Support Us

ޚުދްމުޚްތާރުކަން ފެށެނީ މި މުހިއްމު ސިފަ ނެތިގެން ދިޔުމުންނެވެ.

މިއީ ޙަޤީޤަތުގައި ހިނގައިފައިވާ ކަމެކެވެ. ފުލޯކު ވާހަކައެއް ނޫނެވެ. އެއް ދުވަހަކު ޢާންމުންގެ މީހަކު ބުންޏެވެ. އޭ އަމީރުލްމުއުމިނީނޭވެ! ﷲއަށް ތަޤްވާވެރިވެވަޑައިގަންނަވާށެވެ! އެތާނގައި ތިބި މީހުންގެ ތެރެއިން މީހަކު ރުޅިއައިސްގެން ބުންޏެވެ. އަމީރުލްމުއުމިނީނާ ދިމާއަށް ތަޤްވާވެރިވެ ވަޑައިގަންނަވާށޭ ބުނަނީ ހެއްޔެވެ؟

އެހިނދު މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވިއެވެ. އޭނާ ބަސްބުނަން ދޫކޮށްލާށެވެ! އޭނާ ބުނި ބަހުގެ ރަނގަޅުކަމާއެވެ. ބަސް ނުބުނާނަމަ ތިޔަބައިމީހުންގެ ކިބައިގައި ހެޔޮކަމެއް ނެތެވެ. އަދި އަހުރެމެން އެ ބަސް ބަލައިނުގަންނަނަމަ އަހުރެމެންގެ ކިބައިގައި ހެޔޮކަމެއް ނެތެވެ.

މާތް ﷲ ރުއްސުންލެއްވި ޢުމަރުލް ފާރޫޤު ޢާންމު ތަނެއްގައި މީހުންގެ ކުރިމަތީގައި ދައުލަތުގެ އެންމެ އިސްވެރިޔާއާ ދެކޮޅަށް ފާޑުކިޔުން ކުށަކަށް ނަހައްދަވައެވެ. އޭނާ ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފައެއް ނުވެއެވެ. އޭނާގެ މަސްއަލަ ކޯޓަކަށް ނުވެސް ފޮނުވެއެވެ.

ޢުމަރުގެފާނު ދެކެވަޑައިގަތީ އެއީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެއީ ހަނދާންކޮށް ދިނުމެއް ކަމަށެވެ. އަލްފާރޫޤު– رضي الله عنه– ދެކެވަޑައިގެންނެވި ގޮތުގައި އެކަލޭގެފާނަކީ ވެސް އިންސާނެކެވެ. އިންސާނާއަކީ ހަނދާންކޮށްދިނުމަށް ބޭނުންވާ މީހެކެވެ. ވެރިމީހާ ވެސް އިންސާނަކަށް ވާތީ ރަނގަޅުކޮށްނާއި ނުރަނގަޅުކޮށް ކަންތައް ކުރެވޭނެއެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވި ގޮތުގައި ﷲގެ ކޯފާއާ ދުރަށް ދިޔުމަށް ޓަކައި ﷲއަށް ތަޤްވާވެރިވުމަށް ހަނދާންކޮށްދިނުމަކީ ޟަރޫރަތެކެވެ. ކޮންމެ ރައްޔިތަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ- ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ.)) އެއީ ޙާކިމާއިން ރައްޔިތުންނަށް ކޮށްދޭން ޖެހޭނެ ކަމެކެވެ. އެއީ ރައްޔިތުން ވެސް ޙާކިމާއަށް ކޮށްދޭންޖެހޭނެ ކަމެކެވެ. މީގެއިތުރަށް ރައްޔިތުންގެ ކޮންމެ މީހަކު އޭނާގެ އަޚުންނަށާއި އުޚްތުންނަށް ވެސް މި ވާޖިބު އަދާކޮށްދޭން ޖެހޭނެއެވެ.

ޚުދްމުޚްތާރުކަން ފެށެނީ މި މުހިއްމު ސިފަ ނެތިގެން ދިޔުމުންނެވެ. ފިރްޢައުނުގެ ވާހަކައަށް ބަލައިލަމާތޯއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ‎- فرعون ބުންޏެވެ. ތިމަންނާއަށް ފެންނަ އެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.)) އޭނާ ބުނީ "މަށަށް ރަނގަޅުކަމަށް ފެންނަ އެއްޗެއް މެނުވީ ތިޔަބައިމީހުންނަށް މަށެއް ނުބުނަމުއެވެ. އެއީ ތިޔަބައިމީހުންނަށް ރަނގަޅު ގޮތްކަމަށް މަ ދެކޭތީއެވެ. ހަމަކަށަވަރުން ވެސް ރަނގަޅު ގޮތަކީ މަގޭ ގޮތެވެ. މަގޭ ގޮތަށް ތަބާވާން ޖެހޭނެއެވެ."

ޚުދްމުޚްތާރީންނަކީ އެމީހުންނަށް ކުށް ނުކުރެވޭނެ ކަމަށް ދެކޭ މީހުންނެވެ. އިންސާނީ ތަޖްރިބާތަކަށާއި ތާރީޚުގެ ހާދިސާތަކަށް ބަލާއިރު ޚުދްމުޚްތާރުކަމާއެކު މޮޔަކަން އޮންނާނެއެވެ. ޚުދްމުޚްތާރުކަން ދެމެމުން ފެތުރެމުން ގޮސް ވަންނާނީ މޮޔަކަމުގެ ވެށްޓަށެވެ. އެހިނދު އޭނާގެ ޤަރާރުތަކާއި ރައުޔުތަކާއި ދެކޭގޮތް ވެސް އޮންނާނީ މޮޔަކަމުން ގިރިޓީކުރެވިފައެވެ.

ކީރިތި ޤުރްއާނުގައި ޒަޢީމުންނާއި މަސްއޫވެރީންގެ ތެރޭގައި ހިމެނޭ ހޭނުޖެހޭ މީހުންނާއި މޮޔައިންގެ މިސާލުތައް އައިސްވަނީ މަދެއްކޮށެއް ނޫނެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މިފަދަ މީހުންނަށް ޒަޢާމަތާއި ވެރިކަމާއި ނުފޫޒު ލިބެނީ އެމީހުންގެ ރައްޔިތުންގެ ސަބަބުންނެވެ. ދުނިޔަވީ ވަގުތީ އަރާމަކަށް ޓަކައި ނިކަމެތިވެގަންނަ ބަޔަކާ ހެދިއެވެ. އެމީހުންގެ ޢަމަލުތަކާއި ބަސްތައް ރަނގަޅުކަމަށް ދެކި ޤަބޫލުކުރުމުންނެވެ. އެމީހުންނަށް ތާރީފުކޮށް ޒިންދާބާދުގެ އަޑުތައް އުފުލުމުންނެވެ. އެމީހުންގެ ވެރިކަމާއި ބާރު ކިތަންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަސް އެ މީހުން އަބަދުއަބަދަކަށް ނުތިބޭނެތެވެ. ކީރިތި ޤުރްއާނުގައި އެމީހުންގެ ވާހަކަތައް ގެންނަވައިފައިވަނީ އެއިން ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ. ކީރިތި ޤުރްއާން ބަޔާންކުރާ ގޮތުގައި އެމީހުން ޚުދްމުޚްތާރުވަނީ އެހެން މީހުންގެ ސަބަބުންނެވެ. އެމީހުން އެފަދަ މީހުންނަށް ހެދީ ޢާންމު ރައްޔިތުންގެ ތެރެއިން ބައެކެވެ. ޚުދްމުޚްތާރީންނަކީ މީސްތަކުންގެ އުފެއްދުމެކެވެ. އެމީހުންގެ ވެރިންކަމުގައި ޖާހިލުން ހެދުމުންނެވެ. އެމީހުންގެ އަނިޔާވެރިކަމާމެދު ޣާފިލުވެގަތީމައެވެ. އެމީހުންގެ ބޭއިންސާފުގެ ކުރިމަތީގައި ލޯމަރައިލީމައެވެ.

އަލްކަވާކިބީ ވިދާޅުވާ ގޮތުގައި ރައްޔިތުން ޣާފިލުކުރުވައިގެން ނުވަތަ ޖާހިލުކުރުވައިގެން މެނުވީ ޚުދްމުޚްތާރީންނަށް ބާރާއި އާރު ނުލިބެތެވެ. ފިރްޢައުނުގެ ޢަމަލުތަކަށް ނިކަން ބަލާބަލާށެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ- ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ.)) ފިރްޢައުނަށް ލިބިފައިވާ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ރައްޔިތުން ނިކަމެތިކޮށްލީއެވެ. އިހާނެތިކޮށްލީއެވެ. މިކަމާހެދި އެމީހުން އޭނާއަށް ކިޔަމަންގަތީއެވެ. އެހެންވީމާ ވެރިމީހާ ބޭނުން ގޮތަކަށް ވެރިކަން ކުރުމަށް ދޫކޮށްލެވިއްޖެނަމަ އެ ވެރިމީހާ ޚުދްމުޚްތާރުވެގެންދާނެއެވެ. އޭނާއަށް ދީމުޤްރާޠިއްޔަތެއް ނޭނގޭނެއެވެ.

މި އުންމަތުގެ ފިރްޢައުނު އަބޫޖަހްލަކީ މި ކަމުގައި ފާހަގަކުރެވޭ ނަމޫނާއެކެވެ. ކީރިތި ޤުރްއާނުގައި އޭނާގެ ނަން ބަޔާންނުކުރައްވާ އޭނާގެ ސިފަތައް ބަޔާންކުރައްވައިފައި ވެއެވެ. އޭނާގެ ސަބަބުން ޤުރައިޝުން އިސްލާމްދީނަށް ވަނުމުގައި ފައިކެއްސުމަކަށްވިއެވެ. އިސްލާމްދީން ޤަބޫލުކުރުމުގެ ބަދަލުގައި އޭނާ ނުކުތީ މި ދީނާ ދެކޮޅަށް ހަނގުރާމަކުރާށެވެ. އޭނާގެ ސަބަބުން ޤުރައިޝުންގެ ޢިއްޒަތް ޢަރަބީންގެ ތެރޭގައި ވެއްޓިގެން ދިޔައެވެ. ބަދްރު ހަނގުރާމައިގައި އޭނާގެ ޒަޢާމަތުގެ ދަށުގައި ޤުރައިޝުންގެ ބޮޑުންތައް ޤަތުލުވެގެން ދިޔައެވެ. އަބޫ ޖަހްލު ޤަތުލުވެގެން ދިޔައީ ކުޑަކުޑަ ދެ ކުއްޖެއްގެ ޙަމަލާތަކަކުންނެވެ.

މޫސާގެފާނުގެ ފިރްޢައުނަކީ އަބޫޖަހްލުގެ ކުރީގެ ޖައްބާރެކެވެ. އޭނާއަކީ ހަރުކަށި ބޯހަރު ޖައްބާރެކެވެ. އޭނާގެ ބާރާއި މުދަލާއި ޚާދިމުންނާއި ލަޝްކަރުން އޭނާއަށް ފައިދާއެއް ނުކުރިއެވެ. އޭނާ ޣަރަޤުވެގެން ނިކަމެތި ޙާލުގައި މަރުވެގެން ދިޔައީ އޭނާ ނިކަމެތިކޮށް އަޅުމަސައްކަތްކުރުވި އެތައް ހާސް ބައެއްގެ ކުރިމަތީގައެވެ.

ޚުދްމުޚްތާރުކަމަކީ ބަލިމަޑުކަމެކެވެ. އެއީ ގެވެށި ތެރެއަށާއި މަސައްކަތުގެ ދާއިރާއަށާއި މުޖްތަމަޢަށް ފެތުރިގެންދާ ވަޠަނީ ވަބާއެކެވެ. މި ބަލިން ޝިފާ ލިބޭނީ މީސްތަކުންނަށް "اتق الله يا أمير المؤمنين– އޭ އަމީރުލްމުއުމިނީނޭވެ! ތިބާ ﷲއަށް ތަޤްވާވެރިވާށެވެ!" މި ބަސް ބުނަން ކެރުމުންނެވެ. އެއީ އުންމީދަކުން ޙާޞިލުކުރެވޭނެ ކަމެއްނޫނެވެ.އެހެނަސް އެކަން ކުރެވޭނީ އިސްތިރާތީޖީ އިޞްލާޙީ މަޝްރޫޢަކުންނެވެ. ދީނުގެ ގިޔުގަނޑުގެ ތެރޭގައެވެ. މާޒީގެ ރަނގަޅުކަމުން ޙާޒިރު ރަނގަޅުކުރުވައިގެންނެވެ. ((فَإِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ ‎ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *