Support Us

ޢިބްރަތްތެރި ވާހަކަ: ބަދުދުޢާ ކުރި ދައްތަ އަށް ދިމާވި ގޮތުގެ ވާހަކަ

އެއީ އެކުވެރިއެކެވެ. އަވަށްޓެރިއެކެވެ. ކުޑައިރުންސުރެ އެކުގައި ކުޅެއުޅޭ އެކުވެރިއެކެވެ. އަޅުގަނޑުމެންގެ ގެއަށް އައިސް އުޅެއެވެ. އަޅުގަނޑުވެސް އެގެއަށް ގޮސް އުޅެމެވެ. މައިންބަފައިންގެ މެދުގައިވެސް ގާތް އެކުވެރިކަމެއް އޮވެއެވެ.

ކޮންމެއަކަސް ބޮޑުވެގެން އަޅުގަނޑަށް ކައިވެނިކުރެވުނީ އޭނާ އާއެވެ. ކައިވެންޏަށް އަހަރުވީތަނާ ބަލިވެއިނދެއްޖެއެވެ. ބަނޑަށް ހަތް މަހަށް އޮއްވައި ފިރިމީހާ އާއި އަޅުގަނޑުގެ ދޮށީ ދައްތައާ ދެމެދުގައި ދެކެވުނު ވާހަކައެއްގެ އަޑުއިވުމުން އެނގުނީ އެ ދެ މީހުންނަކީ ދެ ލޯބިވެރިންކަމެވެ. އަދި އޭނާ އަޅުގަނޑާ ކައިވެނިކުރުމުން ދައްތަ ހުންނަނީ ވަރަށް ބޮޑަށް ޙަސަދަލައިގެން ކަމެވެ.

އެކަން އެނގުމުން ދައްތައާ ވާހަކަ ދެއްކީމެވެ. އެ ދެ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް އޮންނަކަން ނޭނގޭ ކަމަށާއި އެނގުނު ނަމަ ކައިވެނި ނުކުރީމުސް ކަމަށް ބުނެ ތެދަށް ކިޔައިދިނުމުންވެސް ދައްތަ ޤަބޫލެއް ނުކުރިއެވެ. ރުޅި އައިސްގެން އަޅުގަނޑަށާއި ބަނޑުގައި އޮތް ދަރިފުޅަށް ބަދުދުޢާވެސް ކުރިއެވެ.

އެދުވަހު ވަރަށް ދެރަވިއެވެ. ހިތުގައިވެސް ޖެހުނެވެ. ނަމަވެސް ހިތަށް އެރީ ލޯތްބަކީ އެފަދަ ކަމެއް ކަމަށާއި އެވަރަށް ލޯބިވެވިފައި ވާނަމަ ނުބައި ބަސްވެސް ބުނެވިދާނެ ކަމަށެވެ. އެހެންވެ ދައްތައަށް މާފުކުރީމެވެ. ހިތަކު އެއްވެސް އެއްޗެއް ނުބާއްވަމެވެ.

ވިހައި ގަދަވުމުން ފިރިމީހާގެ ގާތުގައި ބުނެގެން ރީތި ގޮތުގައި ވަރިވީމެވެ. އަދި ދައްތައާ ގުޅިގެން އުޅެން ބުނީމެވެ. ދެ އަހަރު ވަންދެން އެކަނި އިނދެފައި ދެވަނަ ކައިވެނިކޮށްގެން ގެއިން ނުކުމެގެން ދިއައީއެވެ. ގެއިން ދިއަތަނާ ދައްތަ އާއި އޭނާއާ ކައިވެނިކޮށްފިއެވެ. ކައިވެނިކުރުމުން ހެޔޮދުޢާވެސް ކުރީމެވެ. ދައްތައާ ބާއްވަންޖެހޭ ގުޅުންވެސް ބޭއްވީމެވެ.

ދެން މިބުނަނީ މިވާހަކަ ކިޔައިދިނުމުގެ ބޭނުމެވެ. ދައްތައަށް ބަލިވެ އިނދެ ފުރަތަމަ ލިބުނު ދަރިފުޅުވީ ކަރުހަރުނުލާ ކުއްޖަކަށެވެ. ވަރަށް ދަތިޙާލުގައި ބަލަމުންގޮސް ރަނގަޅުވީ ޢުމުރުން އަށް އަހަރު ވީފަހުންނެވެ.

ދައްތަ އެދުވަހު އަޅުގަނޑަށާއި ދަރިފުޅަށް ކުރި ބަދުދުޢާ އެނބުރި ގޮސް ޖެހުނީ ކަމަކަށް ނުބުނާނަމެވެ. އެކަން ދެނެވޮޑިގެންވާނީ ﷲ އެވެ. ނަމަވެސް ކަންކަން ހިނގައި ދިއައީ މިގޮތަށެވެ.

ނާހިދު ޔޫސުފް ލިޔާ ވާހަކަތައް ކިޔާ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަންނަ ރުޅީގައި ބަދުދުޢާކުރުން ފަދަ ކަންކަން ނުކުރާށެވެ! އެނބުރި ތިމާއަށް ޖެހުމަކީވެސް ހިނގަމުން އަންނަ ކަންކަމެވެ. ޢިބްރަތް ޙާޞިލްކުރާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *