ވެއްޓިއްޖެނަމަ ތެދުވަން އެނގޭނެ ވަރަށްވުރެން އަދި މާ ގަބޭ
ވެއްޓުނަނުދީ ހިފަހައްޓަނީ ޢަޒުމާއި އުންމީދުގެ ތަނބޭ
ފަހުމެއްނުވާ ކޮށި ވިސްނުމާ ކުށްހީތަކާ ސަކަރާތުގައި
ވަހުމުގެ ވަރައިގައި އުދުހުމުން ވަރުބަލިވެގޮސް ހިލެނީ ގުނބޭ
ދުނިޔޭގެ ލަދުކޮށް އެއްފަރާތް ހެއްލުންތަކުން ގެއްލެނިވުމުން
ދުނިޔޭގެ ކެހިވެރި ދަޅަތަކަށް އެހިތެއް އެސާހިތު ގޮސް ލެނބޭ
ތަންބޭރުގައި އޮތް އޮޑިޔަކަސް ފޮނުލާ ނަގާ ރާޅުގެ ތެރޭ
ތަންދޮރުފިލާނެތްނަމަ ދިޔަވެ ކުރިޔަށް ނުދެވި އެތަނަށް ގެނބޭ
އެ ހަނާއަޅާ އުފަލުގެ ހިމޭން މަންޒިލް ލޮލަށް ފެންނަން އޮތަސް
މި ޙަޔާތަކީ އޮއިގަދަ ކަނޑެއް، ކެތްތެރިކަމުގެ ރިތަކުން ކެނބޭ
މާޒީގެ ނިވަލުން ތަޖުރިބާ މިޞްރާބު ދައްކައިދޭކަމުން
މާޒީއަކީ ދަތުރަށް އޮޑީގެ ރިޔާ ނަގާ، އައްސާ ކުނބޭ