ފޮޅާލީ ހިނދުން އަދު މަތާރަންފިލާމަތި
އަޅައިގަތް ފޮތެއްގައި ކަހާ ކުނި އިލޮށިފަތި
ނަގައިގެން ބަލައިލީ ވަގުތު ބޭރުގަނޑުވެސް
ބަގުޑިބެއްދި އިހްސާސްތަކާއެކުވެ ހިތްދަތި
ލިޔަސް ތުރުތުރެއް އަތް ކިޔާލަން ހިތުން ދިން
ނިޔާއިން ބަލައިލީ، އެ މާޒީވި ކުރިމަތި
ހިމޭން ދުނިޔެއެއްގައި ހިތާ ހިތް ގުޅާލައި
ވުމަށްކުރި އަހުދު ފޮނި ތެދުވެ ވެއްޖެ ލޯމަތި
ބަލަން ނޭދުނަސްވެސް އެ މަންޒަރުގެ އަސަރުން
ލޮލުން ނުކުތުމަށް ކަރުނަ ލަޝްކަރުވި ދީލަތި
ކަރާކަރު މަހާލައި އުފާތައް އުރައިގެން
އެރޭ ލަވަކިޔައިދީ ކެނބީ ލޯބި ކަނދުފަތި
ހަނދާ ތަރިތަކާ ދައުރުވާހެން ނިމުންނެތް
އަނދާ އިޝްޤު، ލަފުޒަށް ވެފާއޮތް އަކުރުގެތި
ކަފާ ހިތް ދުރަށް ދިޔަ ސަބަބަކީ އިނގޭތޯ
އުފާ އިޝްގު ލައްޒަތު ނުދޭތީ އިމެއްނެތި
ރިޔާ ހިތުގެ ތިރިކޮށްލި މާޒީގެ ޞަފްހާ
އޮޔާބެހި ހިގައްޖޭ، ހަޔާތް ވެއްޖެ ކަންފަތި