Support Us

ބްރެޒީލުގެ ރައީސް ލޫލާ ޑަ ސިލްވާ

ޗައިނާގެ ބްރިކްސް ބޭންކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އޮތް ޑޮލަރުގެ ބާރު ނެތިގެންދާނެތަ؟

ޑޮލަރުން މުޢާމަލާތުތައް ކުރުން ހުއްޓައިލުމަށް ބްރެޒީލުގެ ރައީސް ލޫލާ ޑަ ސިލްވާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދުނިޔެއަށް ގޮވައިލެއްވިއެވެ. ބްރެޒީލުން މިހާރު ވަނީ ޗައިނާއާއެކު ކުރާ މުޢާމަލާތުތަކުގައި ޑޮލަރު ބޭނުންކުރުން ހުއްޓައިލައިފައެވެ.

އެމެރިކާގެ ނިވްޒްވީކް މަޖައްލާގައި ޝާއިޢުކުރި ރިޕޯޓެއްގައި، ވިޔަފާރީގެ މުޢާމަލާތުތަކުގައި ޑޮލަރު ބޭނުންކުރަން މަޖްބޫރުވެފައިވަނީ ކީއްވެގެންތޯ ބްރެޒީލުގެ ރައީސް ސުވާލު ކުރެއްވިއެވެ. ދޭދޭ ޤައުމުތަކުން ބަދަލުކުރާ ވިޔަފާރީގެ މުޢާމަލާތުތަކުގައި އެ ޤައުމުތަކުގެ ވަޠަނީ ފައިސާއިން މި މުޢާމަލާތުތައް ފެށުމަށް ރައީސް ޑަ ސިލްވާ ގޮވައިލެއްވިއެވެ.

ބްރިކްސް ޤައުމުތަކުގެ ޖަމާޢަތުގެ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރާ މި އައު ބޭންކް ހުންނަނީ ޗައިނާގެ ޝަންހައިގައެވެ. ބްރިކްސް ޖަމާޢަތް އުފެދުނީ މީގެ 16 އަހަރު ކުރިންނެވެ. މި ޖަމާޢާތުގެ ބާނީންނަކީ ބްރެޒީލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ.

މި ބޭންކްގެ ޚާރިޖީ ގުޅުންތަކާބެހޭ މަޖިލީހުގެ މަސްއޫލުވެރިއެއް ކަމުގައިވާ ޒޮންގ ޔުވާން ޒޮއި ވިދާޅުވާގޮތުގައި މިއީ ހުޅަނގުގެ ޤައުމުތައް ނުހިމެނޭ ގިނަ ޤައުމުތަކެއްގެ އެއްބާރުލުމުގެ ވަރަށް ރީތި މިސާލެކެވެ. މި ކަމުގެ ސަބަބުން ޑޮލަރު ނުހިމެނޭ އަދި އެމެރިކާގެ ޚުދްމުޚްތާރު މީޔާރުގެ (ކްރައިޓީރިޔާގެ) ބާރު ނުހިގާ އައު އާލިއްޔަތެއް (މެކޭނިޒަމެއް) ޤާއިމުވެގެންދާނެއެވެ. މި އާލިއްޔަތުގެ ދަށުން ތަރައްޤީއަށް ބޭނުންވާ ފައިސާ ހުރިހާ ފަރާތްތަކަށް ވެސް ތަނަވަސްކޮށް ދެވޭނެއެވެ.

އޭނާ ވިދާޅުވިގޮތުގައި ޤައުމުތަކުގެ ފައިސާ ޑޮލަރާ ގުޅުވުމުގެ ސަބަބުން އެ ޤައުމުތަކުގެ ފައިސާކޮޅު އިސްތިހްލާކުވެގެން ނެތިގެން ދެއެވެ. ފައިސާ ފޮނުވުމުގައި ދައްކަން ޖެހޭ ފީއަކީ ތަރައްޤީއަށް ވަރަށް ނައްސި އަސަރުތައް ފޯރުވާ ބަހާއެކެވެ.

ބްރިކްސްގެ މުއައްސިސެއް ކަމުގައިވާ ޔަރޮސްލޭވް ލިސޮވްލެކް ވިދާޅުވާ ގޮތުގައި ވަޠަނީ ފައިސާއިން މުޢާމަލާތުކުރުމުން ފައިސާ ފޮނުވުމަށް ދައްކަންޖެހޭ ފީ ނެތިގެންދާނެއެވެ.

ލިސޮވްލެކް ވިދާޅުވާ ގޮތުގައި ދުނިޔޭގެ ބޭރު ފައިސާގެ ރިޒަރވުގެ 58% އަކީ އެމެރިކާ ޑޮލަރެވެ. އޭގެ 20% އަކީ ޔޫރޯއެވެ. އަދި ހަ ޕަސަންޓަކީ ޔެން އެވެ. ފަސް ޕަސަންޓަކީ އިނގިރޭސި ޕައުންޑެވެ. ޗައިނާގެ ރިޒަރވުގެ މިންވަރު ތިން ޕަސަންޓަށް ވުރެ މަދެވެ.

ލިސޮވްލެކް ވިދާޅުވި ގޮތުގައި އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ވަޠަނީ ފައިސާ ބޭނުންކުރަން ގޮވައިލާ މުހިއްމު ސަބަބުތަކުގެ ތެރޭގައި އެމެރިކާއާ އިދިކޮޅު ޤައުމުތަކާ ދެކޮޅަށް އަޅައި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުން ވެސް ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ދެކުނުގެ ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން އިޤްތިޞާދީ ފިޔަވަޅުތައް އެޅުމަށް ޓަކައި ޑޮލަރު ބޭނުން ކުރުމުގެ ސަބަބުން އެ ޤައުމުތަކުގެ އިޤްތިޞަދަށް ވަނީ ވަރަށް ނުބައި އަސަރުތައްކޮށްފައެވެ.

މި ދިޔަ އަހަރު ބޭޖިންގްގައި ބޭއްވުނު ބްރިކްސް ސަމިޓްގައި 19 ޤައުމެއް ބައިވެރިވިއެވެ. އާރޖެންޓީނާއާއި އީރާނުން ވަނީ މި ޖަމާޢަތަށް ވަންނަން އެދިފައެވެ. ސުޢޫދީ ޢަރަބިއްޔާއަށް ވަނީ މުރާޤިބު (އޮބްޒަރވަރު)ގެ މަޤާމު ދީފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެމެރިކާއާއި އެގައުމުގެ ވާގިވެރިންނާ ދެކޮޅަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް މިއީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *