Support Us

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން ދުރުކުރުވައި، ބްލެކްމޭލްކޮށް އެކަމުގެ ނާޖާއިޒު ފައިދާ ނެގި މީހަކަށް ޖެހުނު ޙާލު

އަޅުގަނޑު މިކިޔައިދޭ ވާހަކަ ކުޑަކޮށް ތަފާތުވެދާނެއެވެ. ނަމަވެސް މިއީ މިއަދު ހުރިހާ އަންހެނުންވެސް އަދި ފިރިހެނުންވެސް، ޚާއްޞަކޮށް ހުރިހާ ދެމަފިރިން ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.

ދާދި ފަހުން ޒުވާނަކު ޖަލުގެ ކުޑަގޮޅީގައި އިނދެގެން ފޯނުކުރިއެވެ. އޭނާ ރޮމުން މި ވާހަކަ އޭނާ ވަރަށް ލޯބިވާ އަންހެން ކުއްޖަކަށް ކިޔައިދިނެވެ.

"އަހަރެން މި ގޮޅީގައި މިއިނީ އަހަރެން ކުރި ކުށަކާ ގުޅިގެނެއް ނޫނެވެ. ބައަކު މިވަނީ އަހަރެން ފްރޭމްކޮށްފައެވެ. އެހެންވެ ވަރަށް ބޮޑަށް ވިސްނައިފީމެވެ. ވިސްނުމުން ނުކުތް ނަތީޖާ މިކިޔައިދެނީއެވެ.

އަހަރެންނަކީ އެކުގައި އުޅުނު ވަރަށް ގިނަ އެކުވެރިންނަށް ވަރަށް ބޮޑެތި ލަނޑުތައް ދިން މީހަކީމެވެ. އެމީހުންގެ ސިއްރުތައް ހޯދައި ބްލެކްމޭލް ކުރަމުންދިޔަ މީހަކީމެވެ. އެކަމުން ފައިސާ ހޯދުމުގެ އިތުރުން އެމީހުންގެ އަނބިންނަށް ފިރިންގެ ސިއްރުތައް އަންގައިދީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުން އައި މީހަކީމެވެ. އަހަރެންގެ ސަބަބުން ބައެއް ކައިވެނިތައްވެސް ވަނީ ރޫޅިފައެވެ.

އަހަރެން ދުވަހަކުވެސް ބްލެކްމޭލްކޮށް އެއްވެސް މީހެއްގެ އަތުން ފައިސާއެއް ނުހޯދަމެވެ. އަހަރެން އެމީހުން ލައްވައި ކުރުވަމުން އައީ އަހަރެން ޙާޞިލުކުރަން ބޭނުންވާ ކަންކަމެވެ. ނަމަވެސް އަހަރެންގެ ބޮލުގައި އެޅިފައި މިވަނީ ބޮޑު ވައްކަމެކެވެ. އެއިގެ އިތުރުން ކުޑަކުއްޖަކާ ބެހުމުގެ ކުށްވެސް މިވަނީ ބޮލުގައި އެޅިފައެވެ. މި ދެ ކަމަކީވެސް ދުވަހަކުވެސް އަހަރެން ކުރިކަމެއް ނޫނެވެ.

އަހަރެން ތައުބާ ވެއްޖައީމެވެ. އަހަރެންނަށް ޢުމުރުގައި އެންމެ ދުވަހެއް ބާކީ އޮއްވައި މިގޮޅިން ސަލާމަތްވެ މިނިވަންވެވުނު ނަމަވެސް އަހަރެންގެ ކިބައިން އަނިޔާ ލިބުނު އެންމެންގެ ގާތަށް ހިނގައި މާފަށް އެދޭނަމެވެ."

އަޅުގަނޑު ބުނެލަން ބޭނުންވަނީ އެހެން މީހުންނަށް ދެރަދީ ދެމަފިރިންގެ ދޭތެރެޖައްސުވައި ޢާއިލާތައް ރޫޅުވަމުން ހިނގާ މީހުން ވަރަށް ގިނަވެއްޖެއެވެ. އެކަމުން މާލީ ގޮތުން ތަނަވަސްކަން ހޯދާ މީހުންނާއި އެހެން ގޮތްގޮތުން ފައިދާ ހޯދަމުން ގެންދާއިރު ތިމާއަށް ލިބިދާނެ ހިތްދަތިކަމަކަށް ބަލައިވެސް ނުލައެވެ. އެކަންކަމަށް ވިސްނައިވެސް ނުލައެވެ.

އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅުނީވެސް ހަމަ މިފަދަ މީހެއްގެ ސަބަބުންނެވެ. ކައިވެނި ރޫޅުމުން ދެދަރިން ގޮވައިގެން މަގުމަތީގައި ސަލާންޖަހަން އުޅެން ޖެހުނުކަމަށް ބުނަން ލަދެއްވެސް ނުގަންނަމެވެ. އެޙާލަތުން ސަލާމަތްވެވުނީ އިންސާނުންނަށް ރަޙުމްކުރާ ފިރިހެނަކާ ބައްދަލުވެ އޭނާ އަޅުގަނޑު ބަލައިގަތީތީއެވެ.

އަޅުގަނޑުގެ ބޮލުގައި ފިރިމީހާ އެޅުވި ތުހުމަތަކީ ދޮގު ތުހުމަތެއްކަން އޭނާއަށް އެނގުނީ އޭނާވެސް އަދި އަޅުގަނޑުވެސް ދެވަނަ ކައިވެނިކުރި ފަހުންނެވެ. މިފަދަ ނިކަމެތި ޙާލަތު ދިމާވުން މިވަނީ މިހާރު ޢާންމު ކަމަކަށްވެފައެވެ.

ނާހިދު ޔޫސުފް ލިޔާ ވާހަކަތައް ފޫހިކަމެއްނެތި ކިޔާ ކިޔުންތެރިންނޭވެ. މިކަމުގެ ޙައްލަކީ ސީދާ ކޮބައިކަން ބުނެދޭކަށް އަޅުގަނޑަކަށް ނުއެނގެއެވެ. ސަބަބަކީ އަޅުގަނޑަށް ކަންކަން ދިމާވީ އަޅުގަނޑުގެ ކުށެއް އެއްވެސް މިންވަރަކަށް އޮވެގެން ކަމަށްނުވާތީއެވެ. ފަހަރެއްގައި ޙައްލަކީ މީހުން ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް، ފޮޓޯއާއި ވީޑިއޯ ދެއްކިނަމަވެސް ފެންނަ މަންޒަރަށް ބަލައި ގޮތް ނިންމުމުގެ ކުރިން ޙަޤީޤަތް ބަލައިލުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެފަދަ ކެތްތެރިކަމާއި ވިސްނުން ހުންނަ މީހުން ހާދަ މަދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *