Support Us

ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމު

ނައިބު ރައީސް ފައިސަލްގެ 50 ވަނަ އުފަންދުވަސް ފާހަގަކުރެއްވުމަށް ޚާއްސަ ހަފުލާއެއް

ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމުގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރެއްވުމަށް ޚާއްސަ ހަފުލާއެއް މާދަމާ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ގިޔާސުއްދީން ސްކޫލްގައި ބާއްވަވާ "ފައިސަލް 50″ ރަންޔޫބީލް ހަފުލާއަށް ނައިބު ރައީސްގެ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނާއި ގާތް ރައްޓެހިންނަށް ދައުވަތު ފޮނުއްވަމުން އެބަގެންދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން "އަދިވެސް" އަށް ވަނީ ކަށަވަރުވެފައެވެ.

ފުވައްމުލަކު، ފުނާޑު އަވަށުގައި، 1973 ޖުލައި 20 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ފައިސަލް، ނައިބު ރައީސް ކަމަށް އިންތިހާބުވީ 23 ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ޕާޓްނަރު، ޖުމްހޫރީ ޕާޓީގެ ރަނިންމޭޓެއްގެ ގޮތުން ވާދަކުރައްވައެވެ. ރައީސް ސޯލިހާއެކު 2018 ނޮވެމްބަރު 17 ގައި ހުވާކުރެއްވި ފައިސަލް ވެވަޑައިގެންފައިވަނީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަސް ވަންދެން މަގާމުގައި ދެމިހުންނެވި ނައިބު ރައީސަށެވެ. ރައީސް ސޯލިހުގެ ކުރިން ރައީސްކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ދައުރު ނިމެންދެން އެއްވެސް ނައިބު ރައީސަކު މަގާމަކު ދެމިނުހުންނަވައެވެ. އަމްދުން ރައީސް ޔާމީންގެ ފަސް އަހަރުގެ ސަރުކާރުގައި ތިން ބޭފުޅަކު ނައިބު ރައީސްކަން ކުރެއްވިއެވެ. އެއީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އެ މަނިކުފާނު މަގާމުން ދުރުކޮށް ރައީސް އައްޔަން ކުރެއްވި އަހުމަދު އަދީބާއި، އަދީބު މަގާމުން ދުރުކޮށް ރައީސް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދެވެ.

މަޑުމައިތިރި އަދި އެންމެނާ ވެސް ގުޅޭ، ހިތްޕުޅު ތިރި މިޒާޖެއްގެ ފައިސަލް ހިލާލީގެއަށް ވެންނެވުމުގެ ކުރިން، ރައްޔިތުންގެ މަޖިލިސްގެ ކާށިދޫ ދާއިރާގެ މެމްބަރުކަން 2014 އިން 2018 އަށް ކުރެއްވިއެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ފުވައްމުލަކު މެމްބަރުކަން ވެސް 2004 އިން 2008 އަށް ކުރައްވައިފައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައިވާ ފައިސަލް، ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން މަސައްކަތް ކުރެއްވީ މަހުޖަނު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓުތަކުގައެވެ. އެންމެ ފަހުން އެމަނިކުފާނު އަދާކުރެއްވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ. އެ ދުވަސްވަރު ފައިސަލް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ އިޖުތިމާއީ ތަފާތު ހަރަކާތްތައް ހިލޭސާބަހަށް ހިންގެވި ބޭފުޅެއްގެ ގޮތުގައެވެ. އުފަންރަށުގެ ޒުވާނުންގެ ތަރައްގީ އަށް ވެސް ވަރަށް ގިނަ ކުޅިވަރު މުބާރާތްތައް ބާއްވަވައި ތަފާތު ހިދުމަތްތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ ރޮނގުން ހިދުމަތްކުރެއްވުމުގެ ޒުވާނުންގެ ގައުމީ އިނާމު 1999 ގައި ފައިސަލަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެ ދާއިރާގެ "ޚާއްސަ އިނާމު" 2015 ގައި ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެމްބަސަޑަރުކަން ވެސް 2014 ގައި އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ 2022 ފެބްރުވަރީ 25ގައި ފައިސަލް (ވ) ކުރައްވަނީ: އަދިވެސް ހުންނެވީ އެ ހުވާގެ މަތީގައި

ނައިބު ރައީސް ފައިސަލް ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފައި ވަނީ، ރައީސް ސޯލިހުގެ ސަރޖަރީއެއް ހަދަންވެގެން ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އޮންނަވައި ހޭފުޅު ނައްޓަންޖެހުމުން، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވައި، 2022 ފެބްރުވަރީ 25 ވީ ހުކުރު ދުވަހުގެ ހެނދުނު، ތިން ގަޑިއިރާއި 30 މިނިޓްވަންދެން ރައީސުލްޖުމްހޫރިއްޔާކަން ވެސް ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. ނައިބު ރައީސްކަމުގެ ހުވާ ފަހުން ނުކުރައްވާތީ، އެ ދުވަހުން ފެށިގެން ފައިސަލް އަދިވެސް ދެމިހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ހުވާގެ މަތީގައެވެ. އެހެންކަމުން މިހާރުގެ ހަގީގީ ރައީސުލްޖުމްހޫރިއްޔާ އަކީ އަދިވެސް ފައިސަލް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ގާނޫނީ ބައެއް މާހިރުން ވެސް ވަކާލާތު ކުރެއެވެ. އެ މައްސަލަ ސާފުކުރުމަށް އިދިކޮޅު މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ. އަދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމު ކޯޓަށް ވެސް ބަޔަކު ހުށަހެޅިއެވެ. ނަމަވެސް އެ ދެ ތަނުން ވެސް ވަނީ އެ މައްސަލަ ނުބަލައި ބޭރުކޮށްލައިފައެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ދެ ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައި ރައީސް ސޯލިހު މިހާރު ގެންދަވަނީ ކެމްޕޭނުވެސް ކުރައްވަމުންނެވެ. ނަމަވެސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އާއި ސަން ސިޔާމުގެ އެމް.ޑީ.އޭ އާއެކު ކޯލީޝަން ހައްދަވައިގެން ކެމްޕޭނު ކުރައްވާ ރައީސް ސޯލިހުގެ ރަނިންމޭޓެއް މިހާތަނަށް އިއުލާން ކުރައްވައިފައެއް ނުވެއެވެ. ނަމަވެސް ފައިސަލަކީ ވެސް ދެ ވަނަ ދައުރެއްގައި ވެސް ރައީސް ސޯލިހުގެ ނައިބަކަށް ހޮއްވަވާފާނެ ބޭފުޅެއްގެ ގޮތުގައި ވަރަށް ބޮޑަށް ބެލެވޭ ބޭފުޅެކެވެ. ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރަނިންމޭޓަކާ ބެހޭ ގޮތުން ކޯލީޝަން ޕާޓްނަރުންނާއެކު ކޮންމެ ރެއަކުހެން މަޝްވަރާ ކުރައްވާ ކަމަށާއި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

ރައީސް ސޯލިހު އަރިހުގައި ފައިސަލް (ވ) ޖަލްސާއެއްގައި: ދެންވެސް ހުންނަވާނީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި

ނައިބު ރައީސް ކަމަށް ފައިސަލް އިންތިހާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ވިޔަސް، އިންތިހާބަށްފަހު އެ ޕާޓީއާ މާ ބޮޑު ގުޅުމެއް އޮންނަ ކަމަކަށް ނުވެއެވެ. މިގޮތުން 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުތެރޭގައި ވެސް ފައިސަލް ފެނިފައި ވަނީ ރައީސް ސޯލިހާއެކު، އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރައްވަމުން ގެންދެވި ތަނެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާއިރު، އެ ޕާޓީގެ އެއްވެސް ހަރަކާތަކުން ވެސް ފައިސަލެއް ނުފެނެއެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދިވެސް ހުންނެވި ފައިސަލް ނިންމަވައިފައި ވަނީ އެ މަނިކުފާނު ހުންނަވާނީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވެރީން ދީނާ ފޭ ވެއްޖެއްޔާ ދެން ރައްޔިތުންގެ ހާލަކީ ކޮބައިތޯ؟
    ބާޠުޑޭ ޕާޓީއަކީ ރަސޫލުﷲޞައްލަﷲޢަލައި ވަސައްލަމް ކުރެއްވި ކަމެއްތޯ؟ އަސްހާބު ބޭކަލުންގެ ތެރޭގައި އެކަން ކުރެއްވި އަދަދަކީ ޒީރޯ. ތާބިޢީންނާއި އަތުބާޢުތާބިޢީންގެ ޢަދަދަކީ ވެސް އެއީ. ދެން ނަސްރާނީންނާއި އަޅުގަނޑުމެން އެއްގޮތްް ވެއްޖެއްޔާ އެމީހުންގެ ތެރެއިން ނޫންތޯ އެ ހިމެނުނީ. ޤައުމުގެ ވެރިން މިފަދަ ބިދުޢައިގެ މެސެޖު ރައްޔިތުންނަށް ނުދިނުމަށް ގޮވާލަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *