Support Us

ތިބާއަށް ދުނިޔެ ފެންނަނީ ކިހިނެއްބާ! 

ޙަޔާތުގައި އެކި މީހުން ދަސްކުރަނީ އެކި ފިލާވަޅެވެ. އެކި މީހުން ހާސިލު ކުރަނީ އެކި އިބުރަތެވެ.

 

ބައެއް މީހުންނަށް ދުނިޔެ ވަނީ ފޫހި ތަނަކަށެވެ.

ބޭނުމެއް ނެތް ބޭކާރު ތަނަކަށެވެ.

އެއްވެސް އަދުލެއް އިންސާފެއް ނެތް ބޭއިންސާފުގެ މައިދާނަކަށެވެ.

ދުނިޔެއާ މެދު މި ނަޒަރުން ދެކޭ މީހުންގެ އަބަދީ ޝިކާޔަތަކަށް އޮންނަނީ އެދޭ އެއްވެސް ކަމެއް، އުންމީދުކުރާ އެއްވެސް ކަމެއް، އަދި ދެކޭ އެއްވެސް ހުވަފެނެއް ހަގީގަތަކަށް ނުވާކަމުގެ ޝިކާޔަތެވެ.

މިހެންވުމުން މި ބައިމީހުން ކަންކަން ހާސިލްކުޅައުމުގެ އެޖެންޑާގައި ވެރިކަން ކުރާނީ ނަފުރަތާއި ރުޅިވެރިކަމާއި ހަރުކަށިކަމެވެ.

 

އަނެއް ބަޔަކަށް ދުނިޔެ ވަނީ އުފާވެރި ތަނަކަށެވެ.

ބޭނުންތެރި ބޭނުންތައް ފުދޭ ތަނަކަށެވެ.

އަދުލާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ ހަމަހަމަ މައިޒާނަކަށެވެ.

ދުނިޔެއާ މެދު މި ނަޒަރުން ދެކޭ މީހުންގެ ކަންބޮޑުވުންތަކެއް، ޝަކުވާއެއް އަދި ޝިކާޔަތެއް ނޯވެއެވެ.

މި ބައިމީހުންގެ އަބަދީ ވާހަކައަކަށް އޮންނަނީ އެ ބައިމީހުން ކަންކަން ހާސިލްކުރާ ގޮތާއި ކަންކަމުން ކާމިޔާބު ހޯދާ ގޮތުގެ ވާހަކައިން އަނެއްކުން ހިނިތުންކުރުވުމެވެ.

މިހެންވުމުން، މި ބައިމީހުން ކަންކަން ހާސިލު ކުޅައުމުގެ އެޖެންޑާގައި ވެރިކަން ކުރާނީ ހިތްތިކަމާއި ކެތްތެރިކަމާއި މަޑުމޮޅިކަމެވެ.

 

ފިކުރުކޮށްލަބަލާށެވެ!

މާތްރަސްކަލާނގެ ދުނިޔެއަށް ފޮނުއްވި އެންމެ މާތް، އެންމެ އަރުތަރުވެރި، އެންމެ މުރުވަތްތެރި އިންސާނުންނަކީ ނަބީބޭކަލުންނެވެ.

އެއްވެސް ކަމެއްގައި އެއިން އެއްވެސް ބޭކަލަކު ހަރުކަށިކަމެއް، ރުޅިވެރިކަމެއް ނުދައްކަވަތެވެ. ތަކުލީފުތަކާއި ނުރުހުންތަކާއި ޖެއްސުންތަކާއި ދުއްތުރާތަކާ އެ ބޭކަލުން ކުރިމަތިލެއްވީ؛

ހިތްތިރިކަމާ އެކުވެ. ކެތްތެރިކަމާ އެކުއެވެ. މަޑުމޮޅިކަމާ އެކުއެވެ. އަދި ކީއްހެއްޔެވެ.

އެ ބޭކަލުން މި ފަނާވަނިވި ވަގުތީ ހަޔާތާ އަލްވަދާޢު ކިޔުއްވީ އެ ބޭކަލުންނާ މާތްރަސްކަލާނގެ ޙަވާލުކުރެއްވި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވައިފައެވެ.

އެ ވާޖިބު ކާމިޔާބުކަމާ އެކު ފުރިހަމަކުރައްވައިފައެވެ.

އެބޭކަލުންގެ ދިރިއުޅުއްވުންތައް އެއީ އަޅުގަނޑުމެންނަށް ހުރި ފުރިހަމަ ރިވެތި ނަމޫނާތަކެކެވެ.

 

ތެދެކެވެ! ހަގީގީ ކާމިޔާބާއި ހިތްހަމަޖެހުން އޮތީ ރުޅިއާއި ހަރުކަށިކަމުގައެއް ނޫންކަމެވެ.

އެހެނެއްކަމަކު މަޑުމޮޅިކަމާއި ހިތްތރިކަމުގައެވެ.

ރުޅިވެރިކަމާއި ހަރުކަށިކަމުން އެއްވެސް އިންސާނަކަށް ހާސިލްވި، ކާމިޔާބުވި އެއްޗެއް ނެތެވެ.

ރުޅިވެރިކަމާއި ހަރުކަށިކަމުން ހަމަ އެކަނި ވާ ކަމަކީ

އަނިޔާވުމެވެ.

ތަދުވުމެވެ.

ހަލާކުވުމެވެ.

ފަނާވުމެވެ.

ވީރާނާވުމެވެ.

މިހެންވުމުން އަޅުގަނޑުމެން ދުނިޔެއާ މެދު ދެކޭ ނަޒަރު ބަދަލުވުމުން އަޅުގަނޑުމެންގެ ދުނިޔެ ވެސް ބަދަލުވާނެއެވެ.

ނައްސިނަޒަރުން ދެކޭހައި ހިނދަކު ދުނިޔެ ފެންނާނީ އިންސާފެއް ނެތް ބޭކާރު ތަނެއްގެ ގޮތުގައެވެ.

ފައްސި ނަޒަރުން ދުނިޔެއާ މެދު ނަޒަރުކުރާށެވެ.

އޭރުން ދުނިޔެ ފެންނާނީ ހިތްހަމަ ޖެހޭ އުފާވެރި ތަނެއްގެ ގޮތުގައެވެ.

ތިބާގެ ދުނިޔެ އުފާވެރި ދުނިޔެއަކަށް ހަދަން ބޭނުން ނަމަ ތިބާގެ ހަޔާތުގެ ދާއިމީ ޝިޢާރަކަށް "ހިތްތިރިކަމާއި ކެތްތެރިކަމާއި މަޑުމޮޅިކަން" ހަދާށެވެ.

"ހަމަކަށަވަރުން މާތްރަސްކަލާނގެ ވޮޑިގެން ވަނީ ކެތްތެރީންނާ އެކުގައެވެ".

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *