ސިއްރު ވޯޓުން އިންތިޚާބުކުރާ ރައީސާ އަދި ވެރިން،
ހިންގަމުން ހުރިހާކަމެއް ގެންދަން ޖެހޭނީ ސިއްރު ސިއްރުން
ގައުމުގައި ހިންގާ ބޮޑެތި މަސްރޫޢުތައް އަދި، ޚާއްސަކޮށް
ފަހުގެ ތާރީޚަށް ލިޔަން ނޭނގޭ ވަރަށްވެސް ސިއްރު ސިއްރުން
މާބޮޑެތި ފައިދާ ނެގޭ ބާވަތުގެ ކަންތައް ކޮށްއުޅޭ
ޕާލަމެންޓަށް "ދޮން ކަޅެއް" އަންގާނުލާ ހަމަ، ސިއްރު ސިއްރުން
ގައުމުގައި "ގައުމީ ސަލާމަތަކަށް ނުރައްކާވާ ގޮތަށް"
ގައުމުގައި ހިންގާ ކަމެއްނަމަ މާބޮޑަށް އަދި ސިއްރު ސިއްރުން
ސިއްރިޔާތުން ވިއްކަމުންދާ ކަނޑު ފަޅާ އަދި، ބިންތަކާ،
ސިއްރުހޯދާ ބަޔަކު އުޅެގެން ހޯދައޭ އެބަ! ސިއްރު ސިރުން
ކޮންމެ ވައްކަމަކާ، ކޮރަޕްޝަން ހިންގަނީ އޮޅުވާލަމުން
ކޮންމެ ރިޝްވަތަކުން އަޅާ ބައިތައް އެއަޅަނީ ސިއްރު ސިއްރުން
ސިއްރު ސިއްރުން ލޯނު ނަގަމުން، ނޫޓުޖަހަމުން، ސިއްރުގައި،
"ސިއްރު ވަގުުގައި ވަގު ހިފައިގެން" ޤައުމު ނިމެނީ ސިއްރު ސިއްރުން
ކޮން ތަނެއްގައި އޮތް "ދިމަޤްރާޠީ" ނިޒާމެއްތޯ؟ މިއީ
ކޮންމެ ކަމަކާ، ކޮންމެ ވަޢުދެއް، ރައްޔިތުންނަށް ސިއްރު ސިއްރުން