يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ * لِيَوْمٍ عَظِيمٍ * يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ – المطففين: 1 -6 – މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. އަދި އެހެން މީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟ (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ.﴾

އޭނާއަކީ މަދުން ދީފައި ގިނައިން ހޯދަން އުޅޭ މީހެކެވެ. އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންނަށް އިތުރަށް މަސައްކަތް ޖައްސައިފައި އުޖޫރަ ކުޑަކޮށްދޭ މީހެކެވެ. މި ބާވަތުގެ މީހުން އޭނާގެ ނަފްސުދެކެ ލޯބިވާނެއެވެ. އޭނާގެ އަތުން އެއްޗެއް ދިނުމަށް ދަހިވެތިވާނެއެވެ. ތިބާގެ އަތުގައިވާ ހުރިހާ އެއްޗެއް އޭނާ ބޭނުންވާނެއެވެ. އޭނާ ހުރިހާ ވަސީލަތްތަކަކުން މަސައްކަތް ކުރާނީ ތިބާގެ މުދަލާއި ވަގުތާއި ފިކްރު ހޯދުމަށެވެ. އެ އެއްޗިއްސަށް އަތްގަދަ ކުރުމަށެވެ.

އޭނާ އިސްކަންދޭނީ ތިބާއަށް ގެއްލުން ދެވޭތޯއެވެ. ލަނޑު ދެވޭތޯއެވެ. އޭނާ ދެކޭގޮތުގައި އޭނާއަކީ ވިސްނުން ތޫނު މީހެކެވެ. ލޯ ހުޅުވޭ މީހެކެވެ. އޭނާއަށް މަޖްބޫރުވެގެން ހެޔޮ ކަމެއް ކޮށްދެވިއްޖެނަމަ އެ ވާހަކައެއް ފަތުރާނެއެވެ. މީސްމީޑިޔާގައްޔާއި ޙަފްލާތަކުގައްޔާއި ބައްދަލުވުންތަކުގައެވެ. އެއީ ތިބާގެ ކިބައިން އިތުރު ފައިދާ ހޯދާންވެގެންނެވެ. އޭނާ ކޮށްދޭ ކިތަންމެ ކުޑަ ކަމަކަށް ވެސް ތިބާ ވަރަށް ގިނައިން ޝުކްރު ކުރާންވާނެއެވެ. ސަނާ ކިޔާން ވާނެއެވެ. ތާރީފު ކުރާން ވާނެއެވެ. މި ފަދަ މީހާ ދެނެގަނެވޭނެ އެންމެ ބޮޑު ޢަލާމާތަކީ ތިބާގެ ކިބައިން ފައިދާއެއް ނުލިބޭނަމަ އޭނާ ތިބާ ދޫކޮށްލައިފާ ހިނގައިދާނެއެވެ.

އޭނާއާއެކު މުޢާމަލާތުކުރާއިރު: އޭނާ ތިބާއާމެދު ހީކުރާ ގޮތަށް ރަނގަޅަށް ބަލައި ހިސާބު ކުރާށެވެ! އޭނާ ބުނާ އެއްޗެއްސަށް ސަމާލުވެ ހޭލުންތެރިވާށެވެ! އޭނާއަށް ދިރިއުޅުމަކީ ދިނުމާއި ހިފުން އޮތް ކަމެއްކަން ވިސްނައި ދޭށެވެ! އޭނާ ކިތަންމެ ކުޑަ އެއްޗެއް ދިނަސް އެކަމަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރާށެވެ. އޭނާ ހޭލުންތެރި ކުރުވާށެވެ! އޭނާގެ ގާތުގައި އުޅޭ މީހުންނަށް އޭނާއާމެދު ވިސްނުން ބެހެއްޓުމަށާއި އޭނާއަށް ސަމާލުވުމަށް ނަސޭހަތްތެރިވާށެވެ! ތިބާއާ އޭނާޔާ ދެމެދުގައި އޮތް ގުޅުން ކިތަންމެ ބަލިކަށިވެގެން ދިޔައަސް ކެނޑިގެންދިޔަ ނުދޭށޭވެ! އޭނާއާ އެއް ބީދައިން އޭނާއާ މުޢާމަލާތު ނުކުރާށެވެ! އޭރުން ތިބާ އެފަދަ މީހަކަށް ވެދާނެއެވެ. އޭނާގެ ޙާލަތުން ތިބާއަށް ޢާފިޔަތު ދެއްވައިފައި ވާތީ މާތްﷲ އަށް ޙަމްދު ކުރާށެވެ! އޭނާގެ ލަނޑުދަނޑިތައް ޙާޞިލް ކުރަމުންދާއިރު ތިބާގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަސައްކަތް ކުރާށެވެ!

އޭނާއަށް ވިސްނޭ ބަހުރުވައިން އޭނާއާ މުޚާޠަބުކުރާށެވެ! ތިބާއަށް ފައިދާ އޮތީ އެ ގޮތުގައެވެ. ތިބާގެ މަޞްލަޙަތު ނިޔާ ކުރަނީ އެ ގޮތަށެވެ. ތިބާއަށް ފައިދާއާއި ލާބަ ލިބޭނީ އޭރުންނެވެ. އޭނާގެ ޙަޤީޤީ އަރުތަތަކަށް ތާރީފު ކުރާށެވެ!

މަށަށް ފައިދާ ތިބާއަށް ވެސް ފައިދާ

މި ގަވައިދުގެ ދަށުން ޢަމަލުކުރާ މީހަކީ ދަހި މީހެއްނޫނެވެ. އަމިއްލަ އެދުން ވެސް މާ ބޮޑު މީހެއްނޫނެވެ. އޭނާއަކީ ދީފައި ނަގާ މީހެކެވެ. އޭނާގެ ވިސްނުމާއި ފިކްރާއި ސުލޫކުގައި އޮތީ ތިލަފަތުގެ ދެ ފަރާތް ހަމަހަމަ ކުރާ ފައްސި ތަވާޒުނެވެ. އޭނާ މަސައްކަތް ކުރާނީ ތިބާއަށް ފައިދާކޮށްދީ ތިބާގެ ތަޖްރިބާއިން ފައިދާ ލިބިގަތުމަށެވެ. އޭނާއާ ގާތުން ވިޔަސް ދުރުން ވިޔަސް ތަވާޞުލުކުރާއިރު ތިބާއާ ގާތްވުމަށް އޭނާ މަސައްކަތް ކުރާ ތަން ފެންނާނެއެވެ. އޭނާއާއެކު އޮންނަ ގުޅުންތައް ދާނީ ހެދި ބޮޑުވަމުންނެވެ. އޭނާ އުނގެނުމަށާއި އުނގަންނައިދިނުމަށް ލޯބިކުރެތެވެ. ހެޔޮ ޢަމަލުތައް ކުރުމަށާއި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ލޯބިކުރެތެވެ. އޭނާގެ ވަގުތަށާއި ތިބާގެ ވަގުތު ރައްކައުތެރިކުރެއެވެ. އޭނާއަކީ އުފެއްދުންތެރި އުފެއްދުންތެރިކަމަށާއި އުފެއްދުންތެރީން ދެކެ ލޯބިވާ މީހެކެވެ. އޭނާގެ ޙަޔާތުގައި ނަމޫނާ ޝަޚްޞަކީ ކައު ރަސޫލާއެވެ.

މިފަދަ މީހާ ރަޙްމަތްތެރިއެއް ކަމުގައި ހަދާށެވެ! މި ރަޙްމަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ! އޭނާގެ ކަތި ފިޔަވަޅުތައް ހާމަނުކުރާށެވެ! ތިބާއާއެކު އުޅުމަށް ހިތްވަރުދޭށެވެ! އޭނާއަށް އުނގަންނައިދޭށެވެ! އަދި އޭނާގެ ކިބައިން ތިބާ އުނގެނޭށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *