Support Us

މުސްލިމުންގެ ޢީދުތައް: އަޅުކަމާއި އުފާވެރިކަން

ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖްރަކުރެއްވިއިރު އެ ރަށުގެ މީހުން ދެ ޢީދެއް ފާހަގަކުރަމުން ދިޔައެވެ. އެއީ ނައިރޫޒު ޢީދާއި މަހްރަޖާން ޢީދެވެ. ކީރިތި ރަސޫލާ ﷺ އެކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން އެބައިމީހުން ރަސޫލާއަށް ދެންނެވިއެވެ. އެއީ އަޅުގަނޑުމެން ޖާހިލީ ޒަމާނުގައި ކުޅެ މަޖާކުރި ދެ ދުވަހެކެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا؛ يَوْمَ الأَضْحَى، وَيَوْمَ الْفِطْرِ– ހަމަކަށަވަރުން ﷲ އެއަށްވުރެ ހެޔޮކަން ބޮޑު ދެ ދުވަހަކުން އެ ދެ ދުވަސް ބަދަލު ކުރައްވައިފިއެވެ.))

ކީރިތި ރަސޫލާ ﷺގެ މި ބަސްފުޅުން މުހިއްމު ކަންތައްތަކެއް އެނގިގެންދެއެވެ. މި ބަސްފުޅުން މުސްލިމުންގެ ޢީދުތަކުގެ ފަލްސަފާއާއި ޙިކްމަތް ދޭހަވެއެވެ. ކީރިތި ރަސޫލާއަށް މުޖްތަމަޢުގެ ތެރެއިން ކަމެއް ފެނިވަޑައިގަތުމުން އެކަމާ ބެހޭގޮތުން ސުވާލު ކުރައްވާ އެކަމުގެ ޙަޤީޤަތް ހޯއްދަވައެވެ. އެ ފަދަ ކަންތައްތަކާ ބެހޭގޮތުން ފަތުވާ ދެއްވުން އަވަހެއް ނުކުރައްވައެވެ. އެކަމާ ބެހޭ ގޮތުން ދީނުގެ ޙުކުން ބަޔާން ކުރައްވަނީ އެކަމާމެދު ހުރިހާ ގޮތަކަށް ބައްލަވައިފައެވެ.

އެކަލޭގެފާނުގެ މި ބަސްފުޅުން ދަސްކުރަން ޖެހޭ ކަންތައްތަކެއް ވެސް ވެއެވެ. މީހަކު ކުރާ ޢަމަލެއް ނުރަނގަޅު ކަމަށް ނުވަތަ ރަނގަޅު ކަމަށް ބުނަންވާނީ އެކަމާމެދު ބަލައި ވިސްނައިފައެވެ. މި ފަދަ ކަންކަމުގައި އަވަސްއަރުވައިގަނެގެން ނުވާނެއެވެ. މީސްތަކުންގެ ތެރޭގައި ހިނގަމުންދާ ނުރަނގަޅު ކަންތައްތައް ރަނގަޅު ކުރަން ވާނީ މަޑުމައިތުރިކަމާއި ރިވެތި މަގުންނެވެ. ވަގުތަށާއި ތަނަށް ބަލައިގެންނެވެ. އެ ކަމަށް އެންމެ މުނާސަބު ޢިބާރާތުންނެވެ.

ކީރިތި ރަސޫލާ ﷺ އަކީ ޑަކްޓަރެއްފަދަ ބޭކަލެކެވެ. އެކަލޭގެފާނު ބަލިބައްޔަށް ފަރުވާ ދެއްވަނީ ރަނގަޅަށް އެ ބަލިތައް ތަޙްލީލުކުރެއްވުމަށްފަހުގައެވެ.

ކީރިތި ރަސޫލާ ﷺ އަށް ހުށައެޅުނު މި މަސްއަލައަށް ބެއްލެވުމަށްފަހު އެއަށް ރަނގަޅު ބަދީލެއް ގެނެސްދެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޢީދަކާ ދެކޮޅެއް ނަހައްދަވައެވެ. ޢީދުގައި އުފާފާޅުކުރުމާ ދެކޮޅެއް ނަހައްދަވައެވެ.އެކަލޭގގެފާނު ދެކޮޅު ހެއްދެވީ އެ ދެ ދުވަހާއެވެ. އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮކަންބޮޑު ދެ ދުވަސް މާތް ﷲ އިސްލާމީ އުންމަތަށް ދެއްވައިފައިވާތީއެވެ.

ޢީދުގައި އުފާފާޅުކުރުމަކީ ދީން މަނާކުރާކަމެއް ނޫނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ- ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.)) މި ބަސްފުޅުގެ ސިޔާޤަށް ބަލާއިރު މިއީ ޢާންމު ބަސްފުޅެކެވެ. މާތް ﷲ ހުއްދަކުރެއްވި (ޙަލާލު ކުރެއްވި) އެންމެހާ ޒީނަތްތަކާއި ކެއިންބުއިންތައް އޭގެތެރޭގައި ހިމެނޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلا تُسْرِفُوا إِنَّهُ لا يُحِبُّ الْمُسْرِفِينَ قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ كَذَلِكَ نُفَصِّلُ الآيَاتِ لِقَوْمٍ يَعْلَمُونَ- އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.ކަލޭގެފާނު ވިދާޅުވާށެވެ! اللَّه، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، اللَّه ގެ ޒީނަތާއި، رزق ގެ ތެރެއިން ރަނގަޅު ތަކެތި حرام ކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެތަކެތި ވަނީ إيمان ވީ، މީހުންނަށް ދުންޔަވީ حياة ގައި ދެއްވާފައެވެ. قيامة ދުވަހުން އެތަކެތި (مؤمن ންނަށް) خالص ވެގެންވާ حال ގައެވެ. އެނގޭބަޔަކަށް އެފަދައިން ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ.))

މި އާޔަތުގައި މާތްﷲ "ޒީނަތް" ނިސްބަތް ކުރައްވައިފައި އެ ވަނީ އެކަލާނގެ މާތް ޒާތުފުޅަށެވެ. އެހެންކަމުން ޒީނަތްތެރިކަމަކީ ﷲގެ ގިއުގަނޑުގެ ތެރޭގައި އެއިން އަރާމު ޙާޞިލު ކުރުން ހުއްދަވެގެންވާ ކަމެއްކަން އެނގެއެވެ.

ދެން ފާހަގަކުރެވޭ ކަމަކީ އިންސާނާގެ ނަފްސަށް އަޅުކަންކުރުމާއި ޢިބާދާތު ބޭނުންވާ ފަދައިން އޭނާގެ ނަފްސަށް އުފާވެރިކަން ވެސް ބެނުންވާ ކަމެވެ. އަޅުކަމާއި ޢިބާދާތުގެ ސަބަބުން ނަފްސަށް ހިތްހަމަޖެހުމާއި ޚުޝޫޢަތްތެރިކަމާއި މަޑުމައިތރިކަން ލިބެއެވެ. އުފާވެރިކަމުގެ ސަބަބުން އޭނާގެ ނަފްސަށް އަރާމާއި ހިތަށް ރާޙަތު ލިބެއެވެ.

މުސްލިމުންގެ ޢީދުތަކަކީ މަތިވެރި އަޅުކަންތަކަކާ ގުޅިފައިވަ ޠާޢަތާއި ކިޔަމަންގަތުމުގެ ފޯވަހިތަކެކެވެ. މުނާސަބަތުތަކެކެވެ. ފިޠުރު ޢީދު އަންނަނީ ރަމަޟާން މަހުގެ ފަރްޟު ރޯދަ އަދާކުރުމާ ވިދިގެންނެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން އެންމެ ބޮޑެތި މަނާސިކުތައް އަދާކުރުމާ ވިދިގެންނެވެ. އެހެންކަމުން އިސްލާމީ ޢީދުތަކަކީ އަޅުކަމާއި ޒިކުރާއި ތަކްބީރާއި ޞާލިޙު ޢަމަލުތަކުގެ ދުވަސްތަކެކެވެ. އެއީ ﷲ ދެއްވާ އިނާމުތަކެކެވެ. އެކަލާނގެ ބާއްވަވާ ތަރްބަވީ އެކަޑަމީން ދަސްވެނިވާ މީހުންނަށް ދެއްވާ އިނާމުތަކެކެވެ. ދުންޔަވީ އިނާމަކީ އުޚްރަވީ އިނާމުގެ މަތިން ހަނދުމަކޮށްދޭނެ ކަމެކެވެ. ސުވަރުގޭގެ މަތިން ހަނދާންކޮށް ދެއްވުމެކެވެ.އެއީ ބޮޑު އިނާމެވެ. ޢީދުގައި އަޅުކަމާއި އުފާފާޅުކުރުން ހިމެނިގެންވާކަން ބަޔާންކޮށް ދެއްވާ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ وَذِكْرٍ لِلَّهِ- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުމާއި ބުއިމާއި ﷲ ހަނދުމަކުރުމުގެ ދުވަސްތަކެކެވެ.))

ވީމާ އަޅުގަނޑުމެންގެ ޢީދުތަކަކީ އަޅުކަމަކަށް ފަހުގައި އަންނަ އަޅުކަމެކެވެ. ޢީދަކީ ޠާޢަތެވެ. ކިޔަމަންގަތުމެވެ. މި ޢީދު ފުރައިލާން ވާނީ ހަމަ ޠާޢަތުންނެވެ. ކިޔަމަންގަތުމުންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބަހައްޓަން ޖެހޭނީ ﷲގެ ޠާޢަތުގެ ތެރޭގައެވެ.

ޢިދުގައި އުފާފާޅުކުރުމަކީ ނެތްކަމެއް ނޫނެވެ. އެހެނަސް މާތް ﷲ ޙަރާންކުރައްވައިފައިވާ ކަމަކުން އުފާފާޅުކޮށްގެން ނުވާނެއެވެ. ޢުރުފުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކީ ޝަރްޢު ބަލައިގަންނާނެ ކަމެއް ނޫނެވެ. ޢީދު ފާހަގަކުރުމުން އަޅުގަނޑުމެންނަށް ސަވާބު ލިބޭނީ އޭރުންނެވެ. ތަށީގައި ހުރި ޠާހިރު އެއްޗެއްގެ ތެރެއަށް ނުތާހިރު އެއްޗެއް އަޅައި އޭތި ވިސަޑުކޮށްގެން ނުވާނެއެވެ.

ޢީދުގައި އެންމެތަކުންނަށް ތަހްނިޔާކިޔާ މި އުފަލުގައި އެންމެން ބައިވެރިކުރުވޭތޯ ބަލަން ޖެހޭނެއެވެ. ރަޙިމުގެ ގުޅުން ވާޞިލުކޮށް އެކަކު އަނެކަކަށް ޒިޔާރަތްކުރެވޭތޯ ބަލާންވާނެއެވެ. މި ޒަމާނުގައި މީސްމީޑިޔާގެ އޮޅިތަކުގެ ތެރެއިންލައިފާ އެކަކު އަނެކަކަށް ޒިޔާރަތް ކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ. ޢީދުގައި ހިމެނޭ އިޖްތިމާޢީ މެސެޖު ޢަމަލީ ގޮތުން ތަރްޖަމާ ކުރެވޭނީ މި މޭރުމުންނެވެ. އިޖްތިމާޢީ ގުޅުންތަކާއި ޢާއިލީ ގުޅުންތަކާއި އަވަށްޓެރިކަމާއި އރަޙްމަތްތެރިކަމުގެ ގުޅުންތައް ހަރުދަނާކުރުމަކީ ޢީދުގެ ޙިކްމަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *