ޅޮސްގަހާ ހައިވަކަރުގަސް އެއް ފަސްގަނޑެއްގެމަތީ ހެދޭ
ގޮސް ބަލައިލާ އިރު ލޮލަށް ފަރަގެއް އެހައި ބޮޑު ނުފެނިދޭ
އިސްކޮޅާ މައި ގަސްގަނޑާ ތޮށްޓާ ފަތުގެ ކުލަޔާއެކީ
ހުސް އެއީ ހަމަ ދާދި އެއް ގޮތް އެއް ގަހޭ ވެސް ހީވެދޭ
މާވަޑީން އެހެނަސް އަބަދުވެސް ދަންނަ ބޮޑު ސިއްރެއް އޮވޭ
އާރު ހެޔޮ ހޮވުމެއްގެ ނަމަކަށް ހަައިވަކަރު ނޫނީ ނުދޭ
ކަން މިހެން އޮތުމުން ވަރަށް ގިނައިން އައިސް އެކި މާވަޑީން
ގެންދެޔޭ ހައިވަކަރު ގޮފިތައް ކަނޑަކަނޑައިގެން ހިތް އެދޭ
ކަންބަލަންހުރި ޅޮސްގަހުން ހަމަ ރޯފަތެއް ވެސް ބިނދެނުލައި
އަންނަހައި މީހުން ދެޔޭ، މީ ފަޚްރެކޭ އެ ޅޮހަށް ފުދޭ
ބުނެލައޭ ނުފެނޭހެ އަހަރެންނަށް މި އޮތްހައި އިޙްތިރާމް
ދުނިޔެދޭ ޤަދަރާ މި ޢިއްޒަތުގައި އަމާންކަމުގައި ނިދޭ
ނެތް މަގޭ ފިކުރެއް ޚިޔާލެއް މިހިރަގެން ހަމަ ބިޔަވަނީ
ކެތްނުވާހައި އުފުލަނީ ތިޔަ ހާދަހައި ވޭނާ ތަދޭ
ހަމަހިމޭނުން ހައިވަކަރުގަސް ހުރެ މި ވާހަކަތައް އަހައި،
ހަމަ ހުވައި! ހިންޏެއް ހެޔޭ، ބޭރަށް ނުފެންނަ ބަނޑަށްހިނދޭ