އުޑުން އެކުވެރިކަމުގެ ނޫ އޮއްސުނީ އަލިގަދަ ވިދާ ތަރިއެއް
ގުޑުން ޠޫފާނަކުން ގެނުވީ މެޔަށް ނެތް ގުގުރިއެއް ކެރިއެއް
ހަނދާނީ އުދަރެހަށް ފަތުރާލި ކުލަތައް އޭގެ އާހުތަކުން
ވަދާއުގެ ފިހިތަކުން އެ ފަވާލަނީ އަލި ސާފު ނިތްކުރިއެއް
މެލާމެލިމާތަކުން ވަސްމީރުކުރި ކުލަރީތި ގުލްޝަނަކުން
ވެލާފަރި ފޮޅުނުމާ ގަހަކުން އެއީ ފެޅި ރީތި މައިކުރިއެއް
މިތާގެ ވަޔާ ފެނަށް ސާބިތު ހިތާ ނަފުސަށް އެހާ ލާހިކު
"އިތާގެބަނޑުން ވިހޭ" ނޫނޭ މުތީގެ އެއީ އުފަން ދަރިއެއް
ޚިޔާލާ ފަންނުތަކުގައި ފޯރުމާ ކެރުމާއި ވެސް ހުރެފާ
ލިޔާގަތު ފާޅުނުކުރާ ހިތުގެ މުއްސަނދި ޚާއްސަ މޭސްތިރިއެއް
ޖަމީލީ ޢުންޞުރުން ކުރި ސާފު ދައުރުން ލޭގެ ފައްކާވި
ޒަމީރުގެ މީރުފެން މުޅި ޢާއިލާ އަށް ދިން ވަފާތެރިއެއް
ވުޒާރާތަކުގެ ވާދީގައި އުދާހީ ހޭދަކުރި މާޒީން
ނުޒާތުގެ ހަޑިކަމެއް ފެންނަން މިޒާޖުން ނެތް އަބުރުވެރިއެއް
އެއީ ގައުމަށް ވަފާތެރި ނުހަނު ތެދުވެރި ޚާދިމެއް ވެރިއެއް
އެއީ ހިތްތިރި ވަރަށް ކެތްތެރި ވަރަށް ސާދާ ދިވެހިދަރިއެއް