ފައިސާގެ އަޅުންނަށްވެ ދުނިޔެއަށް ނުވިކެއްޗޭ
ގައިރޯދި ނަސީބުވިނަމަ ޝަކުވާނުކުރައްޗޭ
ލިބިދާނެ ތިމާއަށް ބައިވަރު، އެހެނަސް ކައިރީ
ތިބެދާނެ ބަޔަކު ނިކަމެތި، ގޮސް ޙާލުބަލައްޗޭ
އުނިވާނެ! މިތާ ނުލިބެޔެ ހަމަ ބޭނުން އެއްޗެއް
ދުނިޔޭގެ މިޒާޖޭ އެއަކީ ކެތްތެރިވައްޗޭ
ހަތް އުޑުގެ މަތިން ރިޒުޤު އޮހޭނޫންހެ ދޮގެއްތޯ!
ހިތް ނުފުރުނަކަސް، ލިބުނު ވަރަށް ޝުކުރުކުރައްޗޭ
އަނެކާގެ މިލްކުގައި އެއްޗެއް އިތުރުވެ ހުއްޓަސް
އަނެކުންގެ ނިޢުމަތަށް ހިތުގައި ޙަސަދަނުލައްޗޭ
އުދުހެން ތަނަވަސްކަން ލިބުނަސް ދުނިޔެމަތީގައި
މަދުވާނެކަަމަށް ދަހިވެތިކަން އިސްނުކުރައްޗޭ
ހާލަތުގެ ރިހުމުގައި އެތަކެއް ބަޔަކު ތިބޭއިރު
ދީލަތި އަތަކުން ހެޔޮގޮތުގައި ހޭދަކުރައްޗޭ