މިނިވަންކަމުގެ ފަޒާތެރޭ އުދުހޭށަ ވަރަ ދަމާލަނީ
ފިނިހިތް ވެދާނެ މަންޒިލަށް ބޮސްދޭށަ ފިޔަ މަޅައިލަނީ
ދީބުގެ ގުޅޭ ފުރާނަޔާ ދީނުގެ ފަށުވި ލިބާހުގައި
ރީތީގެ ރަންޖަރީ އަށޭ ޒީނަތުގެ ލޯ ބަލައިލަނީ
އެހެނަސް މިހިރަ ޖެހޭ ވަޔާ ދެމެމުން މިދާ އެކީ އޮޔާ
ބެހެމުން މިދާ މިޒާޖުތައް ކިހިނެއްތަ ހިންދަމާލަނީ
މާޒީގެލޯ ދަމާލުމުން ހާޒިރުވެދާ ހަނދާންތަކުން
ޖާރީވެދާ އުދާސްތަކޭ ބިންތައް މިއަދު ވަށާލަނީ
ކުކުރުންތަކާއި މުގުރުމާ ކަށްބިންތަކުން މިހިރަ އިވޭ
ފިކުރާ އެކީ އަހާލުމުން ކަރުނުންނެ ލޯ ފުރާލަނީ
މޫސުމުގެ އޮނު މިއަދު ފުމޭ އިރު އަޑު ތަފާތު ލަވަތަކުން
ޖޯޝެއްގެ ރާގު އެހުމަށޭ އުންމަތުގެ ވިންދު ތޮޅިލަނީ
އުންމީދުތައް ނަގާ ކޮނޑަށް އަޒުމާއި ހިއްވަރާ އެކީ
ހުންގާނު ރީތި ބައްޓަމަށް ގެންނާށެ ދެން ގޮވާލަނީ
ބަސްމަގުގެ ވިހަ ގަތާ ދުލުން ކަސްތަޅުތަކުން ނަޖާވެގެން
އަސްލެއްގެ ރީތި ހައްގަށޭ ގަސްދުން މި ޕަރުމަރާލަނީ