Support Us

މާދެލި ފަޅުވީ ކިހިނެއްވެގެންކަން އެނގޭތަ؟

ދ. މާދެއްޔަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ބުނެވޭ ގޮތުގައި އެ ރަށުގެ މީހުން ބަދަލުވީ އެ އަތޮޅު ހުޅުދެއްޔަށެވެ. މި ވާހަކައަށް ބާރުދޭ ތާރީޚީ ހެކިތައް އެ ދެ ރަށުން ވެސް ފެންނަން ހުއްޓެވެ. މާދެލީގައި ހުރި މިސްކިތްތަކާއި ގޭގޭގެ ތަރާގަނޑުތަކާއި ވަޅުފަދަ ތަންތަނުގެ ގާފޮޅުތަކާއި ކަށްފާތަކަކީ މީގެ ހެއްކެކެވެ. ހުޅުދެލީގައި ދާދި ފަހަކާ ޖެހެންދެން ހުރި މާދެލީ މިސްކިތް ނުވަތަ ދޮރޯށި މިސްކިތަކީ ވެސް މި ވާހަކައިގެ ހެއްކެކެވެ. ހުޅުދެލީގައި ހުރި މާދެލީ މިސްކިތަކީ މާދެލީ މީހުން ހުޅުދެއްޔަށް ބަދަލުވުމަށްފަހު އެ މީހުން ނަމާދުކުރުމަށް ބިނާކުރި ހިރިގަލުގެ މިސްކިތެކެވެ. ފަހުން މި މިސްކިތަށް ކިޔެމުން އައީ ދޮރޯށި މިސްކިތެކެވެ. އެގޮތަށް ނަން ކިޔުނީ ހުޅުދެލީގައި އޭރު މާދެލި މިސްކިތް ފިޔަވައި ދޮރުއަށި ހުންނަ މިސްކިތެއް ނުހުންނާތީއެވެ.

މާދެއްޔާއި ހުޅުދެއްޔަކީ ނަމުގެގޮތުން ބެއްޔަސް ގާތް ދެ ރަށްކަން އެނގެއެވެ. ބުނެވޭގޮތުގައި މާދެއްޔަށް "މާދެލި" ކިޔަނީ އެއީ ހުޅުދެލީ މީހުން ތިލޭރުކަން ނުވަތަ އަތްކަންކުރުމަށް ބޭނުންވާ ދެލި ހަދާ މާ ނުވަތަ ބޮޑު ރަށަށް ވާތީއެވެ. ހުޅުދެލި ކިޔަނީ ތިލޭރުކަން ކުރުމަށް ދެއްޔަށް ހުޅުލާތީ ކަމަށް ބުނެވެއެވެ. ހުޅުދެއްޔަކީ ޒަމާނުއްސުރެ ތިލޭރުކަމަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއްރަށެވެ.

މާދެލި ފަޅުވިގޮތާ ބެހޭގޮތުން ކިޔާ އުޅޭ ފޯކުލޯރެއް އޮވެއެވެ. އެ ވާހަކައިގައި ކިޔާ އުޅޭގޮތުން މާދެލި މީހުން ހުޅުދެއްޔަށް ބަދަލުވީ މީހުން މަރުވާ އަދަދު ގިނަވެގެންގޮސް، ވަޅުނުލެވި ފަސްމަތީގައި ކަށްތައް ގިނަވެ މުޅި ރަށް ނާމާންވެގެންނެވެ.

ކޮންމެ ދުވަހަކު އިރުއޮއްސޭ ދަޅަމައްޗަށް ރަށުގެ ވަލުތެރެއިން ނުކުމެގެން އަންނަނީ ވަރަށް ވަރަށް ބޮޑު ރަތް ހާލެކެވެ. އާދައިގެ ކުކުޅު ހާލަށްވުރެ ބޮޑު ހާލެކެވެ. ވަލުތެރެއިން ނުކުމެގެން އައިސް އެކި ދުވަހު ރަށުގެ އެކި ހިސާބުގައި ގޮވާހަދައެވެ. ގޭގޭގެ ދޮރުމައްޗަށް އަރައި، "ކައްކަކާކޯ" އޭ ކިޔާ ގޮވާލައެވެ. އެ އަޑު އިވޭ މީހުން ކިޔައެވެ. އާންމުކޮށް ހާގޮވާ އަޑަށްވުރެ މާރީތި އަޑެކެވެ. އެ ހާ ފެންނަ މީހުން ބުނެއެވެ. އެހެން ހާތަކަށްވުރެ މާ ރީތި އަދި މާ ބޮޑު ހާލެކެވެ. އެ އަޑު އިވޭ ކޮންމެ މީހަކު އަނެއް ދުވަހަށް އިރުއަރާއިރު އޮންނަނީ މަރުވެފައެވެ. އެންމެ ފުރަތަމަ މި ވާގޮތެއް އެނގޭ ހަމަ އެކަކު ވެސް ނޫޅެއެވެ. ގިނަ ފަހަރަށް މަރުވަމުން ދިޔައީ ބޮޑެތިބޮޑެތި އާއިލާތައް އެއްކޮށެވެ. މިގޮތަށް ހަފުތާގެ އަށްޑުވަސް ފާއިތުވިއިރު އެ ރަށުން ކަފުނާއި ކަފައާއި ސަންދޯއްޖަހާ ފިލަޔާ ހުސްވެއްޖެއެވެ. މީހުން މަރުވާވަރު ގިނަކަމުން ވަޅުލެވޭނެ ގޮތެއްނެތިފައި ފަސްމަތީގައި ކަށްތައް ކުނިވެ މުޅި ރަށް ނާމާންވެއްޖެއެވެ. ވިގަނި ދުނިޖަހައި މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ ގޭގެއިން ނިކުންނަށް ނުކެރި އެ މީހަކު ދަންނަ ހެޔޮ އެއްޗެއް ކިޔައިގެން ގޭގޭގެ ދޮރު ލައްޕައިގެން ތިބުން ނޫންގޮތެއް ނެތިއްޖެއެވެ.

މި ހާލަތަށް ދިޔައިރު މާދެލީގެ ވެރިޔަކަށް ހުރީ އޮޅިންގިނާކަލޯ ކިޔާ މީހެކެވެ. މިވާގޮތް އޮޅިންގިނާކަލޯ ދެނެގަނެއްޖެއެވެ. ކޮންމެ ރެއަކު ޢިޝާ ނަމާދުން ފައިބައިގެން ރަށުގެ އެކި ހިސާބުގަނޑަށް އޭނާގެ ފަސް ދަރީން ފޮނުވައިގެން ބެލި ބެލުންތަކަކުން މީހުން މަރުވަމުން ދަނީ ކޮންމެ ދުވަހަކު އިރުއޮއްސޭ ދަޅަމަތީގައި ރަށުތެރެއަށް އަރައިގެން އަންނަ ހާލެއްގެ ސަބަބުންކަން އެނގިއްޖެއެވެ. މިކަމުން ރަށް ސަލާމަތްކުރުމަށް އޮޅިންގިނާކަލޯ ނުހަދާ ފަންޑިތައެއް ނެތެވެ. އެންމެ ފަހުން އޮޅިންގިނާކަލޯ ހުސްވެއްޖެއެވެ. އެ ހިސާބަށް ދިއުމުން އޭނާގެ ފަސް ދަރިން ކައިރިއަށް ގެނެސްފައި ބުނެއްޕެވެ. ދަރިންނޭވެއެވެ. މި ރަށުގައި ސަލާމަތުން ތިބި ބަޔަކާއެކު ވީހާ އަވަހަކަށް ކައިރީގައި މިއޮތް ހުޅުދެއްޔަށް ދާން އުޅޭށެވެ. އެހެން ނޫނީ ހަމަ އެންމެ މީހަކު ވެސް މި ރަށަކުން ސަލާމަތެއް ނުވާނެއެވެ. އެ ވާހަކަ ދެއްކިރޭ އޮޅިންގިނާކަލޯ މަރުވެއްޖެއެވެ. ބައްޕަކުރި ވަސިއްޔަތާ އެއްގޮތަށް އޮޅިންގިނާކަލޯގެ ފަސް ދަރިން އިސްވެތިބެގެން މާދެލީގައި ސަލާމަތުން ތިބި މީހަކު ވިއްޔާ ގޮވައިގެން އަނެއް ދުވަހު ހުޅުދެއްޔަށް ބަދަލުވެއްޖެއެވެ. އޮޅިންގިނާކަލޯގެ ފަސް ދަރިންނާއެކު މާދެލިން ހުޅުދެއްޔަށް ހައެއްކަ ސަތޭކަ މީހުން ބަދަލުވި ކަމަށްވެއެވެ.

ހުޅުދެލީގައި ހުރި މާދެލީ މިސްކިތް (ފަހުން ކިޔާ އުޅުނީ ހުޅުދެލީ ދޮރޯށި މިސްކިތް)

ހުޅުދެއްޔަށް ބަދަލުވީ ނަމަވެސް މާދެލީ މީހުން ހުޅުދެލީގައި އުޅުނީ ހުޅުދެލީ މީހުންނާ ވަކިންނެވެ. މަސައްކަތްތެރިކަމުގެ ގޮތުން ބަލާއިރު ހުޅުދެލީ މީހުންނަކީ މާމަތީ ފެންވަރެއްގެ ބަޔަކަށްވެފައި، މާދެލީ މީހުންނަކީ އެއަށްވުރެ މާ ދަށް ފެންވަރުގެ ބައެއް ކަމުގައިވާތީއެވެ. ހުޅުދެލީގައި އެންމެ ފުރަތަމަ މާދެލީ މީހުން ވަޒަންވެރިވެގެން އުޅުނުއިރު އެ މީހުންގެ ވެރިންނަށް ތިބީ އޮޅިންގިނާކަލޯގެ ފަސް ދަރިންނެވެ. މާދެލީ މިސްކިތުގެ ގޯތިތެރޭގައި އޮންނަ އޮތް މަހާނަފަލުގައި އޮޅިންގިނާކަލޯގެ ފަސްދަރިންގެ ފަސް މަހާނަ ހުއްޓެވެ.

މާދެލި މީހުން ހުޅުދެއްޔަށް ބަދަލުވީ ކޮން ތާރީޚެއްގައި ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އެއީ އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް ޢާދިލް (1691-1692) ގެ ރަސްކަމުގެ ދުވަސްވަރުގައި ކަމަށް ބުނެއެވެ. ތާރީޚަށް ބަލާއިރު އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން (1767-1773) ގެ ރަސްކަމުގައި މާދެއްޔަކީ ހުޅުދެލީ މީހުންގެ ވަޤުފު ރަށެއްކަމުގައި ހަމަޖައްސަވާފައިވެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *