ލާރިއަށް ގައުމާއި، ވަޠަނާ، އަނބި ދަރީން ވިއްކާނުލާތި
ޕާލަމެންޓު ތެރޭ ކުޅޭ "ހަޑި ހުތުރު ޗަރުކޭސީ" ބަލާތި
ޕާލަމެންޓަށް ވެދެވުނީމާ، ދެންލިބޭ "ލައިސަންސަކުން"
ހާމަޔަށް މީހުންގެ އަބުރާ ޤަދަރު "ކަތިލާ" ގޮތް ދެކޭތި
ރައްޔިތުން ފައިސާއިން އެތައް އެލަވަންސަކާއި މުސާރަޔާ،
ނަންގަވައިގެން ތިބެ، އެތާ "ފީކޯ ކުޅޭ" މަންޒަރު ބަލާތި
މައި ދަރީންގެ ތެރޭ އެކީ ތިބެގެން ބަލާށާ، އަޑުއަހަން،
ލާހިކެއްނޫން އެހެރަ ދަށް އަޚުލާގު ހުރި ފެންވަރު ބަލާތި
މީހުނަށް ހަޑިހުތުރު ގޮވުމާ މައި ދަރީން އަބުރާއި ބެހުމާ،
ޖީލު، މިއަދު ހަލާކުވާ ބޮޑު ސަބަބު ކަމުގައިވެސް ބަލާތި
ޢިއްޒަތުގެ ޝަރަފެއް، ނަމުގެ ކުރިޔަށް މިމީހުންނަށް ކިޔާނެ
ދެން އެހެން މީހުންގެ ޢިއްޒަތް ކަތިލަމުންދާގޮތް ދެކޭތި
ކޮންމެވެސް ޕާޓީއަކަށް ވިކި، ހުސްވެފައިވި އަޅުން ތަކެއް.
ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކަށް ނުވާނެ ކަމަށް ބަލާތި
ދެވަނަ ފަހަރަށް ދެން މިފަދަ ގޯހެއް އަތުން ނުހަދަން ބަލާތި،
ހެދުނު ބޮޑު ގޯހުން ޤައުމު "ދިވެހިން އަތުން ދާތަން ދެކޭތި"