Support Us

އަޤްޞާ ބްރިގޭޑްގެ އިސްވާރަކު އިސްރާއީލުން މަރާލައިފި

އިސްރާއީލު ސިފައިން މިއަދު ހެނދުނު ހުޅަނގު އައްސޭރީގެ އުތުރު ސަރަޙައްދުގެ ޖަނީން ސަހަރަށް އަރައި ފަތަޙަ ޖަމާޢަތުގެ ޢަސްކަރީ ފިޔަ ކަމުގައިވާ ޝުހަދާއުލް އަޤްޞާ ބްރިގޭޑްގެ އިސްވާރަކު މަރާލައިފިއެވެ. 

އިސްރާއީލު ސިފައިން މި ސަހަރަށް އަރާ ދިން ޙަމަލާގައި  ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ މުވައްޒަފަކު ވެސް ޒަޚަމުކޮށްލިއެވެ. 

އަޤްޞާ ބްރިގޭޑުން މަރާލި އިސްވާރަކީ 32 އަހަރުގެ އަލްކަސްތޫނީ (ފޮޓޯގައި) އެވެ. އޭނާ އަށް އިސްރާއިލު ސިފައިން ދިން ޙަމަލާގައި ބޮލާއި މޭ އަދި ބަނޑަށް ވަޒަން އަރައިފައި ވެއެވެ. ހަސްފަތާލަށް އޭނާ ގެންދިޔައިރު ވަނީ މަރުވެފައެވެ. 

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް އަރައި ދިން ޙަމަލާގައި އެ ވުޒާރާގެ މުވައްޒަފެއްގެ ވެސް މެއަށާއި ބަނޑަށް ވަޒަން އެރުމުގެ ސަބަބުން އޭނާ ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. 

ޖަޒީރާ ބުނަގޮތުގައި އިސްރާއީލު ސިފައިން ޖަނީނަށް އަރައި ކަސްތޫނީ ހުރި ތަން ގޮއްވައިލީއެވެ. އިސްރާއީލު ސިފައިން ޖަނީނުން ފޭބުމުގެ ކުރިން ފަލަސްޠީނުގެ އިތުރު ދެ މީހަކު ހައްޔަރުކުރިއެވެ. އިސްރާއީލު ބުނާގޮތުގައި މިއީ އިސްރާއީލަށް ބޭނުންވެފައިވާ ދެ މީހުންނެވެ. 

 ޝަހީދުކޮށްލި ކަސްތޫނީގެ މަންމަ ބުނިގޮތުގައި އިސްރާއީލު ސިފައިން އެ މީހުންގެ ގެއަށް ވަދެ ކަސްތޫނީ ގަޔަށް ބަޑި ޖަހައި މަރާލުމަށްފަހު އެ ގެއިން ބޭރުން ކަސްތޫނީގެ ކޮއްކޮއާއި ފަލަސްޠީނުގެ ޒުވާނަކު ހައްޔަރުކުރިއެވެ. 

އިސްރާއީލު ސިފައިން އެއްބަސްވާ ގޮތުގައި ޖަނީނަށް އަރައި ދިން ޙަމަލާގެ ތެރޭގައި ހިނގި ކުރިމަތިލުމުގައި އިސްރާއީލު ސިފައިންގެ ސަރަޙައްދީ ފާރަވެރިއަކު ޒަޚަމުވިއެވެ. 

އަނެއްކޮޅުން ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ކަމުގައިވާ ސަރާޔާ އަލްޤުދްސު ބުނާގޮތުގައި ޖަނީނަށް އިސްރާއީލު ސިފައިން އެރުމުގެ ތެރޭގައި އެ ޖަމާޢަތުން ދިން ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ އޮފިސަރަކު ވަނީ ޒަޚަމުވެފައެވެ. ޖަނީން ސަހަރަށާއި މި ސަހަރުގެ ފޭލިގެ  އަވަށްތަކަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަށް ސަރާޔާ އަލްޤުދްސުން ރައްދުދެމުންދާނެ ކަމަށް އެ ޖަމާޢަތުން ބުންޏެވެ. 

ފަލަސްޠީނުގެ ނޫސް އޭޖެންސީ (ވަފާ) ބުނާގޮތުގައި އިސްރާއީލު ސިފައިން މިއަދު ނާބްލުސްއަށް ވެސް އެރިއެވެ. ވަފާ ބުނާގޮތުގައި އިސްރާއީލު ސިފައިން ބުރްޤަތު ނަމަކަށް ކިޔާ ރަށަށް އަރައި މި ރަށުގެ ބައެއް ގެތައް ފާސްކުރިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *