Support Us

ހިންމަފުށީ ރިހެބް ސެންޓަރު އަދި އެން.ޑީ.އޭގެ ސީ.އީ.އޯ އިމާދު ސޯލިހު

ރިހެބުގެ މީހުން ރަށުތެރެއަށް ނުކުމެ ފޭރި، ވައްކަން ކުރާތީ ހިންމަފުށި ހާސްކަމެއް ތެރޭގައި

ކ. ހިންމަފުށީ ރިހެބް ސެންޓަރުގައި ތިބޭ މީހުން ރަށުތެރެއަށް ނުކުމެ، ފިހާރަތަކުން ފޭރުމާއި ގޭގެއިން ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން އާންމުވެ، ރައްޔިތުން ބޮޑު ހާސްކަމެއްގެ ތެރެއަށް ވައްޓާލައިފި އެވެ.

ހިންމަފުށީ މީހަކު މިއަދު ބުނި ގޮތުގައި މާ ބޮޑު ސެކިއުރިޓީ ނިޒާމެއް ނެތް "ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު"ގައި، ޑްރަގުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއަށް ދާދި ފަހަކުން ގެންދިޔަ ބައެއްގެ ސަބަބުން މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. މިގޮތުން މާލެތެރޭގައި މަސްތުވެގެން އަރިއަޅާލައ،ި ބިތްޖެހި އަދި ސަލާންޖަހަމުންދިޔަ ޕާޓޭންތަކެއް ވަރަށް ފަހުން ވަނީ އެ ތަނަށް ގެންގޮސްފައި ކަމަށާއި އެ މީހުންގެ ތެރޭގައި އެޗް.އައި.ވީ އާއި ޓީބީ ފަދަ ނުރައްކާތެރި ބަލިތައް ޖެހިފައި ތިބި މީހުން ވެސް ތިބި ކަމަށް ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނޫހުގައި ނަން ނުޖަހާން ޝަރުތުކޮށް ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި 170 މީހުންގެ ޖާގައިގެ ރިހެބުގައި އުޅޭ ޕާޓޭންތައް، ތަނުގެ އެއްވެސް ހިދުމަތަކާ ހިތްހަމަނުޖެހިއްޖެ ނަމަ، ތަނުން ނުކުތުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު އެ ގޮތަށް ތަނުން ނުކުމެއްޖެ ނަމަ، ފަރުވާ ލިބިގަތުން ދޫކޮށްލީ ކަމަށް ބަލައި، އަލުން އަނބުރާ އެތަނަކަށް ނުވައްދައެވެ.

"އެ މީހުން ނުކުތަނުދީ ހިފެހެއްޓުމުގެ ބާރެއް ނޯވޭ ތަނުގެ ގާޑުންނަކަށް. ފަރުވާއާ މެދު ހިތްހަމަނުޖެހިއްޖެއްޔާ އެ މީހުން ނުކުންނަނީ. ބައެއް ފަހަރު ގްރޫޕު ހަދައިގެން އެ މީހުން ރަށުތެރެއަށް ނުކުމެ، ފިހާރަތަކުން ފެނާއި ސިނގިރޭޓާއި ދަޅާއި ބިސްކޯދު ފަދަ އެއްޗެތި ނަގައިފައި ލާރި ނުދިނުމާއި، ފިހާރަތަކާއި ގޭގެއިން ފޭރުމާއި ވައްކަން ކުރުން އެއީ މިހާރު ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމެއް. ބައެއް މީހުން މަސްތުގެ ހާލުގައި ވެސް ރަށުތެރޭގައި އެބައުޅޭ. އެ މީހުން ހައްޔަރުކުރެވޭ ކަމަކަށް ނުވޭ ފުލުހުންނަކަށް ވެސް،" އޭނާ ބުންޏެވެ. "މި މީހުންނާ ހެދި ރަށުގެ ރައްޔިތުން ތިބެންޖެހިފައި މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި މި ރޯދަ މަހު ވެސް."

ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު (މ) ކައުންސިލްގެ މެމްބަރުންނާއެކު… -ފޮޓޯ: ކައުންސިލް އެފް.ބީ

މި މައްސަލައިގައި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު މިއަދު ވިދާޅުވީ ރިހެބު ޕާޓޭންގެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާތައް އަބަދުވެސް ލިބޭ ކަމަށާއި އިއްޔެ އާއި މިއަދުވެސް އުޅެންޖެހިފައި ވަނީ އެކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި ކަމަށެވެ. ހަސަން ވިދާޅުވީ ރިހެބުން ނުކުންނަ މީހުން ފިހާރަތަކުން ދަޅާއި ފެނާއި ބިސްކޯދު ފަދަ އެއްޗެތި ނެގުމާއި ވައްކަން ކުރުން ފަދަ ޝަކުވާތައް އަބަދުވެސް ލިބޭ ކަމަށެވެ.

"އިއްޔެވެސް ދެ މީހަކު ނުކުމެގެން އެ މައްސަލަ ތަންކޮޅެއް ބޮޑުވެފައި އޮތީ،" ހަސަން ވިދާޅުވިއެވެ. "މާލެތެރޭގައި ގިނަވެގެން މި އުޅޭ މީހުންތަކުގެ ތެރެއިން ބަޔަކު ރޯދަމަހުގެ ތެރޭގައި ގެނެސްގެން މި އުޅެނީ. އެ މީހުން ރިމާންޑަށް ނަގައިފައި ހިންމަފުށީ ރިހެބަށް ގެންނަނީ. އެ މީހުންނަކީ ސީދާ ފަރުވާއަަށް އައިސް ތިބޭ ބަޔެއް ނޫން ކަމަށް ވަނީ. އެ މީހުންގެ ތެރެއިން ގިނަ މީހުން މި ނުކުންނަނީ. އޭގެ ތެރޭގައި ބޮޑެތި ބަލިތައް ޖެހިފައި ތިބޭ މީހުން ވެސް އުޅޭ ކަމަށް މައުލޫމާތު ލިބޭ. އެ މީހުން ނުކުމެ މި އުޅެނީ ރަށުތެރޭގެ އެކި ތަންތަނުގައި. އެ މީހުން އެތަނުން ނުކުމެ މާލެ ދެވޭނެ ގޮތެއް ވަންދެން ރަށުތެރޭގައި އުޅޭނީ. އެހެން އުޅުމުގެ ތެރޭގައި ފަހުން ދޭނަމޭ ކިޔައިފައި ފިހާރަތަކުން އެއްޗެތި ނަގައިގެން، އަތިރިމަތީ ހަޓުތަކުގައި ނިދައިގެން ކަހަލަ ގޮތަކަށް އުޅެނީ އެ މީހުން. ތަންތަނުން ވައްކަން ވެސް ކުރޭ. އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް."

ހަސަން ވިދާޅުވީ މި މައްސަލައިގައި ކައުންސިލަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނަ ކަމަށެވެ.

"އެން.ޑީ.އޭ (ނެޝަނަލް ޑްރަގް އޭޖެންސީ) އާއި ފުލުހުންނަށް އަޅުގަނޑުމެން އަންގަނީ. އެން.ޑީ.އޭ އިން ބުނަނީ ފަރުވާ ދޫކޮށްލައިފައި ނުކުންނަ މީހަކު އަލުން އެތަނަށް ވަދެވޭނީ ކޯޓުން އަނެއްކާ ވެސް އެގޮތަށް ހުކުމް ކުރުމުންނޭ. އިއްޔެވެސް މިއަދު ވެސް އަޅުގަނޑުމެން ގުޅިން އެން.ޑީ.އޭ އާ. ފުލުހުންނާ ވެސް ގުޅަން. އެޓޯލް ކޮމާންޑަރާ ވެސް ގުޅަން. ފުލުހުން ބުނަނީ އެތަނުން ނުކުންނަ ކޮންމެ މީހަކު ފުލުހުންނަށް ހައްޔަރެއް ނުކުރެވޭނޭ. މީހަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއް އޮވެގެންނޭ. އެހެންވެ ރައްޔިތުންނަށް ޖަވާބުދާރީވާން ބަލާއިރު ކައުންސިލް މި އޮންނަނީ ވަރަށް ނުބައި ފައްތަރެއްގައި."

ރިހެބުން ނުކުންނަ ޕާޓޭންތައް ރަށުތެރޭގައި ވައްކަންކުރާތީ ބައެއް ފަހަރު މާރާމާރީވެސް ހިނގައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިހެބު ޕާޓޭންގެ މި މައްސަލައިގައި އެން.ޑީ.އޭގެ ބަހެއް، އެތަނުގެ ސީ.އީ.އޯ އިމާދު ސޯލިހު ފޯނު ނުނަންގަވާތީ ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ގައިމު ޝަމާހު ޝަރީފު ބުނި އަޑުއެހިން ޓީވީއަށް އަރާ ވަރަށް މޮޅު ބޭހެއް ކޮންޓްރޯލް ބޭހެއް ގެނެސް ޕާޓޭންނައް ދީގެން އެމީހުން ރަނގަޅުވީ ވާހަކަ. ތި އެންޑީއޭ ރަނގަޅެއް ނުވާނެ. މިހާރުވެސް ތިތަނުގެ އެއް ސެންޓަރުތެރޭ ދިހަ ބާރަ ސެންޓަރު ހަދައިގެން އުޅެނީ އެއީ ދުނިޔޭގަ ރާއްޖެ ފިޔަވާ ވާ ކަމެއްތަ އެއީ؟
    ހިއްމަފުށީ ޑްރަގު ސެންޓަރުގާ ކޮމުނިޓީ ފަރުވާޔާ ބަންދުކޮއްގެންދޭ ފަރުވާޔާ ޑިޓޮސް ފަރުވާޔާ މިހާރު ފުލުހުންވެސް ޕާޓޭން މަގުމަތިން ނަގާގެން އެތަނަށް ގެންދަނީ
    މިހާރު ސޭފްވޭހައުސްގާ ކުޑަކުދިންނާ އަންހެންކުދިންގެ ފަރުވާޔާ ކޮމުނިޓީ ކުދިންނާ އެއްކޮށް ބާތިއްބާފާ ތިބެނީ. މިއީތޯ މޮޅު ފަރުވާ؟ އޮހޮހޯ އެވިޑެންސް ބޭސްޑް ދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *