ޢަރުޝިއެއް އަދި ކުރުސިއެއް ނޭނގޭ މި ޅަ ޒުވާން ޖީލަކީ
ކަރުނަތައް ވަޠަނުގެ ލޮލުން ދެން އޮހޮރުވާނޭ ސަބަބަކީ
އިއްޔެއަށް ނުބަލާ އަދާ އަދި މާދަމާ ބަނަކޮށްލުމޭ
އައްޔަކުން އައްޔެއްނުވާ މުސްތަޤުބަލަށް އޮތް ރިހުމަކީ
ކުޑަކުދީންކޮޅު ބޮޑުވެގޮސް، ނޫކަށިފުރާ މުސްކުޅިވިޔަސް
ކުޑަމިނުން ރައްބެއް ރަސޫލެއް ވަކިނުވުން ޙައިރާނަކީ
އެއް ބައެއް އެއް ނަސްލަކުން އެއް އުންމަތަށް ނިސްބަތްވިޔަސް
އެއް އުސޫލެއް އެންމެނަށް ނުހިނގުން ކުރަން އޮތް ޖަދަލަކީ
މަލަމަތިން އަޚްވަންތަ މާތް ސިފަތައް އިރެއްގައި ސިފަވިޔަސް
ކުލަތަކަށް އަޅުވެތިވުމޭ މުޅި ޤައުމު ބިކަކުރި އަސްލަަކީ
ރިވެތި ޚުލްޤުގެ ރީތި ސިފަތައް އައި ޒަމާނަށް ކަމުނުގޮސް
މި ވެށި ސުންނާފަތިކުރާ ތަހުޒީބު ހުރިހާ ނުބަޔަކީ
ޚުދު ތިމާމެން އުފުލި ޚަންޖަރަކުން ޢަދުލު ކުދިކޮށް ކޮށާ
އަދަބު ނުދެވުނު ކުށްތަކޭ އާޝޯޚުކުރުވި އަޖައިބަކީ
އުނި އެތައް ސިފައެއް މިދީބަށް ފުނިޖެހުނު ގޮތަކާ ސަބަބު
ބުނެދެވޭނަމަ ބުނެބަލާށޭ ކާކުހޭ ކުށްވެރިއަކީ؟