Support Us

މޭޖަރ ޢަލީ ސަލީމުގެ އަގުހުރި އަސްކަރީ ޚިދުމަތް

މޭޖަރ ޢަލީ ސަލީމުގެ އެކުވެރިންނަށް އެއީ "ފަޔަރު ސައްލި" އެވެ. މޭޖަރ ޢަލީ ސަލީމުގެ ނަމާއެކު "ފަޔަރު" ބޭނުންކުރަނީ ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތާ މޭޖަރ ޢަލީ ސަލީމާ އޮތް ގުޅުމުގެ ސަބަބުންނެވެ. އެއީ ދިވެހި އަސްކަރިއްޔާގައި އަލިފާން ނިއްވުމުގެ ޚިދުމަތްދިނުމަށް ޚާއްޞަ ޔުނިޓެއްގެ ގޮތުގައި އެންއެސްއެސް ފަޔަރ ސެކްޝަން، 1990 މޭ 1 ވަނަ ދުވަހު އުފެއްދެވި އިރު ތިއްބެވި ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަސްކަރިއްޔާގެ ދެ އޭރިއާ ކޮމާންޑެއްގައި އަދާކުރެއްވި ޕޯސްޓިންގ ޑިއުޓީގެ ދެ ޑިއުޓީއެއް ފިޔަވައި މުޅި އަސްކަރީ ޚިދުމަތުގައި މޭޖަރ ޢަލީ ސަލީމު މަސައްކަތްކުރެއްވީ އަލިފާން ނިއްވުމުގެ ޚިދުމަތުގައެވެ. އެއީ އެމްއެންޑީއެފްގެ ލީޑަރޝިޕުގެ އިރުޝާދާ އެއްގޮތަށް ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރައްވައި، ތަރައްޤީކުރައްވައި އަދި މީހުންނާއި ވަސީލަތްތައް ބިނާކުރެއްވުމުގައި ގަދައަޅައި މަސައްކަތްކުރެއްވި އިޚްލާޞްތެރި، ތެދުވެރި ޚިދުމަތްތެރިއެކެވެ. ދިވެހި އަސްކަރިއްޔާގައި އަލިފާން ނިއްވުމުގެ ޚިދުމަތުގައި އެންމެ ދުވަސްވީ ތަޖުރިބާކާރަކަށް މިއަދާ ހަމައަށް ހުންނެވި ބޭފުޅަކީ މޭޖަރ ޢަލީ ސަލީމެވެ.

މޭޖަރ ޢަލީ ސަލީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 16 މާރިޗު 1989 ގައެވެ. ހުޅުލޭ އެއަރޕޯޓުގެ ފަޔަރ ބްރިގޭޑުގައި ކުރިން މަސައްކަތް ކުރެއްވި މޭޖަރ ޢަލީ ސަލީމު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއިރު އަލިފާން ނިއްވުމުގެ ޚިދުމަތަށް ޚާއްޞަ ވަކި ޔުނިޓެއް ސިފައިންގެއަކު ނޯވެއެވެ. އެ ދުވަސްވަރު އަލިފާން ނިއްވުމަށް ސިފައިން ބޭނުންކުރަމުން ދިޔަ ޕަންޕުތަކާއި އެހެނިހެން އާލާތްތައް ބަލަހައްޓައި ހެދުމުގައި މޭޖަރ ޢަލީ ސަލީމު މަސައްކަތް ކުރެއްވިއެވެ.

އަލްމަރުޙޫމް ކާނަލް ޝައުކަތު އިބްރާހީމުގެ އޮފިސަރ އިންޗާޖުކަމުގައި ސިފައިންގެ ފަޔަރ ސެކްޝަން އެންމެ ފުރަތަމަ އުފެއްދެވިއިރު ދެ ބޭފުޅަކަށް އޮފިސަރ އިންޗާޖުގެ އެހީތެރިޔާކަން ދެއްވިއެވެ. އެއް ބޭފުޅަކީ ލާންސް ކޯޕްރަލް ރޭންކުގައި އޭރު ހުންނެވި ޢަލީ ސަލީމެވެ. އަނެއް ބޭފުޅަކީ ކޯޕްރަލް ރޭންކުގައި ހުންނެވި މުސްޠަފާ ސަމީރެވެ. އަލިފާން ނިއްވުމުގެ ޚިދުމަތަށް އިނގިރޭސިވިލާތުން ގެންނެވި ފުރަތަމަ ފްލީޓް ގެންނެވުމުގައި މޭޖަރ ޢަލީ ސަލީމަކީ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެ ވެހިކަލްތައް ވަރަށް ބޮޑަށް ބަވެފައި ވަނިކޮށް ފްލީޓް މުޅިން އާވެގެން ދިޔައީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީއާއެކުގައެވެ. އެފަހަރު ވެސް މޭޖަރ ޢަލީ ސަލީމް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މާލޭގައި އޮތް އަލިފާން ނިންމުގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ވެސް މޭޖަރ ޢަލީ ސަލީމަކީ ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި 2005 ވަނަ އަހަރު ރީޖަނަލް ފަޔަރ ސާރވިސް ތަޢާރަފުކުރެއްވިއިރު މީހުން ބިނާކުރެއްވުމުގައާއި ފަޔަރ ސްޓޭޝަންތައް ޤާއިމުކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ މޭޖަރ ޢަލީ ސަލީމެވެ.

އަލިފާން ނިއްވުމުގެ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުން ދިޔައިރު، 1990 ވަނަ އަހަރު އުފެއްދެވި ފަޔަރ ސެކްޝަންގެ ނަން، 1993 ވަނަ އަހަރު އެންއެސްއެސް ފަޔަރ ސާރވިސްގެ ނަމަށް ބަދަލުކުރެއްވިއެވެ. އަދި 2001 ވަނަ އަހަރު ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ނަމަށް ނަން ބަދަލުކުރެއްވިއެވެ. އަދި 2019 ވަނަ އަހަރު އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިން ވުޖޫދަށް ގެންނަވައި، އެމްއެންޑީއެފްގެ އިދާރީ އަދި އޮޕަރޭޝަނަލް އޮނިގަނޑަށް ގެންނެވި ބަދަލުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަކީ ދިވެހި އަސްކަރިއްޔާގެ ކޮމްބެޓް އެންޑް މެނޫވަރ ފޯހެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޚިދުމަތަކީ ދިވެހި އަސްކަރިއްޔާގައި އޮންނަ ސިވިލް ޑިފެންސްގެ މައިގަނޑު ޚިދުމަތްކަމުގައި ހަމަޖެއްސެވިއެވެ. މި ހުރިހާ ބަދަލެއް ސިފައިންގެ އަލިފާން ނިއްވުމުގެ ޚިދުމަތަށް އައިއިރު މިހުރިހާ ކަމެއް ތަޖުރިބާކުރެއްވި ހަމައެކަނި ބޭފުޅަކީ މޭޖަރ ޢަލީ ސަލީމެވެ.

މޭޖަރ ޢަލީ ސަލީމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ކޯސްތަކަކާއި ތަމްރީނުތަކެއް ހައްދަވާފައިވާ ޚިދުމަތްތެރިއެކެވެ. މިގޮތުން ރާއްޖެއިން ފުރިހަމަކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ސިފައިންގެ އަސާސީ ތަމްރީނު ކޯސް، ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ، އިންސްޓްރެކްޝަނަލް ޓެކްނިކް ކޯސް، ކެމިކަލް ފަޔަރ އެޕްލިއަންސް ކޯސް، ސާރޖަންޓް މޭޖަރ ޑްރިލް ކޯސް، ޕޮލިސް މެނޭޖްމަންޓް ކޯސް، ޓެކްނީޝަން ޓްރޭނިންގ، މެއިންޓަނަންސް އޮފް ކެމިކަލް ފަޔަރ ފައިޓިންގ އެޕްލިއަންސް ކޯސް ހިމެނެއެވެ. މީގެއިތުރުން އެކައުންޓިންގ އެންޑް ގަވަރުމަންޓް ފައިނޭންޝިއަލް ރެގިއުލޭޝަން ކޯހާއި އޮފީސް މެނޭޖްމަންޓް ކޯސް ވެސް ހިމެނެއެވެ.

ރާއްޖެއިން ބޭރުން ފުރިހަމަ ކުރެއްވި ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ފުރިހަމަކުރެއްވި އިނގްލިޝް ލޭންގްއޭޖް ކޯސް، ޖޫނިއަރ އޮފިސަރ އެއަރޕޯޓް ރެސްކިޔު ފަޔަރ ސަރވިސް ކޯސް،ފަޔަރ ޕްރޮޓަކްޝަން ކޯސް، ޖެނެރަލް ފަޔަރ ޕްރިވިންޝަން ކޯސް، އޮފިސަރ ކޯސް، ޖޫނިއަރ އޮފިސަރ ކޯސް، ފަޔަރމެންޝިޕް ކޯސް، ފަޔަރ ބޭސިކް ކޯސް، ޕަމްޕް އޮޕަރޭޝަން އެންޑް މެއިންޓަނަންސް ކޯސް ހިމެނެއެވެ. ސްރީލަންކާއިން އިންގްލިޝް ލޭންގްއޭޖް ކޯހެއް ފުރިހަމަ ކުރައްވާފައިވާ މޭޖަރ ޢަލީ ސަލީމް ވަނީ އޮސްޓްރޭލިއާއިން އެއަރޕޯޓް ރެސްކިޔު އެންޑް ފަޔަރ ފައިޓިންގ ރެކްރޫޓް ކޯހާއި ކޮރެއާއިން ކޮއިކާ ސްޕެޝަލް ޓްރޭނިންގ ޕްރޮގްރާމާއި އާބަން ސާރޗް އެންޑް ރެސްކިޔު ޓްރޭނިންގ ކޯސް ފުރިހަމަ ކުރައްވާފައެވެ.

މޭޖަރ ޢަލީ ސަލީމަކީ ގަވާއިދުތަކަށް ވަރަށް އަހުލުވެރި ބޭފުޅެކެވެ. މުއައްސަސާގެ އުސޫލުތަކާއި ނިޒާމުތަކާ އެއްގޮތަށް ދަށުން މަސައްކަތްކުރާ ސިފައިން ބައްޓަން ކުރެއްވުމަށް ގަދަ އަޅައި މަސައްކަތް ކުރެއްވި ލީޑަރެކެވެ. ކުރައްވާ ކޮންމެ ކަމެއް ވެސް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. މި ކަންކަމުގެ ސަބަބުން އަސްކަރިއްޔާގެ ލީޑަރޝިޕުން ކުރެއްވި އިތުބާރާއެކު ތަފާތު ގިނަ އެޕޮއިންޓްމަންޓްތަކުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު މޭޖަރ ޢަލީ ސަލީމަށް ލިބިވަޑައިގެންނެވިއެވެ.

މޭޖަރ ޢަލީ ސަލީމު އަދާކުރެއްވި އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި އެންއެސްއެސް ފަޔަރ ސެކްޝަންގެ އޮފިސަރ އިންޗާޖުގެ އެހީތެރިޔާގެ މަޤާމު، އެންއެސްއެސް ފަޔަރ ސާރވިސްގެ އެޑްމިނިސްޓްރޭޓިވް އިންޗާޖުގެ މަޤާމު، އެފްއާރުއެސްގެ އެޑްމިން އެންޑް ފާރސަނަލް އޮފިސަރ އަދި އެޓޯލް ލިއޭޜަން އޮފިސަރގެ މަޤާމު، ކަޅުތުއްކަލާކޮށީ ފަޔަރ ސްޓޭޝަންގެ ސްޓޭޝަން އޮފިސަރުގެ މަޤާމު، ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގެ އޮފިސަރ ކޮމާންޑިންގގެ މަޤާމާއި ކޮމާންޑިންގ އޮފިސަރުގެ މަޤާމު، ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމު، އަދި އެފްއާރުއެސްގެ ޑައިރެކްޓަރ އޮފް އެޑްމިން އެންޑް ޕާރސަނަލްގެ މަޤާމު ހިމެނެއެވެ.

މޭޖަރ ޢަލީ ސަލީމް އަދާކުރެއްވި އެހެނިހެން އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ އެންސީއޯ ޑިވެލޮޕްމަންޓް ސަބް ކޮމެޓީގެ ވައިސް ޗެއަރމަންގެ މަޤާމު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓުގެ އޮފިސަރ އިންޗާޖުގެ މަޤާމު، ޓްރޭނިންގ ރިސާޗް އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަން، އެންއެންޑީއެފް ސޭފްޓީ ބޯޑުގެ މެންބަރުކަން، އެމްއެންޑީއެފް ވެލްފެއަރ ބޯޑުގެ ވައިސް ޗެއަރމަންކަމާއި އެ ބޯޑުގެ މެންބަރުކަން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރުކަން ހިމެނެއެވެ. މޭޖަރ ޢަލީ ސަލީމް އަވަހާރަވީއިރު ހުންނެވީ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޑައިރެކްޓަރ އޮފް ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ މަޤާމުގައެވެ.

މޭޖަރ ޢަލީ ސަލީމަކީ މީހުންނާ ވަރަށް ގުޅޭ ވަރަށް މަޖާ އެކުވެރި މިޖާޒެއްގެ ބޭފުޅެކެވެ. އެހެން ނަމަވެސް ސީރިއަސް ވާންޖެހޭ ހާލަތްތަކުގައި ވަރަށް ސީރިއަސް ބޭފުޅެކެވެ. އެއީ އަސްކަރިއްޔާގެ އުސޫލުތަކާއި ނިޒާމުތައް ހިފެހެއްޓެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ބޭފުޅެކެވެ. އިޚްލާޞްތެރިކަމާއެކު މިޝަން ހާސިލުކުރެއްވުމަށް ގަދައަޅައި މަސައްކަތްކުރެއްވި މޭޖަރ ޢަލީ ސަލީމުގެ އަގުހުރި ޤައުމީ ޚިދުމަތުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި ހަތް މެޑެއްޔާއި 10 ކުލަ ދިވެހި އަސްކަރިއްޔާއިން އަރުވާފައިވެއެވެ. އޭގެތެރޭގައި ސައްތައިގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 17 ވަނަ ސާކް ސަމިޓުގެ މެޑެލި، މިނިވަން 50ގެ މެޑެލި، ޖުމްހޫރީ 50ގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެލި ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކުގެ ތެރޭގައި އަޚްލާޤީ ކުލަ (އެއްވަނަ، ދެވަނަ އަދި ތންވަނަ ފަހަރަށް)، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ އެއްވަނަ ފަހަރަށް، ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، އަމާޒަށް ބަޑިޖެހުމުގެ ކުލަ ހިމެނެއެވެ.

މޭޖަރ ޢަލީ ސަލީމަކީ ޢަޒުމް ވަރުގަދަ، ހިތްވަރުގަދަ ބޭފުޅެކެވެ. ހަށިހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދެއްވި ބޭފުޅެކެވެ. އަދި ދިވެހި އަސްކަރީ ޚިދުމަތަށް ޚާއްޞަ ލޯތްބެއް ހުރި ބޭފުޅެކެވެ. މިކަން މޭޖަރ ޢަލީ ސަލީމުގެ ހަޔާތުގެ އެންމެ ފަހު ދުވަހު ވެސް ވަނީ ސާބިތުކޮށްދެއްވާފައެވެ. އާލާސްކަންފުޅާ އުޅުއްވި ނަމަވެސް އެ ދުވަހު ވެސް އޮފީހަށް ނިކުމެވަޑައިގެންނެވިއެވެ. އަވަހާރަވީ، ކަޅުތުއްކަލާކޮށީގައި ހުންނަވަނިކޮށް ކުއްލިއަކަށް އާލާސްކަންފުޅު މާބޮޑުވެގެން އިމަޖެންސީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް 25 އެޕްރީލް ގައެވެ.

އުމުރުފުޅުން 59 އަހަރުގެ މޭޖަރ ޢަލީ ސަލީމު އަވާހަރަވީއިރު ސިފައިންގެ ޚިދުމަތަށް 34 އަހަރާއި 1 މަހާއި 9 ދުވަސް ވަނީ ވެފައެވެ. މޭޖަރ ޢަލީ ސަލީމު ފަސްދާނުލީ އެޕްރީލް 26 ވަނަ ދުވަހު މާލޭ އާސަހަރާގައެވެ. ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރި މި ޖަނާޒާ ކުރިއަށް ގެންދިޔައީ ސިފައިންގެ ރަސްމީ ޢިއްޒަތުގެ ތިންވަނަ ދަރަޖައިގައެވެ.

މޭޖަރ ޢަލީ ސަލީމުގެ ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި، ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި އެ މަރުހޫމުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަންދެއްވާށިއެވެ.

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *