Support Us

އަލިފާންވެރިންނާއި ކޯރާޑިއާ އޮތީ ކޮން ގުޅުމެއް؟

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަރަށް ފުރިހަމަ ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލަންއިން އާންމުންގެ މީހަކު ސުވާލުކުރާތީ އަޑުއިވުނެވެ. "ފަޔަރ ފައިޓަރުންނާއި ކޯރާޑިއާ ހުރީ ކޮން ގުޅުމެއްހެއްޔެވެ؟"

އަލިފާން ނިއްވާމީހުން ނުވަތަ އަލިފާންވެރިން (އަލިފާންވެރިން މިއީ ފަޔަރ ފައިޓަރުންނަށް އަޅުގަނޑު ބޭނުންކުރާ ލަފުޒެކެވެ.) ބޭނުންކުރާ ކޯރާޑިއަކީ އެ މީހުންދޭ އިންސާނީ މަތިވެރި ޚިދުމަތްތަކަށް ވަރަށް މުހިންމު ހަތިޔާރެކެވެ. އިމަޖެންސީ ހާލަތްތަކުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެންމެ މުހިންމު އެއް ހަތިޔާރެވެ. އަލިފާންވެރިންގެ ގިނި ކޯރާޑި (ފަޔަރ އެކްސް) އަކީ އަލިފާންވެރިންގެ ރަމުޒެކެވެ.

ގިނި ކޯރާޑީގެ ތަފާތު ވައްތަރުތައް ބޭނުންކުރިޔަސް އަލިފާންވެރިން އާންމުކޮށް ބޭނުންކުރާ ގިނި ކޯރާޑީގެ އެންމެ ބޮޑު ތަފާތަކީ ކޯރާޑީގެ ބޯ ހުންނަގޮތެވެ. އާންމުކޮށް ބޭނުންކުރާ ގިނި ކޯރާޑީގައި ތޫނު ތިލަޔަކާއެކު ތިލައިގެ އަނެއް ކޮޅުގައި ކައްޓިދަތެއް ހުރުމެވެ. މިގޮތަށް ފަރުމާކޮށްފައި ހުރުމުން އެއް ހަތިޔާރަކުން ގިނަ ބޭނުންތަކެއް ކުރެވެއެވެ.

އަލިފާންވެރިން ގެންގުޅޭ ގިނި ކޯރާޑީގެ އާންމު ބޭނުންތަކަކީ ބަންދުވެފައި ހުންނަ ތަންތަނަށް އަދި އުޅަނދުތަކަށް އަވަހަށް ވަދެވޭ ގޮތް ހެދުމާއި އެފަދަ ތަނަކުން ނުކުމެވޭގޮތް ހެދުމެވެ. ބަންދުވެފައި ހުންނަ ދޮރުތައް ހުޅުވާށާއި ބިއްތަކާއި ދޮރުތަކާއި ފުރާޅުތައް ފޫދުއްވާލައިގެން ވަނުމަށާއި ނުކުތުމަށް ގިނި ކޯރާޑި ބޭނުންކުރެއެވެ. މީގެ އިތުރުން ޖަންގަލީގައި މަގުތައް ހަދައި މަގުތައް ސާފުކުރުމަށް ޓަކައި ރުއްގަސް ކަނޑައި ބުރިކުރުން ފަދަ އަލިފާންވެރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްގައި ގިނި ކޯރާޑިއަކީ ބޭނުންތެރި މުހިންމު ހަތިޔާރެކެވެ.

ގިނި ކޯރާޑި ފަރުމާކޮށްފައި ވަނީ އަލިފާނުގެ ހާދިސާތަކުން މީހުންނާއި މުދާ ސަލާމަތްކުރުމުގައި ރައްކާތެރިކަމާއި، އަވަސްކަމާއި ހަލުވިކަމާއެކު މަސައްކަތް ކުރުމަށެވެ. އަލިފާންވެރިންގެ އިތުރުން ޢުމްރާނީ މަސައްކަތްތެރިންނާއި އެހެނިހެން މީހުން ވެސް ބައެއް ފަހަރު ގިނި ކޯރާޑި ބޭނުންކުރެއެވެ. ސަބަބަކީ ގިނަ ބޭނުންތަކެއް ފުދޭގޮތަށް އަދި ގިނަ މަސައްކަތްތަކަށް ފަސޭހަވާގޮތަށް މި ކޯރާޑި ފަރުމާކޮށްފައިވުމެވެ.

ތޫނު ތިލަ ހުންނަ ކޮންމެ ހަތިޔާރެކޭ އެއްގޮތަށް ގިނި ކޯރާޑިއަކީ ވެސް ރަނގަޅަށް ބަލަހައްޓަން ޖެހޭ ހަތިޔާރެކެވެ. އެހެންކަމުން އަލިފާންވެރިން ތަމްރީނުކުރާއިރު އާންމުކޮށް މި ކޯރާޑި ބޭނުން ކުރުމުގެ ތަމްރީނުދެއެވެ. އަދި އަލިފާންވެރިންގެ އިންސްޕެކްޝަންތަކުގައި ގިނި ކޯރާޑީގެ ހާލަތު ދެނެގަނެއެވެ. މިފަދަ އިންސްޕެކްޝަންތަކުގައި އާންމުކޮށް ބަލަނީ ގިނި ކޯރާޑީގެ ސާފުތާހިރުކަމާއި ކޯރާޑީގެ ބޮލުގެ ހާލަތާއި ތިލައިގެ ތޫނުކަމަށެވެ.

ދިވެހި އަސްކަރިއްޔާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަކީ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ހިމެނޭ، ދިވެހި އަސްކަރިއްޔާއިން ސިވިލް ޑިފެންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ މައިގަނޑު ޚިދުމަތެވެ.

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *