މާލީ ކައިރީގައި ސަރަޙައްދީ ރޮނގުމަތީގައި ދިން ޙަމަލާއެއްގައި ނައިޖަރު ސިފައިންގެ 17 މީހަކު މަރުވެ 20 މީހަކު ޒަޚަމުވެއްޖެ އެވެ.
ނައިޖަރުގެ ދިފާޢީ ވުޒާރާގެ ބަޔާން ބުނާގޮތުގައި މިއީ ކޮޓޯގޯ ނަމަކަށް ކިޔާ ރަށް ކައިރީގައި ނިރުބަވެރީން ދިން ކުއްލި ޙަމަލާއެއްގެ ސަބަބުން ލިބުނު ގެއްލުންތަކެކެވެ. ނައިޖަރުގެ ބަޔާން ބުނާގޮތުގައި ޒަޚަމުވި މީހުންގެ ތެރެއިން ހަ މީހަކު ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. މަރުވި ސިފައިންނާއި ޒަޚަމުވި ސިފައިން މިހާރު ވަނީ ވެރިރަށް ނިޔާމީއަށް ގެންގޮސްފައެވެ.
އަނެއްކޮޅުން ބަލާއިރި އެކޮވަސް ޖަމާޢަތުގެ ޤައުމުތަކުގެ ޗީފް އޮފް ސްޓާފުންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ގާނާގެ ވެރިރަށް އަކްރާގައި ބޭއްވޭނެއެވެ. މި ބައްދަލުވުމުގައި އެބޭފުޅުން ބަޙުސް ކުރައްވާނީ ނައިޖަރަށް އަރައި ޢަޒްލު ކޮށްފައިވާ ރައީސް، ރައީސްކަމަށް އިޢާދަކުރުމާ ބެހޭގޮތުންނެވެ.
އަނެއްކޮޅުން ނިޔާމީގައި ހުރި ޖަޒީރާގެ ރިޕޯޓަރު ނައިޖަރުގެ އިންޤިލާބީ މަޖްލިހާ ޙަވާލާދެއްވާ ބުނާގޮތުގައި އެ މަޖިލީހުން އެކޮވަސްއާ ވިޔަސް އަދި އެފްރިކާގެ އިއްތިޙާދާ ކަމުގައި ވިޔަސް ވާހަކަ ދައްކާނީ އެ ޤައުމުގެ ސިޔާދަތަށް އިޙްތިރާމު ކުރާނަމައެވެ. މުރާޤިބުން ދެކޭ ގޮތުގައި މިއީ ގާނާގެ ބައްދަލުވުމަށް ވަރަށް މުހިއްމު ނުކުތާއެކެވެ. އެހެނަސް އެކޮވަސް ޖަމާޢަތް ބުނާގޮތުގައި ޢަސްކަރީ ވަސީލަތުގައި އަތްލާނީ އެހެން ހުރިހާ މަގުތައް ބަންދުވީމައެވެ.
ފަރަންސޭސި ވިލާތުގެ މަޝްހޫރު ލެމޮންޑް ދުވަހު ނޫސް ބުނާގޮތުގައި ނައިޖަރުގެ މަސްއަލަ ބާރުގެ ބޭނުންކޮށްގެން ޙައްލު ކުރުމަކީ އެފްރިކާގެ އިއްތިޙާދުން ދެކޮޅުހަދާ ކަމެއްކަން މި ރޭ އިޢުލާން ކުރާނެއެވެ. ހޯމަ ދުވަހު މި އިއްތިޙާދުން ފެށި މަޝްވަރާތަކުގައި މެންބަރު ޤައުމުތަކުގެ ޚިޔާލުވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. އެފްރިކާ އިއްތިޙާދުގެ މި ނިންމުމުގެ ސަބަބުން އެކޮވަސްގެ ސިޔާސަތަށް ބަދަލުތަކެއް އަންނާނެއެވެ.
ނައިޖީރިޔާގެ ރައީސްގެ ބަޔާން
އެކޮވަސް ޖަމާޢަތުގެ މި ދައުރުގެ ރައީސް ނައިޖީރިޔާގެ ރައީސް ޕޯލާ ޓިނޯޕޯ ވިދާޅުވާ ގޮތުގައި އޭނާ މި މަސްއަލަ ތައުގީދު ކުރައްވަން ބޭނުންފުޅެއް ނުވެއެވެ. ޢަސްކަރީ ފިޔަވަޅުތައް ދެކެ ރައްޔިތުން ބިރުގަންނަ މިންވަރު އޭނާއަށް ވިސްނިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވި ގޮތުގައި ނައިޖަރުގެ ޢަސްކަރީ ވެރީން ރައީސް ބާޒޫމް ބިރުފުޅުގަންނުވަން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައެއް ނުގަނެވޭނެއެވެ.
ނައިޖަރުގެ ޢަސްކަރީ މަޖިލީހުން އެ ޤައުމުގެ ބޮޑުވަޒީރުކަމަށް އިސްކޮށްފައިވާ މުޙައްމަދުލް އަމީން ޒައިން ވިދާޅުވާ ގޮތުގައި ނައިޖަރުގެ މިނިވަންކަން ކަށަވަރުކޮށްދޭ ކޮންމެ ބަޔަކާއެކު ވާހަކަފުޅު ދެއްކެވުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ. ޒައިން މިކަން ހާމަކުރެއްވީ އަވަށްޓެރި ޗާޑަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައެވެ.
ސިފައިންގެ ތެރެއަށް މީހުން ވެއްދުން
އަނެއްކޮޅުން ބަލާއިރު ނައިޖަރުގެ ވެރިރަށް ނިޔާމީގެ ރަށްވެހިން ހަނގުރާމަކުރުމަށާއި ބޭސްފަރުވާގެ ޚިދްމަތް ދިނުމަށާއި ޢަސްކަރީ މަޖިލީހަށް ލޮޖިސްޓިކް އެހީ ދިނުމަށްޓަކައި ދަރުމަވެރީން ހޯދުމުގެ އިސްނެގުމެއް އިޢުލާންކޮށްފިއެވެ. މިއީ ބޭރުން ބަޔަކު އެ ޤައުމަށް އަރައިފާނެތީ އެކަމަށް ތައްޔާރުވުމަށް ޓަކައި ވެރިރަށުގެ ރައްޔިތުން ނެގި އިސްނެގުމެކެވެ. މި އިސްނެގުމުގެ މުއައްސިސެއް ކަމުގައިވާ އަމްސާރޯ ބާކޯ، އެސޯޝޭޓެޑް ޕްރެސްއަށް ވިދާޅުވިގޮތުގައި މި އިސްނެގުމުގެ އަމާޒަކީ ނައިޖަރު ދިފާޢު ކުރުމަށް ޓަކައި ހުރިހާ ރަށްތަކަކުން އެތައް ހާސް ބަޔަކު ސިފައިންގެ ޚިދްމަތަށް ނެރުމެވެ.
"ބޭރުން ބަޔަކު އަރައިފާނެ ކަމަށް ބަލައި އަހުރެމެން ތިބެން ވަނީ ތައްޔާރުވެގެން" ކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްނެގުމުގެ ޢަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ނައިޖަރަށް އަރާނެކަމަށް ބުނާ ނައިޖީރިޔާއާއި ބަނީނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ދަރުމަވެރި ސިފައިންގެ ސަފުތައް ރުކުރުވައިލެވޭނެއެވެ.



advertisment