Support Us

އިންސާނާގެ ޙަޔާތް: ފަސް ދުވަސް

ތެދުވެރި މުސްލިމަކީ މި ކައުނާ މެދު ވިސްނާ ފިކުރުކުރާ މީހެކެވެ. އޭނާގެ ވަށައިގެންވާ އެއްޗިއްސާމެދު ވިސްނާ ބަލައި މީހެކެވެ. އޭނާ މި ކައުނަށް ބަލާނީ ބިއްލޫރިގަނޑެއްގެ ތެރެއިން ބަލާގޮތަށެވެ. ގޭގެ ކުޑަދޮރުގައި ހުންނަ ބިއްލޫރިގަނޑުން އޭނާއަށް ބޭރު ފެންނާނެތެވެ. މާތްﷲ ހައްދަވައިފައިވާ ކާއިނާތުތައް ފެންނާނެތެވެ. އެހެނަސް މި ބިއްލޫރުގަނޑުގައި ރިހި ނައިޓްރޭޓް އުނގުޅައިފިނަމަ މި ބިއްލޫރިގަނޑު މޫނުބަލާ ލޯގަނޑަށް ބަދަލުވެދާނެތެވެ. އޭރުން އޭނާއަށް ބޭރެއް ނުފެންނާނެއެވެ. އޭނާއަށް ފެންނާނީ އޭނާގެ ނަފްސެވެ. އޭގެ އަނެއް ފަރާތެއް ނުފެންނާނެތެވެ.

ބައެއް މީހުން މި ލޯގަނޑުގެ ކުރިމަތީގައި އޭނާގެ ޢުމްރު ހޭދަކޮށްލައެވެ. ކިތަންމެ އަހަރެއް ހޭދަކުރިއަސް އޭނާއަށް ފެންނާނީ އޭނާގެ އަމިއްލަ ނަފްސެވެ. އެހެން އެއްޗެއް ނުފެންނާނެއެވެ. މީހަކު އޭނާ ގާތަށް އަތުވެއްޖެނަމަ އޭނާއަށް ހީވާނީ މި މީހާ އޭނާއަށް ހުރަސްއަޅަން އުޅޭ ކަމަށެވެ. އެއީ އޭނާގެ އަނބިމީހާ ކަމުގައި ވިޔަސްމެއެވެ. އޭނާގެ ދަރިފުޅެއް ކަމުގައި ވިޔަސްމެއެވެ.

އޭނާގެ ނަފްސު ނޫން އެހެން އެއްޗެއް ނުފެންނަ މީހާގެ ޙާލަކީ ކޮބައިތޯއެވެ؟ އޭނާ ދާނީ ކިބްރުވެރިވަމުންނެވެ. ބޮޑާވަމުންނެވެ. ވައުވަންނަމުންނެވެ. ހެޔޮވިސްނުން ނެތެމުންނެވެ. އޭނާ އެންމެފަހުން ވެގެންދާނީ ކަޅު ބެލޫންޏަކަށެވެ. އިބިލީހުގެ މަދުރަސާގެ ދަސްވެންޏަކަށެވެ.

އިބިލީސް ބޮޑާވުމުގެ ސަބަބުން މާތް ﷲ އެކަލޭގެ ﷲގެ ރަޙްމަތުން ބޭރަށް ލެއްވިއެވެ. އާދަމުގެފާނަށް އަދަބުއިޙްތިރާމު އަދާކުރުމަށް މާތް ﷲ އެންގެވުމުން އިބިލީސް މި އަމުރުފުޅާ ދެކޮޅުހެދިއެވެ. ﷲގެ އަމުރުފުޅާ އެއްގޮތަށް ހުރިހާ މަލާއިކަތުން އާދަމުގެފާނަށް ސަޖިދަކުރޫއެވެ. ޝައިޠާނުންގެ މަންދޫބު އިބިލީސް ފިޔަވައެވެ. އިބިލީސް ދެންނެވިއެވެ. އަޅުގަނޑު ސަޖިދަ ކުރަންވީ ކީއްވެގެންތޯއެވެ؟ ސަބަބަކީ ކޮބައިތޯއެވެ؟ އިބިލީސް ދެންނެވިއެވެ. އަޅުގަނޑު އާދަމުގެފާނަށް ވުރެ މާ މޮޅެވެ. އިބަރަސްކަލާނގެ އޭނާ ހެއްދެވީ މަށިގަނޑަކުންނެވެ. އަޅުގަނޑު ހެއްދެވީ އަލިފާނުންނެވެ. އަލިފާން މާ މޮޅެވެ. އިބިލީސް ބޮޑާވީއެވެ. ((قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ- އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.))

މިއަދު އިބިލީހުގެ މި ބަސް "އަހުރެން މާ މޮޅެވެ." މި ވަނީ އާދަމުގެދަރީންގެ ތެރޭގައި ޢާންމުވެފައެވެ. އަހުރެން މާ މުއްސަންޖެވެ. އަހުރެން މާ ޢިލްމުވެރިއެވެ. އަހުރެންގެ ވިސްނުން މާ ތޫނެވެ. އަހުރެންގެ އުފެއްދުންތެރިކަން މާ ގިނައެވެ. މި "އަހުރެން " ވަނީ ހުރިހާ ތަނަކަށް ފެތުރިފައެވެ. ސަބަބަކީ އެއްކަލަ ލޯގަނޑުން އޭނާއަށް "އަހުރެން" ފެންނަކަމެވެ. އަނެކުން ނުފެންނަކަމެވެ.

ލޮލަށް ފެންނަފެނުން ޙަޤީޤަތަކަށް ނުވެ ހިނގައިދާނެއެވެ. ބައެއް ފަހަރަށް ވަލުތެރެއިން ފުރޭތައެއް ފެންނަ ކަމަށް ބުނެއެވެ. ބިރުނުގަނެ ޙަޤީޤަތް ހޯދަން އުޅުމުން އެ ވަނީ މުޅިން އެހެން އެއްޗަކަށެވެ.

ހަވާނަފްސަށް އިންސާނާ ތަބާވެއްޖެނަމަ އޭނާ ހަލާކުވެދާނެތެވެ. ފިރްޢައުނުގެ ގާތަށް ވަޑައިގަތުމަށް މާތް ﷲ މޫސާ ޢަލައިހިއްސަލާމަށް އެންގެވުމުން އެކަލޭގެފާނު މާތް ﷲއަށް ދެންނެވިއެވެ. ((رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ- އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އޭނާ އަޅަމެންގެ މައްޗަށް (عقوبات ދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެ ކަމަށް، ހަމަކަށަވަރުން، އަޅަމެން ބިރުގަނެތެވެ.)) އެހިނދު މާތް ﷲ ވަޙީ ކުރެއްވިއެވެ. ((لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ – ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާއެކުގައި ވޮޑިގެންވަމެވެ.)) މި އަމުރުފުޅަށް މޫސާގެފާނާއި ހާރޫނުގެފާނު ކިޔަމަންވެވަޑައިގެން ފިރްޢައުނުގެ ގާތަށް ވަޑައިގެންނެވިއެވެ. ފިރްޢައުނަކީ ވެރިކަމާއި ލިބިފައިވާ ވަގުތީ ބާރުގެ ސަބަބުން އޭނާއަށް އޭނާ އޮޅިފައިވާ ޖައްބާރެކެވެ. އޭނާގެ ނަރްގިސިއްޔަތުގެ ސަބަބުން އޭނާއަށް އޭނާ ނޫނީ ނުފެނެއެވެ. ބޮޑާކަމުގެ ސަބަބުން ފުފިފައިވާ މީހެއްގެ ކުރިމަތީގައި ތިބާ ހުރެ ވާހަކަ ދެއްކިއަސް އޭނާއަކަށް ތިބާގެ އަޑެއް ނީވޭނެތެވެ. އޭނާ އުޅޭނީ އޮޅުވައިލައިގެން އެހެން ދިމާއަކަށް ގޯޅި އަޅާށެވެ.

މޫސާގެފާނާ ފިރްޢައުނާ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ބަލައިލަމާ ހިނގާށެވެ. ފިރްޢައުނު ބޮޑާކަމާއެކު ބުންޏެވެ. ((فَمَن رَّبُّكُمَا- ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟)) ((قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ- އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.)) އެހިނދު ފިރްޢައުނު އޭނާގެ ނަރްގިސިއްޔާތާ ހެދި މައުޟޫޢު އޮޅުވައިލުމުގެ މަސައްކަތް ފެށިއެވެ. މޫސާގެފާނާއި ހާރޫނުގެފާނުގެ ވާހަކަ އިވޭކަމަށް ނަހަދާ ބޮޑާވެގަތީއެވެ. ((قَالَ فَمَا بَالُ الْقُرُونِ الْأُولَىٰ- އޭނާ ބުންޏެވެ. އިހުގެ جيل ތަކުގެ ކަންތައް ހުރި ގޮތަކީ، ފަހެ، ކޮބައިހެއްޔެވެ؟)) މޫސާގެފާނު ދެއްކެވި ވާހަކައާއި މި ވާހަކައާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟

އިންސާނާ މާތްﷲ ހައްދަވާއިރު އޭނާގެ ކުރިމަތީގައި ދެ މަގެއް ހުޅުއްވާ ދެއްވައެވެ. އަދި އިންސާނާ ޚަލްޤުކުރައްވާއިރު އޭނާއަށް ޓަކައި ސުވަރުގޭގައި ތަނެއް އަދި ނަރަކައިގައި ތަނެއް ބިނާކުރައްވަތެވެ. އެ މަޚްލޫޤު ސުވަރުގެއަށް ނުވަތްނަމަ މާތް ﷲ އޭނާއަށް ޓަކައި ހެއްދެވި މި ތަން ހުންނާނީ ހުސްކޮށްނެވެ. އޭނާ ސުވަރުގެ ވަތްނަމަ ނަރަކައިގައި ހުރި ތަން ހުންނާނީ ހުސްކޮށްނެވެ. މި ތަން ދެއްވާނީ ކާފިރަކަށެވެ. ސުވަރުގެއިން ހުސްވި ތަން ދެއްވާނީ މުއުމިނަކަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ- އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ.)) އެއީ ﷲގެ ރަޙްމަތްފުޅުން އޭނާއަށް ޙައްޤުވި ސުވަރުގެއާއި ކާފިރުގެ ފުށުން އޭނާއަށް ވާރުތަވެގެން ލިބުނު ސުވަރުގެއެވެ.

ފަސް ދުވަސް

ﷲގެ އަޅާއަށް އުޅެން ޖެހިފައިވަނީ ފަސް ދުވަހެއްގައެވެ. ފުރަތަމަ ދުވަހަކީ "ބީވެފައިވާ ދުވަސް" އެވެ. އެއީ އިއްޔެއެވެ. އެއީ މާޒީއެވެ.

ދެވަނަ ދުވަހަކީ "ޙާޒިރު ދުވަސް" އެވެ. އެއީ ތިބާ ހޭދަކުރަމުންދާ ހިނދުކޮޅެވެ. އެއީ ތިބާގެ ޢަމަލުތައް ދެކެމުންދާ ދުވަހެވެ.

ތިންވަނަ ދުވަހަކީ "ކުރިމަގު ދުވަސް" އެވެ. އެއީ މާދަމާ އެވެ.

ހަތަރު ވަނަ ދުވަހަކީ "ވަޢުދުވެގެންވާ ދުވަސް" އެވެ. އެއީ މި ދުނިޔެއާ ވަކިވާ ދުވަހެވެ. މަރުވާ ދުވަހެވެ. މިއީ ޝައްކެތް ނެތި ކޮންމެ މަޚްލޫޤަކާ ވެސް ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. އެއީ ﷲގެ ކުޅަދުންވަންތަކަމުގެ ދަށުން ހިނގަމުންދާ ކަމެކެވެ. މަލަކުލްމައުތުގެފާނު އެކަމުގައި ދުވަހަކުވެސް މީހެއްގެ އެހީއަށް އެދިވަޑައިގެންނެވިތޯއެވެ؟ ތިބާގެ މައިދާ ދުވަހަކުވެސް އެ ގުނަވަނަށް ޗުއްޓީއެއް ދިނުމަށް ތިބާގެ ކިބައިން އެދުނު ހެއްޔެވެ؟ އިރު ދުވަހަކު ވެސް މިއަދު މަށެއް ނާރާނަމޭ ބުނިހެއްޔެވެ؟ ނުބުނެތެވެ. ނުވެސް ބުނާނެތެވެ. އެ ހުރިހާ އެއްޗެއްވެސް މަސައްކަތް ކުރަމުންދަނީ އެ އެއްޗެއްސަށް މާތްﷲ އެންގެވި ގޮތަށެވެ. ((فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ- ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.))

މާތްﷲ ޚަލްޤު ކުރައްވައި މާތްކުރެއްވި މި އާދަމުގެދަރިޔާ ފިޔަވާ އެހެން ހުރިހާ އެއްޗެއް ﷲއަށް ކިޔަމަންގަނެއެވެ.

ބީވެފައިވާ ދުވަހާމެދު އިންސާނާ ދެރަވުމުގެ އެއްވެސް މާނައެއް ނެތެވެ. އެއީ އިޢާދަކުރެވޭނެ ދުވަހެއްނޫނެވެ. އެ ދުވަސް ދެނެއް ނާންނާނެތެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއްގައި ވެއެވެ. ((فلا تقُلْ لو أنِّي فعلتُ كذا وكذا ولَكن قل قدَّرَ اللهُ وما شاءَ فعلَ فإنّ لو تفتحُ عملَ الشَّيطانِ– މަށަށް މިވެނި އެވެނި ކަމެއް ކުރެވުނުނަމަ ހާދަ ރަނގަޅުވީހޭ ތިބާ ނުބުނާށެވެ! އެހެނަސް ބުނާށެވެ! އެއީ ﷲ މިންވަރުކުރައްވައިފައިވާ ގޮތެވެ. އެކަލާނގެ އިރާދަކުރެއްވި ކަމެއް ކުރައްވަތެވެ. ފަހެ ހަމަކަށަވަރުން ނަމަ އަކީ ޝައިޠާނާގެ ޢަމަލަށް ދޮރު ހުޅުވައިދޭނެ ބަހެކެވެ.))

އަޅުގަނޑުމެންގެ ތެރެއިން ވަކި މީހަކު ވަކި ތަނެއްގައި ވަކި ވަގުތެއްގައި ހުންނަނީ އެކަން އެ ގޮތަށް މިންވަރުކުރައްވައިފައިވާތީއެވެ. މާތްﷲ ތިބާއަށް ދެއްވާން މިންވަރުކުރައްވައިފައިވާ އެއްޗެއް އެހެން މީހަކަށް ނުލިބޭނެއެވެ. ތިބާގެ ރިޒްޤުގައި އެހެން މީހަކަށް އަތެއް ނޭޅޭނެއެވެ. ތިބާ ތިބާގެ މައިމީހާގެ ބަނޑުގައި ފުރާނަ އަޅުއްވާ އިރު މާތްﷲ މި ހުރިހާ ކަމެއް ވަނީ މިންވަރުކުރައްވައި ލިޔުއްވައިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنّ اللهَ وكَّلَ بالرَّحِمِ مَلَكًا، يقولُ: يا رَبِّ نُطْفَةٌ؟ يا رَبِّ عَلَقَةٌ؟ يا رَبِّ مُضْغَةٌ؟ فإذا أرادَ أنْ يَقْضِيَ خَلْقَهُ قالَ: أذَكَرٌ أمْ أُنْثى، شَقِيٌّ أمْ سَعِيدٌ، فَما الرِّزْقُ والأجَلُ، فيُكْتَبُ في بَطْنِ أُمِّهِ– ހަމަކަށަވަރުން އަރަހުށި މަތިވެރި ﷲ މަލާއިކަތަކާ ރަޙިމު ހަވާލުކުރެއްވިއެވެ. އެ މަލާއިކަތާ ދަންނަވާނެތެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ނުޠުފާއެއްތޯއެވެ؟ އަޅުގެ ވެރި ރަސްކަލާކޯއެވެ! ޢަލަޤާއެއްތޯއެވެ؟ އަޅުގެ ވެރި ރަސްކަލާކޯއެވެ! މުޟްޣާއެއްތޯއެވެ؟ ފަހެ އެކަލާނގެ އޭނާ ޚަލްޤުކުރައްވަން އިރާދަކުރައްވައިފިނަމަ ދަންނަވާނެތެވެ. ފިރިހެނެއްތޯއެވެ؟ނުވަތަ އަންހެނެއްތޯއެވެ؟ އަބާއްޖަވެރިއެއްތޯއެވެ؟ ނުވަތަ ބާއްޖަވެރިއެއް ތޯއެވެ؟ ފަހެ ރިޒްޤަކީ ކޮބައިތޯއެވެ؟ އަޖަލަކީ ކޮބައިތޯއެވެ؟ ފަހެ އޭނާ މައިމީހާގެ ބަނޑުގައިވާ ޙާލުގައި އެ މަލާއިކަތާ މި ކަންކަން ލިޔުއްވާނެތެވެ.))

އެއް ދުވަހަކު ޙަވާރީންތަކެއް (ޢީސާގެފާނުގެ ޞަޙާބީން) ޢީސާގެފާނަށް ދެންނެވިއެވެ. ޤަބްރުސްތާނުގައި ވަޅުލައިފައިވާ މީހުންގެ ތެރެއިން މީހަކު ދިރުއްވާ ދެއްވާށެވެ. އެހިނދު ޢީސާގެފާނު މަހާނައެއްގެ ދޮށަށް ވަޑައިގެން ވިދާޅުވިއެވެ. ﷲގެ އިޒްނަފުޅާ ލައިގެން ތިބާ ދިރިގެން ތެދުވާށެވެ. އެހިނދު އޭނާ ތެދުވިއެވެ. ޢީސާގެފާނު ވިދާޅުވިއެވެ. ތިބާއީ ކޮން ޒަމާނެއްގެ މީހެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑަކީ ނޫޙުގެފާނުގެ ޒަމާނުގެ މީހަކީމުއެވެ. އެހިނދު ޢީސާގެފާނު ވިދާޅުވިއެވެ. ﷲގެ އިޒްނަފުޅާލައިގެން ތިބާ މަރުވާށެވެ! އެހިނދު ޙަވާރީން ޢީސާގެފާނު ދެކެ ކޯފާވެ ދެންނެވިއެވެ. އޭ ރޫޙުﷲއެވެ. އޭނާއާ ވާހަކަދައްކައިލާނެ ވަގުތުކޮޅެއް އަޅުގަނޑުމެންނަށް ނުދެއްވީ ކީއްވެތޯއެވެ؟ އެހިނދު ޢީސާގެފާނު ވިދާޅުވިއެވެ. މާތްﷲ އޭނާގެ ރިޒްޤު ކަނޑުއްވައިލައްވައިފައިވާ މީހަކު ދުނިޔޭގައި ބަހައްޓަވާނީ ކިހިނެއް ހެއްޔެވެ؟ ރިޒްޤު ދެއްވަނީ ﷲ ތަޢާލާއެވެ. ތިބާއަށް އެ ބާރު ލިބިގެން ނުވެއެވެ. މި ރިޒްޤު ކަނޑައިލުމުގެ ބާރު މާތް ﷲ ދެއްވައިފައި ވަނީ މަލަކުލްމައުތުގެފާނަށެވެ.

ވީމާ، ބީވެފައިވާ ދުވަހާމެދު ތިބާ ނުވިސްނާށެވެ. އެކަމާމެދު ވިސްނިވަރަކަށް ތިބާގެ ހިތާމަ ދާނީ އިތުރުވަމުންނެވެ. ފާއިތުވި ކަމަކާމެދު ބީވެގެންދިޔަ ދުވަހާމެދު ވިސްނަންވާނީ އީޖާބީކޮށްނެވެ. ﷲއަށް އަދާކުރާން ޖެހިފައިވާ ޙައްޤެއް އަދާނުކުރެވުނީތީ ދެރަވެވިދާނެއެވެ. ތިބާއާ ބީވެގެން ދިޔަ ހެޔޮ ކަމަކަށް ޓަކައި ދެރަވެވިދާނެއެވެ. ޢިބްރަތް ޙާޞިލުކުރުމަށް ޓަކައި ވިސްނައި ބެލިދާނެއެވެ. އެއީ ޙާޒިރުގައި އޮތް ދުވަސް ރަނގަޅު ކުރުމަށް ޓަކައެވެ. މި ދުވަހުގައި ތިބާއަށް ކުރަން ޖެހިފައިވާ ކަންތައްތައް ކުރެވޭތޯ ބަލާށެވެ! ފަރްޟު ނަމާދު އަދާކުރެވޭތޯ ބަލާށެވެ! ރަމަޟާން މަހެއްނަމަ ރޯދަ ހިފާށެވެ!

ވަޢުދުވެގެންވާ ދުވަހަކީ މާދަމާއެވެ. މާދަމާއަށް ޓަކައި ތިބާ ކަންބޮޑުނުވާށެވެ! ތިބާއަކީ ވަސީލަތެކެވެ. ރިޒްޤު ދެއްވާނީ ﷲއެވެ. އޭނާގެ ރިޒްޤު ﷲގެ ޔަދުޤުދްރަތްފުޅުގެ ދަށުގައިވާ މީހާ އެކަމާމެދު ހާސްވާކަށް ނުޖެހޭނެއެވެ.

ތިބާއަށް އެކަންކަމުގެ މައްޗަށް ބާރު ނުފޯރުވޭނެ ކަންތައްތަކެއް ވެއެވެ. އެއް ކަމަކީ ރިޒްޤެވެ. އެކަލާނގެއީ ރައްޒާޤުވަންތަ ރަސްކަލާނގެއެވެ. ((وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ- އަދި ތިޔަބައިމީހުންގެ رزق އާއި ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ.))

ދެވަނަ ކަމަކީ ހިތްހަމަޖެހުމެވެ. އެއީ ﷲ ދެއްވާ ކަމެކެވެ. ((فَأَنزَلَ السَّكِينَةَ عَلَيْهِمْ- ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލެއްވިއެވެ.))

ތިންވަނަ ކަމަކީ ދެމަފިރިންނަށް ދަރިން ދެއްވުމެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((وَأَصْلَحْنَا لَهُ زَوْجَهُ– އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ.))

ދެން އޮތީ ހަތަރު ވަނަ ދުވަހެވެ. އެއީ ﷲގެ ޙަޟްރަތަށް ދާންޖެހޭ ދުވަހެވެ.

ފަސްވަނަ ދުވަހަކީ ދެމިހުންނަނިވި ދުވަހެވެ. ސުވަރުގެ ނުވަތަ ނަރަކައަށް ވަންނަން ޖެހޭ ދުވަހެވެ. އެތާނގައި އޭނާ ތާއަބަދަށް ދެމިހުންނާނެތެވެ. އެހިސާބުން މަރުވުން ނިމުނީއެވެ.

މަލަކުލް މައުތުގެފާނު ވަޑައިގަންނަވާއިރު ތިބާއަށް ނޫން އެހެން މީހަކަށް އެކަލޭގެފާނު ނުފެންނާތެވެ. އެކަލޭގެފާނަށް ވެސް އެހެން މީހަކު ފެނިވަޑައެއް ނުގަންނަވާނެތެވެ. ތިބާގެ ކައިރީގައިވާ މީހާއަށް ވެސް އެއްވެސް އިޙްސާސެއް ނުކުރެވޭނެތެވެ. އެ ވަގުތު ޝަހާދަތުގެ ދެ ކަލިމަ ކިޔޭތޯ ބަލާށެވެ! އެމީހެއްގެ އެންމެ ފަހު ބަހަކަށް لا إله إلا الله ވީ މީހާއަށް އުފާވެރިކަން ހުށްޓެވެ. މިހެންވެ މަރަށް ޙާޒިރުވެފައިވާ މީހާއަށް ޝަހާދަތް ލައިދިނުމަށް ކީރިތި ރަސޫލާ ﷺއެންގެވިއެވެ.

ބޮޑާވަނީ ކީއްވެގެން

ބޮޑާވަނީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ އަންގަވަނީ ތަވާޟުޢޫވެރިވުމަށެވެ. ބޮޑާނުވުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ الْأَرْضَ وَلَن تَبْلُغَ الْجِبَالَ طُولًا– އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.))

ބޮޑާވާންވީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުން ބެހެނީ ތިން ބަޔަކަށެވެ. އަޅުގަނޑަށްވުރެ ހަގު މީހުންނާއި އަޅުގަނޑާ އެއް ޢުމުރުގެ މީހުންނާއި އަޅުގަނޑަށްވުރެ ދޮށީ މީހުންނެވެ.

އަޅުގަނޑަށްވުރެ ހަގު މީހަކީ އަޅުގަނޑަށްވުރެ ހެޔޮކަން ބޮޑު މީހެކެވެ. އޭނާގެ ފާފަތައް މަދުވާނެތީއެވެ. އޭނާއަށް ތަވާޟުޢުވެރިވާން ޖެހެނީ މިހެންވެގެންނެވެ.

އަޅުގަނޑަށްވުރެ ދޮށީ މީހަކީ އަޅުގަނޑަށްވުރެ ހެޔޮ ޢަމަލުތައް ގިނަ މީހެކެވެ. އެހެންވެ އޭނާއަށް ޓަކައި ތަވާޟުޢުވެރިވާން ޖެހެއެވެ.

އަޅުގަނޑާ އެއް ޢުމުރުގެ މީހާއަށް ބަލާއިރު އަޅުގަނޑުގެ ފާފަތައް އޭނާގެ ފާފަތަކަށްވުރެ ގިނަ ވެދާނެއެވެ. އޭނާ ﷲގެ ޙަޟްރަތާ ކުއްތަންވުން ބޮޑު މީހަކަށް ވެދާނެއެވެ.

ވީމާ އެއްވެސް އިންސާނަކު އަނެއް އިންސާނާގެ މައްޗަށް ބޮޑާވާނީ ކީއްވެގެން ހެއްޔެވެ؟ އުރެދުމުންދާ މީހަކު ފެނުނަސްމެއެވެ. ކޮންމެ އާދަމުގެދަރިއަކީ ގިނަގިނައިން ކުށަށް ހުށައެޅިގެންވާ މީހެކެވެ. ހާސާވެފައިވާ މީހެކެވެ. މަށަކީ އަބޫބަކްރުގެފާނު ކަމަށް ހަދައިފާ އެހެން މީހުން އަބޫޖަހްލަށް ހެދޭނީ ކިހިނެއް ހެއްޔެވެ؟ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރައްވިއެވެ. ((إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ– ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ.))

ﷲ ތަޢާލާ ސިފަކުރައްވާ ގޮތުގައި އެކަލާނގެއީ (ޣައްފާރުވަންތަ) ގިނަގިނައިން ފާފަފުއްސަވާދެއްވާ (ތައްވާބުވަންތަ) ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. ޤިޔާމަތްދުވަހުން މީސްތަކުން ޞިރާޠުމަގު ހުރަސް ކުރާނީ ބޮޑާވެރީންނާއި ކިބްރުވެރީންގެ ގައިމަތިން ލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *