އަޅާ ޅެންވެރިކަމުގެ ދުރުމިން އެދައްކާ މަންޒަރަށް ބެލިގެން
އުޅެންވާނީ ދަޅާ ނަގުލާ، ބަދަލްވާ ދުނިޔެވެސް ދަނެގެން
ހިތަށް ދަހިވެތިކަމެއް ވަނަކަސް، ކުރަން ކީސާ އެނގޭނީވެސް
އަތަށް ލިބުނަސް، ގޮނޑެއްގައޮތަސް، ޖަވާހިރު ވަކިކުރަން އެނގިގެން
ކިޔަންއެނގުނަސް، ލިޔަންއެނގުނަސް، މިއީ ޤުދުރަތުގެ ހަދިޔާއެއް
ޚިޔާލުއަަޔަސް ގަލަން ހިނގަނީ އަތާއި ލޮލާ ސިކުނޑި ގުޅިގެން
ދަމާ ދޫކޮށް ފިރޯށި ތެރޭން ތެލަނގަ ވައިގާ ޖަހާ ލަކިހެން
އަމާޒެއްނެތި އުކޭހޭ ދުނި، ބަޔަކު އުޅުނަސް މިކަން އޮޅިގެން
އެމާނުވި އައިނަކުން ކައްވަން އުޅޭ ކެޔޮޅުން މިއަދު ފެނުނަސް
ޅެމާ ރައިވަރު ލިޔަންވާނީ ކުފޫހަމަވާވަރަށް ފުދިގެން
މޮޅާދެރަޔާ އޮޅޭބީދައިން ޚުޝާމަދުކޮށް އޮޅެން ދޫކޮށް
ކަޅާހުދު އެއްތަނަށް ލީމާ، ސިކުނޑި ދާނީ ބޮލުން ލުހިގެން
ދުޢާ ކުރަމުން ހުނަރު ދެއްވުން އަދާ ﷲ ޙަޟުރަތުގައި
މަޢާފާއެކު އެދޭނީހަމަ، ހަސަދަ ނުލުމޭ މިޅެން ލިޔެގެން