Support Us

ޙައްޖުވެރިން މިނާއަށް ދާން ފަށައިފި

ތަރްވިޔާ ދުވަސް (ޙައްޖުމަހުގެ އަށް ވަނަ ދުވަސް) އެތާނގައި ހޭދަކުރުމަށް ޓަކައި ޙައްޖާޖީން މިއަދު ހެނދުނު މިނާއަށް ދާން ފަށައިފިއެވެ.

މިނާގައި ޙައްޖުވެރިން މި ރޭ ރޭކުރުމަކީ ޙައްޖުގެ ވާޖިބުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. މި ދުވަހަށް ތަރްވިޔާ ދުވަހޭ ކިޔުނީ ޙައްޖުވެރިން އެމީހުންނަށް ބޭނުންވާ ފެން ހިފައިގެން މިނާއަށް ދާތީއެވެ.

މިނާގައި މި ރޭ ތިބުމަށްފަހު މާދަމާ ހެނދުނު ޙައްޖުވެރިން ޢަރަފާތަށް ދާނެއެވެ. ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ އެންމެ އެންމެ މުހިއްމު ރުކްނެވެ. ޙައްޖު މަހުގެ ނުވަ ވަނަ ދުވަހު މެންދުރުނަމާދާއި ޢަޞްރުނަމާދު ކުރާނީ މެންދުރުނަމާދުގެ ވަގުތުގައި ޖަމްޢުކޮށް ޤަޞްރުކޮށްނެވެ. މާދަމާ އިރު އޮއްސުމުން ޙައްޖުވެރީން ޢަރަފާތު ބިމުން ފައިބަން ފަށާނެއެވެ. އަދި 10 ވަނަ ރޭ އެމީހުން ތިބޭނީ މުޒްދަލިފާގައެވެ. އެ ރޭ މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ކުރާނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ޙައްޖު މަހުގެ 10ވަނަ ދުވަހު ހެނދުނު ޙައްޖުވެރީން އަލުން މިނާއަށް ދާނެއެވެ. އަދި 10ވަނަ ދުވަހު ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެއެވެ. އެއަށްފަހު ބޯބާލާނީއެވެ. ނުވަތަ ކުރުކުރާނީއެވެ. އަދި ހަދްޔު ކަތިލާނީއެވެ. އެ ހިސާބުން ޙައްޖުވެރިންނަށް ކުޑަ ތަޙައްލުލުވެވޭނެއެވެ. އިޙްރާމް ހެދުން ބާލައި އާދައިގެ ހެދުން ލެވޭނެއެވެ.

ސުޢޫދީ ސަރުކާރުން ހާމަކުރި ގޮތުގައި ބޭރުން މިއަހަރު 1.6 މިލިއަން މީހުން ޙައްޖުވާނެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ޙައްޖާ ބެހޭ ވުޒާރާ ބުނާގޮތުގައި އެ މިނިސްޓްރީން ވަނީ ޙައްޖަށް ޓަކައި 1.8 މިލިއަން ވީޒާ ދޫކޮށްފައެވެ. އެހެންކަމުން އެތެރެއިންނާއި ބޭރުން ޙައްޖަށް އަންނަ މީހުންގެ ޢަދަދު 2.6 ްަށް ދާނެއެވެ.
މި ދިޔަ އަހަރު ޙައްޖުގެ ފަރީޟާ އަދާކޮށްފައި ވަނީ 926 ހާސް މީހުންނެވެ. ބޭރުން އައިސްފައި ވަނީ 781 ހާސް މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *