Support Us

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާ: ލެފްޓިނެންޓް ޖެނެރަލް ވިނޯދު ބާޓިއާގެ ތަޖުރިބާ

އިންޑިއާގެ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާރޑް) ވިނޯދު ބާޓިއާ އޭރު ހުންނެވީ މޭޖަރ ރޭންކުގައެވެ. ނޮވެންބަރު 3، 1988 ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އައި އިންޑިއާ ސިފައިންގެ ކޮމާންޑް ޓީމުގައި ބްރިގޭޑިއަރ ޖެނެރަލް ބުލްސާރާގެ ދަށުން މަސައްކަތް ކުރެއްވި ކާނަލް ޖޯޝީގެ އެހީތެރިންނަށް ތިއްބެވީ މޭޖަރ ވިނޯދު ބާޓިއާ އާއި މޭޖަރ ދިލޯނެވެ.

ޖެނެރަލް ވިނޯދު ބާޓިއާ 2020 ވަނަ އަހަރުގެ އެޕްރީލް މަހު ލިޔުއްވާފައިވެއެވެ. "1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ގާތްގަނޑަކަށް 06:00 ހާއިރު މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒުގެ ޖޮއިންޓް ސެކްރެޓަރީއަށް ދިވެހިރާއްޖޭން މުހިންމު ފޯނުކޯލެއް ލިބުނެވެ." ވިނޯދު ބާޓިޔާ ވިދާޅުވެފައި ވާގޮތުގައި އެ ފޯނު ކޯލުގައި އެދިވަޑައިގަތީ ހަތިޔާރު އެޅި ކުލީ ސިފައިން ރާއްޖެ އަރައި، ގެންނަން އުޅޭ ބަޣާވާތުން ރާއްޖޭ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމް ސަލާމަތް ކޮށްދިނުމަށެވެ. ވިނޯދު ވިދާޅުވެފައިވާ ގޮތުގައި އެ އޮޕަރޭޝަނަށް ތައްޔާރުވުމުގައި "އިންޑިއާ ސަރުކާރުން މަސައްކަތްކުރީ އިންޑިއާގެ ތާރީޚުގައި ވެސް އަޑުއިވިފައިނުވާ ބާރު ސްޕީޑެއްގަ" އެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑިއާގެ ބޮޑު ވަޒީރު ރާޖީވް ގާނދީއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާ ދެ ބޭފުޅުންގެ ދެމެދުގައި އޭރު އޮތީ ވަރަށް ގާތް ގުޅުމެކެވެ. ހަމަ އެހެންމެ އެ ދުވަސްވަރަކީ އިންޑިއާ ސިފައިން ސްރީލަންކާގައި ހަރަކާތްތެރިވި ދުވަސްވަރެވެ. ސްރީލަންކާގައި ވަކި ދައުލަތެއް އުފެއްދުމަށް ތަމަޅަ ހަނގުރާމަވެރިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ އިންޑިއާ ސިފައިން ސްރީލަންކާ ސަރުކާރުގެ އެދުތުމަކަށް އެ ޤައުމުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. އިންޑިއަން ޕީސްކީޕިންގ ފޯސް (1987-1990) ސްރީލަންކާގައި ހަރަކާތްތެރިވުމަކީ ދިވެހިރާއްޖެއަށް އަސްކަރީ ގޮތުން އެހާ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާއަށް ފަސޭހަވި ސަބަބެކެވެ.

ދިވެހިރާއްޖެއަށް އަސްކަރީ އެހީތެރިކަން ދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ނިންމެވުމާ ގުޅިގެން އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާން ކަނޑައެޅީ "50 އިންޑިޕެންޑެންޓް ޕެރަޝޫޓް ބްރިގޭޑް އޮފް އާމީ" އެވެ. އިންޑިއަން އެއަރ ފޯސް އާއި އިންޑިއަން ނޭވީ ވެސް ޝާމިލުވާ މި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ ބްރިގޭޑިއަރ ޖެނެރަލް "ބުލް" އެވެ. އާދެ! ބްރިގޭޑިއަރ ޖެނެރަލް ބުލްސާރާ އެވެ.

އިންޑިއާގެ އާގަރާއިން ރާއްޖެ އައުމަށް ވައިގެ މަގުން 3،500 ކިލޯމީޓަރު ދުރަށް ދަތުރުކުރަން ޖެހުނު ކަމަށް ޖެނެރަލް ވިނޯދު ލިޔުއްވާފައިވެއެވެ. އެއީ ބަޣާވާތާ ގުޅޭ ސާފު މަޢުލޫމާތެއް ނެތި އުދުހެން ޖެހުނު ރާސްތާއެކެވެ. އިންޑިއާ ސިފައިންގެ އާރުކާޓީއަކީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ބޭނަޖީއެވެ. ދެން އޮތީ ފަތުރުވެރިކަމުގެ ބޭނުމަށް ތައްޔާރުކޮށްފައި އޮތް ރާއްޖޭގެ ޗާޓެކެވެ.

އިންޑިއާ ސިފައިން ރާއްޖެ އައިއިރު ޕްލޯޓް ޖަމާޢަތުގެ ކުލީ ސިފައިންނާއި ބަޣާވާތް ގެންނަން އިސްކޮށް މަސައްކަތްކުރި ދެ ދިވެހީން މާލޭ ބަނދަރުގައި އޮތް ކާގޯ ބޯޓަކަށް އަރައިގެން ފިލައިގެންދާން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ވިނޯދު ބާޓިއާ ލިޔުއްވާފައިވާ ގޮތުގައި ރައީސް މައުމޫން، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ 02:10 ހާއިރު ސަލާމަތް ކުރެވުނެވެ. "މިޝަން ފުރިހަމަ ކުރެވުނީ 16 ގަޑިއިރުގެ ތެރޭގައި," ވިނޯދު ލިޔުއްވާފައިވެއެވެ. އެއްވެސް އިންޑިއާ ސިފައިންގެ މީހަކަށް އެއްވެސް އަނިޔާއެއް ނުލިބި އޮޕަރޭޝަން ކާމިޔާބު ކުރެވުނުކަން އޭނާ ފާހަގަ ކުރެއްވިއިރު އިންޑިއާ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓުތައް ހުޅުލެއަށް ޖެއްސީ ހުޅުލޭގައި ދިވެހި ސިފައިން ތިބެގެން ބޯޓުތަކާއި ޓަވަރާ ވާހަކަ ދެކެވިގެންނެވެ. އެއަރޕޯޓުން އިންޑިއާ ސިފައިންނަށް މަރުޙަބާ ކިޔާ މާލެ ގެނެސްދިނީ ވެސް ދިވެހި ސިފައިން ހަމަޖެއްސި ކަނޑު އުޅަނދުފަހަރުގައި ދިވެހި ސިފައިން ކުރި އިންތިޒާމުގެ ދަށުންނެވެ. އޭރު ރައީސް މައުމޫނު ހުންނެވީ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ގުލިސްތާނުގޭގައެވެ. އެގޭގައި ދިވެހި ސިފައިން ހަތިޔާރާއެކު ދިޔައީ ފޯރިމަރަމުންނެވެ. ދުޝްމަނުންނަށް ލިބިފައިވާ މަޢުލޫމާތުގައި ވާ ގޮތުން ރަސްމީ ދަތުރުފުޅެއްގައި ރައީސް މައުމޫނު އެ ދުވަހު ހުންނަވާނީ އިންޑިއާގައެވެ. އެހެންކަމުން ރައީސް މައުމޫން އަތުލައިގަތުމަށް ދުޝްމަނުންގެ ޕްލޭނަކު ނެތެވެ.

އިންޑިއާ ސިފައިންގެ "އޮޕަރޭޝަން ކެކްޓަސް" ޖެނެރަލް ވިނޯދު ބާޓިއާ ސިފަކުރައްވާފައި ވަނީ އިންޑިއާއަކީ "ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތާއި އަވަށްޓެރި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގާބިލްކަން ހުރި ބައިނަލްއަޤްވާމީ ބާރެއް"ގެ ގޮތުގައެވެ.

ރާއްޖެއިން ރަހީނުކުރި ދިވެހީންނާއެކު ޓެރަރިސްޓުން މަސައްކަތްކުރީ ސްރީލަންކާގެ މުއްލިކުލަމަށް ދާށެވެ. އެއީ ޕްލޯޓުގެ ހަނގުރާމަވެރިންގެ އަސްކަރީ ކޭމްޕް ހުރި ރަށެވެ. ޓެރަރިސްޓުން ހުއްޓުވައި ރަހީނުން ސަލާމަތްކޮށް ޓެރަރިސްޓުން ޤާނޫނުގެ ކުރިމައްޗަށް ގެނެސްދިނީ އިންޑިއާ ސިފައިން ހިންގި ކަނޑުމަތީގެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަން އިންޑިއާ ސިފައިން ކުރިއަށް ގެންދިޔައިރު އައިއެންއެސް ގޯދާވަރީގައި ދިވެހި ސިފައިންގެ އިސް ތިން ބޭފުޅަކު ހަރަކާތްތެރިވެ ވަޑައިގަތެވެ.

އެ އޮޕަރޭޝަނަށް އެންމެ ފުރަތަމަ މޮބަލައިޒްކުރީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އައިއެންއެސް ތީރެވެ. ފަހުން އައިއެންއެސް ގޯދާވަރީ އާއި އައިއެންއެސް ބެޓްވާ އޮޕަރޭޝަނާ ގުޅުނުކަން ޖެނެރަލް ވިނޯދު ފާހަގަ ކުރައްވާފައިވެއެވެ. އިންޑިއާ ސިފައިން ވަނީ ހައި ސީސްގައި ބަޣާވާތުގެ ލީޑަރުން ހުއްޓުވާފައެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ޓެރަރިސްޓުން ބައެއް ރަހީނުން ރަހުމެއްނެތި މަރާފައިވެއެވެ. އަދި އިންޑިއާ ސިފައިން ދުޝްމަނުން ހައިޖެކްކޮށްގެން ދަތުރުކުރަމުން ދިޔަ އެމްވީ ޕްރޮގްރެސް ލައިޓަށް ދިން ހަމަލާތަކުން ވެސް ބައެއް ރަހީނުން މަރުވިއެވެ. ޖެނެރަލް ވިނޯދު ލިޔުއްވާފައިވާ ގޮތުގައި މިއީ ނެޓް ސެކިއުރިޓީ ޕްރޮވައިޑަރެއްގެ ގޮތުގައި އިންޑިއާ ޕޮޒިޝަންކޮށް، އިންޑިއާގެ އަސްކަރީ ގާބިލްކަން ދައްކާލި އޮޕަރޭޝަނެކެވެ. ނަމަވެސް އޮޕަރޭޝަން ކެކްޓަސް އަކީ އެންމެ މަދުން އެ އޮޕަރޭޝަނާ ބެހޭ މަޢުލޫމާތު މީހުންނަށް އެނގޭ އަދި އެންމެ ކުޑަކޮށް ދިރާސާކޮށްފައިވާ އެއް އޮޕަރޭޝަން ކަމަށް ވިނޯދު ބާޓިއާ ވިދާޅުވެފައިވެއެވެ.

ރިފަރެންސް: ވިނޯދު ބާޓިއާ (2020). މޯލްޑިވްސް އޮޕަރޭޝަން. ޖެނެރަލް ވިނޯދު ބާޓިއާ.ކޮމް

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *