Support Us

ބޭފުޅިޒަމަކީ ކޮބާ؟ 

"ބޭފުޅިޒަމް" އަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމާ އެއްފަދަ ތަފާތުކުރުމެކެވެ. ހަގީގީ ބޭފުޅިޒަމް އޮތީ ރާއްޖޭގައި ކުރިން އޮތް ރަސްކަމާއި ރަސްކަމުގެ ކޮއިލުތެރެއާ ގުޅިފައެވެ. ބޭފުޅިޒަމަކީ ބޭފުޅުންގެ ދަރަޖައިގައި ގިންތިކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަ އަބުއިކަމާއި، ޢާއިލީ ދަރިކޮޅާއި ނަސަބާއި ހަސަބަށް ފަޚުރުވެރިވެވަޑައިގެންވުމާއި އެހެން މީހުންނަކީ މާދެރަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން، ކުޑައިމީސް ކުރައްވައި ނިކަމެތިކޮށްލުމެވެ.

ބޭފުޅުންނޭ ކިޔައިގެން މިޒަމާނުގައި ވާހަކަދައްކާ ބޭފުޅުންނާއި ރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރުގެ ބޭފުޅުންނާ ތަފާތެވެ. ދިވެހިރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިއުމާއެކު ހަގީގީ ބޭފުޅިޒަމުގެ ސިލްސިލާ ވަނީ ބުރިބުރިވެ ކެނޑިފައެވެ. ކުރީގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ ބޭފުޅުން ތަފާތެވެ. އެންމެ ބޮޑު ތަފާތަކީ ބޭފުޅަކަށް ވާގޮތެވެ.

ކުރީ ޒަމާނުގައި ބޭފުޅުވަންތަކަމުގެ ސިލްސިލާ ފެށެނީ ރަސްކަމުގެ ތަޚުތާ ހަމައިންނެވެ. ރަސްގެފާނާއި ރަސްކަމުގެ ކޮއިލުތެރޭގައި ދިރިއުޅުއްވާ އަދި ޢާއިލީ ގޮތުން ރަސްގެފާނާ އެންމެ އަރިސް ވާނީ "ބޭފުޅުން"ނެވެ. މިއީ އޭރު އޮންނަ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް ދަރަޖައެވެ.

ރަސްގެފާނު ނުވަތަ ރަސްކަނބަލެއްގެ ފިރިހެން ބޭފުޅެއް ނަމަ ނަމުގެ ކުރިއަށް ބޭނުންކުރާނީ އަލްއަމީރެކެވެ. އަންހެން ބޭފުޅެއް ނަމަ އަލްއަމީރާއެވެ. އަލްއަމީރު އަދި އަލްއަމީރާއިންނަށް ލިބިވަޑައިގަންނަވާ ފިރިހެން ބޭފުޅުންގެ ދަރަޖައަކީ އައްނަބީލެވެ. އަންހެން ބޭފުޅުންގެ ދަރަޖައަކީ އައްނަބީލާއެވެ. އައްނަބީލް އާއި އައްނަބީލާއިންނަށް ލިބިވަޑައިގަންނަވާ ފިރިހެން ބޭފުޅުންގެ ލަގަބަކީ އަލްފާޟިލް އެވެ. އަންހެން ބޭފުޅެއް ނަމަ އަލްފާޟިލާއެވެ.

މަނިއްޕުޅު ކިޔަނީ ރަސްމަތިފުށުގެ ފިރިހެން ބޭފުޅުންނަށެވެ. ގޮމާ ކިޔަނީ ރަސްމަތިފުށު އަންހެން ބޭފުޅުންނަށެވެ.

ކުރީ ޒަމާނުގައި އޮންނަ ދެވަނަ ދަރަޖައަކީ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރަސްގެފާނުގެ ފަރާތްޕުޅުން މަތީ ދަރަޖަ ދެއްވާފައިވާ ބޭފުޅުންނެވެ. މި ދަރަޖައިގެ ތެރޭގައި ބޭފުޅުންނާއި ބޭކަލުން ވެސް ތިއްބަވައެވެ. ބޮޑުބޭކަލުންނާއި ކިލެގެބޭކަލުން (ވަޒީރުން) ހިމެނެނީ މި ދަރަޖައިގައެވެ. މި ދަރަޖައިގެ ބޭފުޅުންގެ ނަމުގެ ކުރިއަށް އާންމުކޮށް ބޭނުންކުރަނީ އެ ބޭފުޅެއްގެ މަޤާމާ ގުޅިފައިވާ ލަގަބުތަކެވެ. އެ ނޫން ބޭކަލުންނަށް މުޚާޠަބުކުރަން ބޭނުންކުރަނީ "އަލްމުޚްތަރަމް" އެވެ.

ތިންވަނަ ދަރަޖައަކީ އެހެނިހެން ޢިއްޒަތްތެރިންނާއި ކަމުވޮށިވެގެންވާ ބޭކަލުންގެ ދަރަޖައެވެ. މަޖިލިސް މެންބަރުން، އަތޮޅުވެރިން، އަވަށުވެރިން، ޚަތީބުން، އަސްކަރު މުސްކުޅިން، ސިފައިން، ހަނގުބޭކަލުން ހިމެނެނީ މި ދަރަޖައިގައެވެ.

ހަތަރުވަނަ ދަރަޖައަކީ އާދައިގެ ދަރަޖައެވެ. އެއީ އާންމު ރައްޔިތުންގެ ދަރަޖައެވެ.

ރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ބޭފުޅިޒަމާ ފެޔަށް ދިވެހީން ޖެހެންފެށިއެވެ. އެކަމަކު ޒަމާންވީ އެ ބޮޑު އާދަކާދައާއި ސަޤާފަތުގެ ސިފަތައް ކުއްލިއަކަށް ދޫކޮށެއް ނުލެވުނެވެ. ނަމަވެސް ރާއްޖެއަށް އައި ޒަމާނީ ޑިމޮކްރަސީއާއެކު އެންމެން ހަމަހަމަކޮށް، ދުސްތޫރުން ބޭފުޅިޒަމު ނައްތާލައިފިއެވެ.

މި ޒަމާނުގައި ކޮންމެ ފެންވަރެއްގެ އާއިލާއެއްގެ ކޮންމެ މީހަކަށް ވެސް ބޭފުޅަކަށް ވެވިދާނެއެވެ. ވަމުން ވެސް އެބަދެއެވެ. މި ޒަމާނުގެ ބޭފުޅުންނަކީ އެ ބޭފުޅަކު ހާސިލުކުރައްވާ ޢިލްމާއި އަދާކުރައްވާ މަޤާމާއި މުޖުތަމަޢުން ހާސިލުކުރައްވާފައިވާ މަޤާމަށް ނިސްބަތްކޮށް ކިޔޭ ބޭފުޅުންނެވެ. ވާހަކަ ދެއްކުމުގައި ކުރިން ގިންތިކޮށްގެން ބޭނުންކުރި ދަރަޖަތައް ގަބޫލުކުރާ މީހުން ދަނީ މަދުވަމުންނެވެ. މިހާރު ވާހަކަ ދެއްކުމުގައި ބޭނުންކުރަނީ އެންމެ މާތްގޮތާއި މާތްގޮތާއި އާދައިގެ ގޮތެވެ. މި ދަރަޖަތައް ވެސް ބޭނުންކުރަންވީ ރަނގަޅުގޮތް އޮޅި، ރަނގަޅު ގޮތުގައި ބޭނުންކުރަން ނޭނގި ދަނީ މަސްހުނިވަމުންނެވެ. ބަހުގައި ދަރަޖަތަކެއް ހުރުމާއެކު އެ ދަރަޖަތަކުން ރީތި ގޮތުގައި މުއާމަލާތް ކުރުމަކީ ބަހަށް ލިބޭ ފުރިހަމަ ކަމެކެވެ. އަދި އެއީ މުޖުތަޢުގައި އަދަބު އިހުތިރާމާއި ލޯތްބާއި އިތުބާރު ދަމަހައްޓައިދޭނެ އަޚުލާޤީ ސިފައެކެވެ.

 

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މަރުޙޫމު އަހްމަދު ޙިލްމީ(ފާށަނާ ކިލެގެފާނު)ގެ އަތްޕުޅަށް ސިޓީއެއް އެރުވުމަށް މާލޭގެ ޒުވާން ކުއްޖަކު އަތިރީ އާގެއަށް ދިޔައެވެ. އެވަގުތު އެގޭގެ ކަމުވޮށިވެގެންވާ މީހަކު ބުންޏެވެ. “އަވަހާރަގަނޑުވަރުގައި އުޅުއްވަނީ، އިށީނދޭ”. މިހެން ބުނެފަ އިޝާރާތް ކޮށްލީ ތިރިގޮނޑިއަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *