އެއީ ފަޤީރުން ގިނަ އަދި ވަރަށް ކުޑަކުޑަ އަވަށެކެވެ. އެހެންކަމާ އެކުގައިވެސް ޒިނޭކުރުން މަދު އަވަށެކެވެ. އެއްވެސް މީހަކު ޒިނޭކުރިކަން އެނގިއްޖެނަމަ އަވަށުގެ އެންމެން ނުކުމެ އެމީހަކަށް އަދަބުދޭ އަވަށެކެވެ.
ކޮންމެ ތަނެއްގައިވެސް ބޮޑެތި ޝައިޠޯނުންތައް އުޅޭތީ އެ އަވަށުގައިވެސް ބޮޑެތި ޝައިޠޯނުން އުޅެއެވެ. އެއިން ޝައިޠޯނަކު ތަޤްވާވެރި ޒުވާން އަންހެން ކުއްޖަކާ ޒިނޭކުރަން ބޭނުންވެގެން މަސައްކަތް ކޮށްކޮށްވެސް އެކުއްޖާ އެފުރުޞަތެއް ނުދިނެވެ.
އެންމެ ފަހުން އެމީހާ އައި ރުޅީގައި އެ އަންހެން ކުއްޖާއަކީ ކަސްބީ އަންހެނެއް ކަމަށް ދައްކުވަންވެގެން ފޮޓޯތަކެއް އެޑިޓްކޮށް އޭނާ ފަޟީޙަތް ކުރަން ނިންމިއެވެ. އަދި ޒިނޭ ނުކުރިނަމަ ފަޟީޙަތް ކޮށްލާނެ ކަމުގެ އިންޒާރު އެކުއްޖާއަށް ދިނެވެ. އެވަރުންވެސް އެކުއްޖާ އެކަމަށް ދެކޮޅުހެދިއެވެ. އެކުއްޖާ ބުނަމުން ދިއައީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމެއް މިހައިތަނަށް ވެސް ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ. ދޮގު އިލްޒާމް އަޅުވައިފިނަމަ ﷲ ތަޢާލާ އެކަމަކުން އޭނާ ސަލާމަތްކުރައްވަވާނެ ކަމަށެވެ.
ކޮންމެއަކަސް އެ ޝައިޠޯނާ ފޭސްބުކް މެދުވެރިކޮށް އެކުއްޖާގެ ބޮލުގައި ދޮގުތުހުމަތު އެޅުވިއެވެ. އެކަމުގެ ޙަޤީޤަތަށް ބެލުމެއް ނެތި ގިނަ ބައަކު އޭނާއަށް މަލާމާތާއި ފުރައްސާރަކުރަންފެށިއެވެ. އެހެންވެ ގަތް ލަދުން ކުއްޖާ ކޮޓަރިން ބޭރަށްވެސް ނުނުކުމެ އިންނަން ޖެހުނެވެ. އޭނާ ކޮޓަރީގައި އިނދެގެން ގެންދިއައީ ދުޢާކުރަމުންނެވެ. އެނުބައި، ދޮގު އިލްޒާމުން އޭނާ ސަލާމަތްކޮށްދެއްވެވުން އެދިގެންނެވެ.
ތިން ވަނަ ދުވަހުގެ ހަވީރެވެ. ބައަކު އެ ގޭދޮށަށް އެއްވެ އެކުއްޖާއަށް އެއްޗެތި ގޮވަން ތިއްބައި މީހަކު ދުވަމުން އައެވެ.
އޭނާ ބުންޏެވެ. "އެންމެން އަޑުއަހާށެވެ! އެ އަންހެން ކުއްޖާއަކީ ޢަބުރުވެރިއެކެވެ. ޢިއްފަތްތެރިއެކެވެ. އަހަރެން އޭނާއާ ޒިނޭކުރަން ވަރަށް މަސައްކަތްކުރީމެވެ. ފައިސާވެސް ހުށަހެޅީމެވެ. ބިރުވެސް ދެއްކީމެވެ. އެކަމަކު އޭނާ ދެކޮޅުހެދީއެވެ. ތިއަ ފޮޓޯތައް ޢާންމުކުރީ އަހަރެންނެވެ. އެއީ އަހަރެން އުފެއްދި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ޢާންމުކުރީންސުރެ އަހަރެންގެ ގުނަވަނުން ދިލަނަގަމުން އައިސް މިހާރު މިއުޅެނީ ކެތް ނުކުރެވިގެންނެވެ. އެފޮޓޯތައް މިހާރު ޑިލީޓްވެސް ކޮށްފީމެވެ. އެކަމަކުވެސް ދިލަނެގުން މަޑެއް ނުވެއެވެ. ހައްތާ ގަދަވަނީއެވެ. އަހަރެން މިއައީ ޙަޤީޤަތް ކިޔައިދީ އޭނާގެ ކިބައިން މާފަށް އެދޭށެވެ."
އެހިސާބުން އެއްވެ ތިބި މީހުން އޭނާގެ ގައިގައި ތަޅައިގަތެވެ. މަރުން ސަލާމަތްވީ އަވަށުގެ ބޮޑުން އެތަނަށް އެއްވެ މީސްތަކުން ދުރުކުރުމުންނެވެ. އެއިރު އޭނާގެ ފުރާނަ ހުރި ނަމަވެސް ހިރިލާނެ ބާރުވެސް ގައަކު ނެތެވެ.



advertisment