Support Us

ޖިންނިއަށް ޣައިބު އެނގޭތަ؟

ޣައިބު ދެނެވޮޑިގަންނަވަނީ ހަމައެކަނި ﷲތަޢާލާއެވެ. އިންސިއަކަށް ވެސް ޖިންނިއަކަށް ވެސް ޣައިބެއް ނޭނގޭނެތެވެ. ޖިންނިއާއެކު މުޢާމަލާތުކުރާ މީހުންނަށް އެނގޭ ބައެއް ކަންތައްތަކަކީ ޖިންނިއަށް އެކަންކަން ހިނގައިފައިވާތަން ފެނިފައިވާ ކަންތައްތަކެވެ.

ހިނގައިފައިވާ ކަމަކަށް ޣައިބެކޭ ނުކިޔާނެއެވެ. އެއީ ހިނގައިފައިވާ އެހެނަސް އެހެންމީހުންނަށް ނޭނގޭ ކަމެއްގެ ޚަބަރު ދިނުމެވެ. މިޒަމާނަށް ބަލާއިރު މާބަނޑު އަންހެނާގެ ބަނޑު ސްކޭންކުރުމުން އޭނާގެ ބަނޑުގައި އޮތް ކުއްޖާގެ ޖިންސު އެނގެއެވެ. މިއީ ޣައިބެއް ނޫނެވެ. އޭރު އެ ކުއްޖާ ވަނީ އުފައްދަވައިފައެވެ.

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ޙަދީސްފުޅުތަކުން ޣައިބު ނޭނގޭނޭކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

  • މާތްﷲ ވަޙީކުރެއްވިއެވެ. فَقُلْ إِنَّمَا الْغَيْبُ لِلّهِ[1]ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! غيب ތައް ދެނެވޮޑިގަތުންވާކަން ކަށަވަރީ، اللَّه އަށެވެ.
  • ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَمَا كَانَ اللّهُ لِيُطْلِعَكُمْ عَلَى الْغَيْبِ [2]– އަދި، غيب ގެ ކަންތައް اللَّه، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެތެވެ.
  • ﷲ ސުބްޙާނަހޫ  ވަޙީކުރެއްވިއެވެ. وَعِندَهُ مَفَاتِحُ الْغَيْبِ لاَ يَعْلَمُهَا إِلاَّ هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إِلاَّ يَعْلَمُهَا وَلاَ حَبَّةٍ فِي ظُلُمَاتِ الأَرْضِ وَلاَ رَطْبٍ وَلاَ يَابِسٍ إِلاَّ فِي كِتَابٍ مُّبِينٍ[3]– އަދި غيب ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.
  • އަދި ކިއެއްހެއްޔެވެ؟ މާތްﷲ އަންގަވައިދެއްވި އެއްޗެއް މެނުވީ ކީރިތި ރަސޫލާ ﷺ އަށް ވެސް އެނގިވަޑައިނުގަންނަވަތެވެ. މާތްﷲ ރަސޫލާއަށް އަންގަވައިފާ ބަސްފުޅުގައި ވެއެވެ.)) قُل لاَّ أَمْلِكُ لِنَفْسِي نَفْعاً وَلاَ ضَرّاً إِلاَّ مَا شَاء اللّهُ وَلَوْ كُنتُ أَعْلَمُ الْغَيْبَ لاَسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَاْ إِلاَّ نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ [4]– ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملك ވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށް އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.)) ޝައިޚު ޢުޘައިމީން ވިދާޅުވާގޮތުގައި މި ބަސްފުޅުން އެނގޭގޮތުގައި ޖިންނީންނަކަށް ޣައިބެއް ނޭނގޭނެތެވެ. ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ޣައިބެއް ނެނގޭނެތެވެ. މި ކަން ޤަބޫލުނުކުރާނަމަ މާތްﷲގެ ބަސްފުޅު ކިޔާލާށެވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَى مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ [5]– ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް غيب އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި عذاب ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.))
  • ޣައިބު އެނގޭކަމަށް ދަޢުވާކުރާ މީހާއަކީ ކާފަރެކެވެ. ޣައިބު އެނގޭކަމަށް ދަޢުވާކުރާ މީހާގެ ބަސް ޤަބޫލުކުރާ މީހަކީ ވެސް ކާފަރެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ [6]– ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ.)) ކުރިމަގުގައި ވާނޭ ކަންތައްތައް އެނގޭކަމަށް ދަޢުވާ ކުރުމަކީ ކާހިނުކަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَن أتى عَرّافًا فَسَأَلَهُ عن شيءٍ، لَمْ تُقْبَلْ له صَلاةٌ أرْبَعِينَ لَيْلَةً[7] -ފާލުބަލާ މީހެއްގެ ގާތަށް ގޮސް ކަމަކާ ބެހޭ ގޮތުން ސުވާލުކޮށް އޭނާ ބުނި އެއްޗެއް ޤަބޫލުކުރިމީހާ ކުރާ ނަމާދު ސާޅީސް ދުވަސްވަންދެން ﷲ ޤަބޫލުނުކުރައްވާނެތެވެ.)) ފާލުބަލާމީހާގެ ބަސް ޤަބޫލު ކުރާމީހާ ވާނީ ކާފަރަކަށެވެ. އައްޝައިޚު ޢަޠިއްޔާ ޞަޤްރު ވިދާޅުވެފައިވާ ގޮތުގައި ޣައިބަކީ އިންސާނާގެ އެނގުމުން ވަންހަނާވެފައިވާ ކޮންމެ އެއްޗެކެވެ. މީހަކަށް ނޭނގޭ އެއްޗެއް ތަފާތު ވަސީލަތްތަކުން އެނގިދާނެއެވެ. ގެއްލިފައިވާ އެއްޗެއް ހޯދުމުން ފެނިދާނެއެވެ. ނޭނގޭ އެއްޗެއް އުނގެނިގެން ހޯދިދާނެއެވެ. މިސާލަކަށް ބެކްޓީރިޔާއާއި ވައިރަސްފަދަ ކުދިކުދި ޖަރާސީމުތައް މައިކްރޮސްކޯޕްގެ ޒަރީޢާއިން މިހާރު ފެނެއެވެ. ބާރު ގަދަ ދުރުމިތަކުގެ ޒަރީޢާއިން ދުރުގައި ހުންނަ ތަރިތައް ފެނެއެވެ. އޭގެތެރޭގައި އާދައިގެ ވަސީލަތްތަކުން ދެނެނުގަނެވޭނެ އެތައްއެތައް ކަންތައްތަކެއް ވެއެވެ. ޤިޔާމަތް ދުވަހުގެ ވާހަކަތަކަކީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ސުންނަތުންނޫނީ ދެނެގަނެވޭނެ ވާހަކަތަކެއް ނޫނެވެ. ޣައިބުގެތެރޭގައި ޤިޔާމަތްވާނެ ވަގުތު ވެއެވެ. މާތް ﷲ އަންގަވައިފައިވާ ޣައިބގެ ތަޅުދަނޑިތަކަކީ އެކަލާނގެ ޒާތުފުޅަށް ޚައްޞަ ކަންތައްތަކެކެވެ. އެ ކަންތައްތައް ﷲ ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެތެވެ. ﷲގެ ޢިލްމުގައި ބައިވެރިވުމުގެ ގަސްތުގައި އެ ކަންތައްތައް ހޯދުމަށް މަސައްކަތް ކުރުމަކީ ކުފްރެކެވެ. ﷲގެ ޢިލްމުފުޅާ އިންސާނުންގެ ޢިލްމު ވަރަށް ތަފާތެވެ. އެކަލާނގެ ޢިލްމުފުޅަކީ ޔަޤީނީ ކަމެކެވެ. އިންސާނާގެ ޢިލްމަކީ ހީކުރުމެކެވެ. ލަފާކުރުމެކެވެ. ﷲގެ ޢިލްމުފުޅަކީ ޝާމިލު އެއްޗެކެވެ. އިންސާނާގެ ޢިލްމަކީ ޝާމިލު އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَمَا أُوتِيتِمْ مِنَ العِلْمِ إِلا قَلِيلاً [8] -އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.)) އިތުރަށް ބަޔާންކޮށް ދެއްވަމުން ވަޙީކުރެއްވިއެވެ. ((وَمَا لَهُم بِهِ مِنْ عِلْمٍ إِنْ يَتَّبِعُونَ إِلا الظَّنَّ وَإنَّ الظَّنَّ لا يُغْنِي مِنَ الحَقِّ شَيْئًا[9]– އެއުރެންނަށް އެކަމުގެ އެއްވެސް علم އެއް ލިބިގެންނުވާ حال ގައެވެ. ހީއަކަށް މެނުވީ އެއުރެން تبع ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.))

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅަކުން ނިންމައިލާނަމެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((ولا تَقْفُ ما ليس لك به عِلْمٌ إنَّ السَّمْعَ والبَصَرَ والفُؤَادَ كُلُّ أولئك كَانَ عَنْه مَسْئُولا [10]-އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ.))

[1]  –  يونس : 20

[2]  –   آل عمران : 179

[3]

[4]  – الأعراف : 188

[5]  – سبأ : 14

[6]  –   النمل : 65

[7]  – أخرجه مسلم (2230 )

[8]  – الإسراء :85

[9]  – النجم : 28

[10]   – سورة الإسراء : 36

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *