Support Us

އޮޕަރޭޝަންގައި ބޭނުންކުރި ބުރުމާގެ ކަށި ބިނދި، ބުރިވި ބައި ހަށިގަނޑުތެރޭގައި އޮއްވާ ފެންނަ އެކްސްރޭ

އޮޕަރޭޝަނެއްގައި އައި.ޖީ.އެމް.އެޗުގެ ޑޮކްޓަރުން ބޭނުންކުރި ބުރުމާ ކައްޓެއް ބިނދި، ހަށިގަނޑުތެރޭގައި

އެކްސިޑެންޓުވި އަންހެނެއްގެ ކޮނޑު ކަށިގަނޑުގައި ޕްލޭޓްގަނޑެއް އަޅުވަން ތޮރުފަން އައި.ޖީ.އެމް.އެޗުގެ ޑޮކްޓަރުން ބޭނުންކުރި ބުރުމާގެ ކަށި ބިނދި، ބުރިވި ބައި ހަށިގަނޑުތެރޭގައި އޮތް އެކްސްރޭއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ފޭސްބުކްގައި، މި އެކްސްރޭއާއެކުވާ ލިއުމުގައި ވަނީ، އޭނާގެ އާއިލާގެ އަންހެނަކު ދާދި ފަހުން އެކްސިޑެންޓްވެ ކޮނޑު ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަށިގަނޑަށް ބޯލްޓްތަކެއް ޖަހަންވެގެން އައި.ޖީ.އެމް.އެޗުގައި ކުރި އޮޕަރޭޝަންގައި ބޭނުންކުރި ޓޫލްގެ ކަށި ބިންދައިގެން ދިޔަކަން އެނގިފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ސާޖަރީއަށް އެތައް ދުވަހެއް ވީފަހުން އިއްޔެ އެނގިގެން ދިޔައީ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ފަދައިން، ބިންދައިގެންދިޔަ ބުރުމާ ކަށި އޮތީ ހަށިގަނޑުތެރޭގައިކަން. މިއަދު އެކްސްރޭ ބެލުމަށްފަހު ޑޮކްޓަރު މިބުނީ ކަށި އެތެރޭގައި އޮތަސް "އޯކޭ" ކަމަށް،" މުއާޒު ހަލީމު ނަކަމަށް ކިޔާ މީހަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ. "އިންސާނުންގެ ކަށްޓަށް ޖަހާ ބޯލްޓް ހަދައިފައި ހުންނަނީ "އޯކޭ" ވާ ގޮތަށްކަން އެނގޭ. އެކަމަކު ބޯލްޓް ޖަހަން ގެންގުޅޭ ބުރުމާގެ ކަށި އެތެރެއަށް ދޫކޮށްލާފައި ފަހާލީމާ އެ ވިދާޅުވާ "އޯކޭ" ވުމަކީ ކޮބައިކަން އެނގުނު އެއްވެސް ޑޮކްޓަރަކާ ދިމަލެއްނުވި."

މި ކަމާ ބެހޭ ގޮތުން އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ބަންދު އިބްރާހިމް ސަލީމު (ކުޑަ ބަންދޭ) އާ "އަދިވެސް" އިން ސުވާލުކުރުމުން މިހާތަނަށް އެއްވެސް ކޮމެންޓެއް ނުދެއްވައެވެ. (އައި.ޖީ.އެމް.އެޗުގެ އިސް ބޭފުޅުންނަކީ މީޑިއާއާ ވަރަށް ބީރައްޓެހި ބޭފުޅުންނެވެ.)

ރާއްޖޭގެ އެންމެ މަޝްހޫރު ކަށީގެ ޑޮކްޓަރުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ހުސެއިން ޝަކީލް "އަދިވެސް" އަށް މިއަދު ވިދާޅުވީ އެ ގޮތަށް ބުރުމާ ކަށި ބިންދައިގެން ދިއުމަކީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް އާންމު ކަމެއް ކަމަށާއި، އައި.ޖީ.އެމް.އެޗުގައި ހިނގައިގެން އުޅެނީ އާކަމެއް ނޫން ކަމަށެވެ.

"ކޮންމެ ސަތޭކަ އޮޕަރޭޝަނަކުން ތިން އޮޕަރޭޝަންގައި ބުރުމާ ކަށި ބިންދައިގެންދާ ކަމަށް ދިރާސާތަކުން ވެސް ދައްކާ. ދިރާސާތައް މިހިރީ ފެންނަން،" ބައެއް ދިރާސާތައް "އަދިވެސް"އާ ހިއްސާ ކުރައްވަމުން ޑރ. ޝަކީލް ވިދާޅުވިއެވެ. "ބިންދައިގެންދާ ކަށި ހަށިގަނޑު ތެރޭގައި ބާއްވައިގެން އެހެން މައްސަލަތަކެއް ދިމާނުވާ ނަމަ، އެ ބައި (ހަށިގަނޑު ތެރޭގައި) ބޭއްވުން ވެސް އެއީ މައްސަލައެއް ނޫން. ބުރިވާ ކަށި ނަގަނީ އޭގެ ސަބަބުން އެހެން މައްސަލަތަކެއް ކުރިމަތިވާ ނަމަ އެކަނި. އަދި ކައްޓަށް ވެސް އެކަމުގެ ސަބަބުން ގެއްލުމެއްނުވާނެ ކަމަށް ވަންޏާ."

ޑރ. ޝަކީލް ވިދާޅުވީ ބުރުމާ ކަށި ބިންދައިގެން ދިޔަ އެ ހާދިސާގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަމެއް ހިނގީ މީގެ ދެތިން މަސް ކުރިން ކަމަށާއި އޮޕަރޭޝަންތެރޭގައި ކަށި ބިންދައިގެންދިޔަކަމާއި އެ ކަމުގައި ނުރައްކަލެއް ނެތް ވާހަކަ ވެސް ބަލިމީހާގެ އާއިލާއަށް އެ ދުވަހު ޑޮކްޓަރުން ކިޔައިދީފައިވާ ކަމަށެވެ. އަދި އިއްޔެ އަލުން ޑޮކްޓަރަށް ދެއްކިއިރު، ކަށިގަނޑު ވަނީ ބެދިފައި ކަމަށާއި، ބިނދުނު ބުރުމާ ކަށި އެތާ އޮތުމުން މައްސަލައެއް ނެތް ކަމަށް ވެސް ބަލިމީހާ އަށް ސާފުކޮށްދީފައިވާ ކަމަށް ޑރ. ޝަކީލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް