Support Us

އައިޝަތު މުހައްމަދު ދީދީގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުއްވަނީ

ސަފީރުކަމުން ވަޒީރުކަމަށް

ސަފީރުކަމުގެ މަގާމު ރާއްޖެއިން ބޭރުގައި އަދާކުރައްވަމުން ގެންދަވަނިކޮށް، ވަޒީރުކަމުގެ ގޮނޑިއެއް ހުސްވެގެން މިހާތަނަށް ހަތަރު ބޭފުޅަކު މާލެ ގެންނަވައި، ވަޒީރުކަން ވަނީ ދެއްވައިފަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދެ ބޭފުޅުން އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ދެ ބޭފުޅުންނެވެ.

ޑރ. އާސިމަށް ފޮރިން މިނިސްޓަރުކަމުގެ މަގާމު ރައީސް ޔާމީން ދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ޑރ. މުހައްމަދު އާސިމް: ބަންގްލަދޭޝްގައި ހުންނެވި ސަފީރު ކަމުން ފޮރިން މިނިސްޓަރު ކަމަށް

ޑރ. މުހައްމަދު އާސިމުގެ ޑިޕްލޮމެޓިކް ކެރިއަރ ފެއްޓެވީ، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ ހައްސިއްޔަތުން 2004 ގަ އެވެ. އަދި ޕާކިސްތާނާއި ބަންގްލަދޭޝަށް ކަނޑައަޅައިފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުކަން ވެސް އެ ދުވަސްވަރު ޑރ. އާސިމް ކުރެއްވި އެވެ.

އެއަށްފަހު، 2007 އިން 2008 އަށް، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމާއި ޔޫރަޕިއަން ޔޫނިއަންގައި ހުންނަ ރާއްޖޭގެ މިޝަންގެ ވެރިޔާގެ މަގާމަށް ޑރ. އާސިމް އައްޔަން ކުރެއްވި އެވެ. އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2013 ގައި ޑރ. އާސިމް އަނެއްކާ ވެސް ވަނީ ޔޫރަޕިއަން ޔޫނިއަންގައި ހުންނަ ރާއްޖޭގެ މިޝަންގެ ވެރިޔަކަށް އައްޔަން ކުރެއްވި އެވެ. އޭގެ ފަހުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް 13 ސެޕްޓެމްބަރު 2015 ގައި ޑރ. އާސިމް އައްޔަންކުރެއްވި އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރު، ދުންޔާ މައުމޫން 5 ޖުލައި 2016 ގައި އިސްތިއުފާ ދެއްވުމުން، ދާކާގައި ހުންނެވި ޑރ. އާސިމް ވަގުތުން މާލެ ގެންނަވައި، 13 ޖުލައި 2016 ގައި ފޮރިން މިނިސްޓަރުކަމަށް އައްޔަން ކުރެއްވިއެވެ. ރައީސް ޔާމީންގެ ދައުރު 2018 ނޮވެމްބަރު 17 ގައި ނިމެންދެން ޑރ. އާސިމް ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ދެމިހުންނެވި އެވެ.

މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރުކަން ރައީސް ޔާމީން ދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް: ޕާކިސްތާނުގައި ހުންނެވި ސަފީރު ކަމުން ޑިފެންސް މިނިސްޓަރު ކަމަށް

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި، ހަނގުރާމައިގެ މައިދާނުގައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލްކަމާ މެދަކު ޝައްކެއް ނެތެވެ. ގައުމީ ދިފާއީ ބާރުގެ ތަފާތު ރޭންކުތަކުގައި 32 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޖަލީލް އައްޔަން ކުރެއްވީ 18 ނޮވެމްބަރު 2018 ގައި ރައީސް މުހައްމަދު ނަޝީދެވެ. ހަތަރު ވަރަކަށް އަހަރު ދުވަހު އެ މަގާމުގައި ހުންނެވުމަށްފަހު ޝަރަފުވެރިކަމާއެކު ޖަލީލު ރިޓަޔަރ ކުރެއްވީ، ރައީސް ނަޝީދު 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވުމުން، ޖެހިގެން އައި ދުވަހު އެވެ.

އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް، 19 މޭ 2014 ގައި ޖަލީލް އައްޔަންކުރެއްވި އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ޑިފެންސްް މިނިސްޓަރު، ކާނަލް މުހައްމަދު ނާޒިމުގެ ނިދާ ކޮޓަރިން އެއްރޭ ދަންވަރު "ޖާދޫ ފިސްތޯލަ"އެއް "ފެނިގެން" އެ މައްސަލައިގައި ނާޒިމް ވަޒީރުކަމުން ވަކިކުރެއްވީ 20 ޖެނުއަރީ 2015 ގައެވެ. އެއާއެކު ޕާކިސްތާނުގައި ހުންނެވި ސަފީރު، މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލު ވަގުތުން މާލެ ގެންނަވައި، ހަމަ އެ ދުވަހު ޑިފެންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި އެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުކަމުގައި ނުވަ ވަރަކަށް މަސް ވީތަނާ، 14 އޮކްޓޫބަރު 2015 ގައި ޖަލީލް މަގާމުން ވަކިކުރެއްވި އެވެ.

އައިޝަތު މުހައްމަދު ދީދީ އަށް ޖެންޑަރ މިނިސްޓަރުކަން ރައީސް ސޯލިހް ދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

އައިޝަތު މުހައްމަދު ދީދީ: އިންޑިއާގައި ހުންނެވި ސަފީރު ކަމުން ޖެންޑަރ މިނިސްޓަރު ކަމަށް

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަގާމު، އައްޑު އަތޮޅަށް އުފަން އައިޝަތު މުހައްމަދު ދީދީ އެންމެ ފުރަތަމަ އަދާކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، ޖުލައި 2005 އިން ނޮވެމްބަރު 2008 އަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގައި، ރައީސް މައުމޫންގެ އެމް.އާރް.އެމްގެ ސްލޮޓެއްގައި އިންޑިއާ އަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ 16 ޑިސެމްބަރު 2018 ގަ އެވެ. އަދި ބޫޓާނަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމު ވެސް އެކަމަނާ އަދާކުރެއްވި އެވެ.

ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި، އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު، ތަފާތު ސަބަބުތަކާ ހުރެ އިސްތިއުފާ ދެއްވީ 6 ފެބްރުއަރީ 2020 ގަ އެވެ. އެއާއެކު، ނިއު ދިއްލީގައި ހުންނެވި އައިޝަތު މުހައްމަދު ދީދީ މާލެ ގެންނަވައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމަށް އައްޔަން ކުރެއްވީ 9 ފެބްރުއަރީ 2020 ގަ އެވެ.

ޑރ. މައުސޫމަށް ޓޫރިޒަމް މިނިސްޓަރުކަން ރައީސް ސޯލިހް ދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

ޑރ. އަބްދުﷲ މައުސޫމް: ސިންގަޕޫރުގައި ހުންނެވި ސަފީރު ކަމުން ޓޫރިޒަމް މިނިސްޓަރު ކަމަށް

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމަށް، ހއ. ކެލައަށް އުފަން ޑރ. އަބްދުﷲ މައުސޫމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، 15 ޖުލައި 2008 ގަ އެވެ. އޭގެ ފަހުން، 29 ސެޕްޓެމްބަރު 2008 ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނާޖީ އެންޑް ވޯޓަރގެ މަގާމަށް އޭނާ އައްޔަންކުރެއްވި އެވެ. ރައީސް މައުމޫންގެ ދައުރު 10 ނޮވެމްބަރު 2008 ގައި ނިމެންދެން ޑރ. މައުސޫމް އެ މަގާމުގައި ހުންނެވި އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސިންގަޕޫރަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމަށް ޑރ. މައުސޫމް އައްޔަން ކުރެއްވީ 18 ފެބްރުއަރީ 2019 ގަ އެވެ.

ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެެ ރައީސް އަލީ ވަހީދު މިދިޔަ މޭ މަހުގެ 9 ގައި މަގާމުން ވަކިކުރެއްވުމަށްފަހު މިހާތަނަށް އެ މަގާމު އޮތީ ހުހަށެވެ. ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހު ހުސްކޮށް އޮތް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. މައުސޫމް އައްޔަން ކުރެއްވީ މިއަދު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *