Support Us

އިސްރާއީލުގެ ލަޝްކަރުގެ ޙާލަތު ވަރަށް ދެރަ: ޙިޒްބުﷲ

އިސްރާއީލުގެ ލަޝްކަރުގެ ޙާލަތު ދުވަހަކުވެސް ދަށަށް ނުދާ މިންވަރަކަށް މިއަދު ދަށަށް ގޮސްފައިވާ ކަމަށް ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އަމީން ޢާންމު ޙަސަން ނަޞްރުﷲ ސިފަކުރައްވައިފިއެވެ. 

އޭނާ މިގޮތަށް އިސްރާއީލުގެ ޢަސްކަރީ ޙާލަތު ސިފަކުރެއްވީ އިސްރާއީލުން ލުބްނާނަށް 2006 ގައި ދިން ޢުދްވާނަށް 17 އަހަރު ފުރުމުގެ ޒިކްރާ އައުކުރައްވަމުން ދެއްވި ޓީވީ ޚިޠާބެއްގައެވެ. މި ހަނގުރާމަ 33 ދުވަހުގެ މުއްދަތަށް ދިގުލައިގެން ދިޔައެވެ. 

ނަޞްރުﷲ ވިދާޅުވިއެވެ. "ތިޔަބައިމީހުން ލުބްނާނާ ދެކޮޅަށް ހަނގުރާމައަކަށް ހިނގައްޖެނަމަ ތިޔަބައިމީހުންނަށް ހިލައިގެ ޒަމާނަށް އިއާދަވާން ޖެހޭނެއެވެ." ނަޞްރުﷲ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "2006ގެ ތާރީޚީ ހަނގުރާމައިގައި ލުބްނާނަށް ކާމިޔާބު ނުލިބުނުނަމަ އިސްރާއީލާއެކު ކަނޑުގެ ސަރަޙައްދު ކަނޑައެއް ނޭޅޭނެއެވެ. ލުބްނާނަށް ތެޔޮ ނެގުމުގެ މަސައްކަތެއް ނުމެކުރެވޭނެއެވެ."

އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ލުބްނާނުގެ ޙައްޤުތަކަށް އަރައިގަންނަން ނުކެރި އޮންނަނީ އިސްރާއީލުން ދޭ ކޮންމެ ޙަމަލާއަކަށް އަހުރެމެން ރައްދު ޙަމަލާއެއް ދޭނެކަން އެނގޭތީއެވެ."

 ނަޞްރުﷲގެ މި ވާހަކަފުޅަކީ އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފް ގެލެންޓް މި މަހު ކުރީކޮޅު ލުބްނާނަށް ދެއްވި އިންޒާރަށް ދިން ރައްދެއް ކަމަށް މީޑިއާތައް ބުނެއެވެ. އޭނާ ޙިޒްބުﷲގެ ޒަޢީމަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "އެއްވެސް ކަތިފިޔަވަޅެއް  ނާޅާށެވެ! ހަނގުރާމައެއް ފެށިއްޖެނަމަ ހިލައިގެ ޒަމާނަށް ލުބްނާނަށް ދާން ޖެހިދާނެއެވެ." 

އިސްރާއީލުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ. "އަހުރެމެން ހަނގުރާމައެއް ބޭނުމެއްނޫނެވެ. އެހެނަސް އަހުރެމެން މި ތިބީ އަހުރެމެންގެ ރައްޔިތުންނާއި ސިފައިންނާއި ސިޔާދަތު ރައްކައުތެރިކުރަން ތައްޔާރަށެވެ."

އިސްރާއީލާއި ޙިޒްބުﷲ އަކީ މި ބާވަތުގެ ގަދަބަސްތައް ބުނަމުންދާ ދެ ފަރާތެވެ. މި ހުސްވި މާރިޗް މަހު ތައްލު އަބީބުގެ މައިމަގެއް މަތީގައި ބޮމެއް ގޮއްވައިލުމުގެ ޙާދިސާއާ ވިދިގެން މިފަދަ ބަޔާންތައް ދިނުން ވަނީ އިތުރުވެފައެވެ. އިސްރާއީލު ބުނާގޮތުގައި މިއީ ޙިޒްބުﷲގެ މީހަކު އިސްރާއީލަށް ވަގަށް ވަދެ ދިން ޙަމަލާއެކެވެ. 

އިސްރާއީލުގެ އުތުރު ސަރަޙައްދާ ގުޅިފައިވާ ދެކުނު ލުބްނާނަކީ ޙިޒްބުﷲގެ ބާރާއި ނުފޫޒުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *