Support Us

ކުރުވާހަކަ: ރަނގަޅު ނޫނިއްޔެވެ.

ރަސްގެފާނުގެ ގަނޑުވަރުގައި ގެންގުޅުއްވި އަންހެން ކައްކާއެކެވެ. މި ކަނބުލޭގެއާއި ރަސްގެފާނާ މާތް ގާތްގުޅުމެއް އުފެދިއްޖެކަން ރަސްގެފާނުގެ އަނބިކަމަނާއަށް ހީފުޅުވެއްޖެއެވެ. ކެއްކުމުގެ އިތުރުން މޭޒުކޮޅު ބެލެހެއްޓުމާއި ރަސްގެފާނަށް ފަރިއްކޮޅު ވަތްކުރުމުގެ މަގާމު އޭރު ފުރަނީ އެ ކައްކާއެވެ. މި ޝައްކެއް ހިނގާފައި ވަނިކޮށް ރަސްގެފާނު އެ ކަނބުލޭގެއާ ހީސަމާސާ ކުރައްވާ އުޅުއްވާތަން ވެސް މަހާރެހެންދިއަށް ފެނިވަޑައިގަންނަވަން ފަށައިފިއެވެ.

މިކަމާ މަހާރެހެންދި ވިސްނާ ފިކުރު ހިންގެވުމަށްފަހު އެއް ދުވަހަކު އެ ކަނބުލޭގެ މަގާމުން ދުރުކޮށް އެ މަޤާމަށް އެ ސަހަރުގައި އެންމެ ފަހުން ބޭއްވި ބޮޑުކައްކާއިންގެ މުބާރާތުން ހުރިހާ ގޮތަކުން އެއްވަނައަށް ދިޔަ ބޮޑު ކައްކާ ހަމަޖައްސަވައިފިއެވެ.

އޭގެފަހުން ގެންނަ ފަރިއްކޮޅެއް އެއް ގޮތަކަށް ވެސް ރަސްގެފާނަށް ކަމަކު ނުދިޔައެވެ. މިކަންތައް ބޮޑުވެގެން އެއް ދުވަހަކު އަނބިކަމަނާ އެބަ އައްސަވައެވެ.

މަހާރެހެންދި: މާތް ސާހިބާއެވެ. ކާއެއްޗެހީގައި މައްސަލައެއް އުޅެނީތޯއެވެ.

ރަސްގެފާނު: އާނއެކެވެ. އެއް ގޮތަކަށް ވެސް މިހާރު މިގެންނަ ކާތަކެތީގައި ރަހަޔަކުން ރަހައެއް ނުލައެވެ.

މަހާރެހެންދި: ލޮނު މަޑީތޯއެވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ލޮނު ގަދައީތޯއެވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ކުޅި މަޑީތޯއެވެ.

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ކުޅިގަދައީއެވެ.

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ފޮނި މަޑީތޯއެވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ފޮނި ގަދައީތޯއެވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ހަވާދު ރަހަ މަޑީތޯވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ހަވާދުރަހަ ގަދައީތޯއެވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: ވަކި ރަހައެއް ގަދަވެފައި ވަކި ރަހައެއް މަޑީތޯއެވެ؟

ރަސްގެފާނު: ނޫނެކެވެ.

މަހާރެހެންދި: އެހެންވިއްޔާ ވަނީ ކީއްތޯއެވެ؟

ރަސްގެފާނު: ހަމަ ކަމުނުދަނިއްޔެވެ.

މަހާރެހެންދި: މާތް ސާހިބާއެވެ. ކުރާނީ ކީއްތޯއެވެ. ތިޔައީ މި ސަހަރުގެ ވަރަށް ގިނަ މީހުންގެ ގޮތެކެވެ. ކަމުގެ ހަގީގަތް އޮންނާނީ ވަންހަނާކޮށްފައެވެ. އެކަމެއް ހާމަކުރާކަށް ނުކެރޭނެއެވެ. އެއީ އެމީހާ ފަލީހަތްވެ ބޭޒާރުވާނެތީއެވެ. ދެން ގޯސްކުރާނީ އެހެން މީހުންނާއި އެހެން ކަންތައްތަކެވެ. އެ މީހަކަށް ރަނގަޅުކަމަށް ހީވާގޮތަށްވުރެ ރަނގަޅު ގޮތެއް އެ މީހަކަށް ނޯންނާނެއެވެ. ތިޔަ އުޅެނީ ރަހައިގެ މައްސަލައެއް ނޫނެވެ.

މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *