Support Us

ރައްޔިތުން މިތިބީ ވަރަށް ރަނގަޅަށް ބަލަން

ވީގޮތާ އަދި ވާގޮތާއި ވެދާނެ ގޮތް، މިތިބީ ބަލަން
މީހުނާއި، ނުމީހުނާ ވެސް، ރައްޔިތުން މިތިބީ ބަލަން

މޫސުމީ ދައުރެއް މިއީ ވެރިކަމުގެ ކެމްޕޭނުގެ ދައުރު،
މޫސުމީ މަކަރާ ދޮގުން "ބައިސާ ކަނޑާ" މީހުން ބަލަން

ވެރިކަމަށް އަންނަން ވެގެން މީހުންކުރާ ވަޢުދާ ހުވާ،
ވެރިކަމަށް އައިސް، ދެން ހަދާގޮތް މިތިބެނީ ރަނގަޅަށް ބަލަން

ހެޔޮއެދޭ. ގައުމަށް ވަފާތެރި ލީޑަރުންނީ ކޮން ބައެއްތޯ
"ތެޔޮގުޅާ ސާދާ" ކުރާ ދެފުށަށް ކެނޑޭ މީހުން ބަލަން

"ރައްޔިތުން ދެކެ ލޯބިވާ އަމިއްލަ އެދުމެއްވެސް ނުވާ"
ރައްޔިތުންނާމެދު ނަފުސު ގުރުބާންކުރާ ވެރިޔަކު ބަލަން

ރަން ކުލައިންލިޔެ، ފޮފަ ނަގައިގެން ވަޢުދު ނާމާ ދައްކަމުން
ރައްޔިތުން "ބޯ ކާލެވޭނެ" ބައެއް ކޮބައިތޯވެސް ބަލަން

ޖުޑިޝަރީއާ، މީޑިޔާ، މިނިވަންކުރަން އެއްބަސްވިޔަސް،
އަދި މިކަން ކުރެވޭވަރުގެ ޤާބިލު ބައެއްތޯ ވެސް ބަލަން

ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެކިއެކި ދަރަނިތައް،
ދައުލަތަށް ދައްކާ ޚަލާޞް ކުރި މީހަކީތޯ ވެސް ބަލަން

ރައްޔިތުން ބޯނުހިކި ދަރަނިން މިންޖުނުވެ ތިބި ޙާލުގައި،
ރައްޔިތުން ދަރަނިން ސަލާމަތް ކޮށް ދެވޭ މީހަކު ބަލަން

ރައްޔިތުން ފައިސާ ވަގަށް ނެގި މީހުނާ، ފައިސާ ތަކާ،
ރައްޔިތުން ނަށް ހޯދަ ދޭންވެސް ކާކުތޯ ބުނަނީ ބަލަން

ފަރުތަކާ މިތަނުގެ ތިމާވެށި "ޤަތުލުކޮށް" ފުނޑުފުނޑު ނުކޮށް،
"ހަތަރުހާސް މިލިޔަނުގެ" ބުރިޖެއްވެސް އެޅޭ މީހަކު ބަލަން

ގައުމުގައި ހުރި ބިންތަކާ، ކަނޑުފަޅު ތަކާ، ގިރި، ފަރު ތަކާ
ގައުމު އަޅުވެތިކޮށް ނުވިއްކާ، ކެންޑި ޑޭޓެއްތޯ ބަލަން

ރައްޔިތުން މުދަލާ ތަކެއްޗާ ފިރިހެނުން "ކިޑްނީތަކާ"
އަންހެނުން "އޯވަރި" ރަހުނު ނުކުރާ ބަޔަކުތޯ ވެސް ބަލަން

ތާއަބަދު ދެލޮލުން ކަރުނަ އޮހޮރަން މިޖެހެނީ ރައްޔިތުން،
ހާދަ ދެރައޭ! ރައްޔިތުން، ވިސްނާށެ ދެން ފަހުބަސް ބުނަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *