ބިލާހުގެފުސް ވަޔާ ކެހި ގޮސް އިލާހީ ރަހުމަތާއެކުގައި
ހިލާލުގެ ދޯދިތައް ފިރުމާލަނީ އުންމީދަކާއެކުގައި
އުޖާލާ ހަނދުވަރުން އަލިކުރި ފަޒާ މާޒީގެ މޫސުމުގައި
ހިޖާބަވެގެން ދިޔައި އަނދިރީގެ އައި ތޫފާނަކާއެކުގައި
ނިޔަތް ހަޑި ސޫފިތައް ގޮވިހާ ގޮވުންތައް ސިއްރު މަޚްރަޖުގައި
ދިޔައްޔޭ މަޑުވެގެން ކީ ދޫނި އަސްލީ ލަވަތަކާއެކުގައި
ވަހުމްގެ ރިހުންތަކުން ހިތްތައް ތެޅުނުހާ ތުރުތުރާއެކުގައި
ފަހުން ނެތި ގެއްލިގެން ދިޔައީ ލަހުން އައި ފަހުމަކާއެކުގައި
ތޮޅޭ ނަލަ ރޯޅިތައް ފިރުމާހިނދުން ފެހި ގަހުގެ ގޮފިތަކުގައި
ފޮޅޭށޭ މާތަކާއޭ ރީތި ފަރިފަރި ހެލިލުމާއެކުގައި
ހަނދާއޭ އަލި ވިދާލާށޭ ހިނގާ ލޭކަރުނަ ލޯތަކުގައި
އުޖާލާކޮށް ނިޝާން ގައުމީ ހުދާ ފެއްސާ ރަތާ އެކުގައި