Support Us

ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިގައި ހުންނާނެ ސިފަތައް

ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ހޯދައި ދެނެގަނެވިދާނެއެވެ. އެއީ ތާރީޚުގައި ޤައުމު ދެކެ ލޯބިވާކަން ސާބިތުކޮށްދީފައިވާ ޤައުމީ ބަޠަލުންނާއި، ޤައުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ޚިދުމަތްތެރިންނާއި ޤައުމަށް ޓަކައި ޤުރުބާންވެފައިވާ ފިދާޢީންގެ ސިފަތަކެވެ. ދިވެހީންނަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ މިނިވަންކަމުގެ ދިގު ތާރީޚެއް އޮތް ބަޔަކަށް ވީ ހިނދު، މި ޤައުމުގެ ފަސްގަނޑުން ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ހޯދާކަށް އުނދަގުލެއް ނުވާނެއެވެ. މި ޤައުމު ވަނީ އެފަދަ އެތައްއެތައް ދަރިންނެއް އުފަންކޮށްފައެވެ.

ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިގައި މައިގަނޑު ހަތަރު ސިފައެއް ހުރެއެވެ. އެއީ ޤައުމާމެދު ވަރަށް ޚާއްޞަ ލޯތްބެއް އޮތުމާއި، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ރޫޙުގައި ޤައުމު މާނަކުރުމާއި، ޤައުމުގެ ހެވާއިލާބަޔަށް މަސައްކަތްކުރުމާއި، ޤައުމަށް ޓަކައި ދަލާއި ލޭ އޮހޮރުވާލައި ޤުރުބާންވުމެވެ.

ޤައުމާމެދު ޚާއްޞަ ލޯތްބެއް ހިތުގައި ބިންވަޅު ނެގިފައި އޮތުމުން ޤައުމަށް ދިމާވާ އުފަލާއި ހިތާމައިގައި ހިތާއި ރޫޙުން ބައިވެރިވާނެއެވެ. އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް ޤައުމީ މަސްލަހަތު އަބަދުވެސް ކުރިއަށް ނެރޭނެއެވެ. ޤައުމަށް ޓަކައި ކުރިއަށް ޖެހެން ޖެހޭ ވަގުތު ކުރިއަށް ޖެހި، ފަހަތަށް ޖެހެން ޖެހޭ ވަގުތު ފަހަތަށް ޖެހޭނެއެވެ.

"ޤައުމީ" މި ލަފުޒާ ގުޅިފައިވާ ޤައުމީ ދިދައާއި ޤައުމީ ނިޝާނާއި ޤައުމީ ސަލާމް ފަދަ ޤައުމު ރަމުޒުކޮށްދޭ ތަކެއްޗާއި ކަންކަމަށް އާދަޔާ ޚިލާފު އިޙްތިރާމަކާއި ލޯތްބެއް އޮންނާނެއެވެ. ޤައުމިއްޔަތުގެ ބަހާތައް ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހީންގެ މާދަރީ ބަހާއި ދިވެހި ތާރީޚާއި ދިވެހީންގެ ސަޤާފަތާއި އާދަކާދައާއި މިނިވަންކަމަށް އަބަދުވެސް އަހުމިއްޔަތުކަން ދޭނެއެވެ. ޤައުމަށް ދެރައެއް ލިބިދާނެހެން ހީވާ ކަމެއް ކުރުމަށް ހިތަށް ވެސް ނާރާނެއެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ދިވެހި ޤައުމިއްޔަތުގެ ރުކުންތަކަށް އިހުތިރާމުކުރާނެއެވެ. މިއިން އެއްވެސް ކަމަކަށް ކުޑަނަމަވެސް އުނިކަމެއް އަތުވެއްޖެނަމަ އެކަމުގެ ގެއްލުން ޤައުމަށް ކުރާނެއެވެ. އެކަމުގެ ނޭދެވޭ އަސަރުތައް ދިވެހީންގެ ދިވެހިވަންތަކަމަށް ކުރާނެއެވެ.

އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ރޫޙުގައި ޤައުމު މާނަކުރުމަކީ އަމިއްލަ ނަފްސާމެދު ދެކޭ ގޮތަށް ޤައުމާމެދު ދެކުމެވެ. އަމިއްލަ ނަފްސަށް އޮންނަ ލޯބި ޤައުމަށް ވެސް އޮތުމެވެ. އަމިއްލަ ނަފްސަށް ހެޔޮ ރަނގަޅު މޮޅު ގޮތް އެދޭ ފަދައިން ޤައުމަށް ވެސް ކުރިއެރުމާއި ތަރައްޤީ އެދުމެވެ. ސުލުހަވެރިކަމާއި ހަމަޖެހުމަށް އެދުމެވެ. ޤައުމުގެ އެއްވެސް އަނަކަށް، އެއްޗަކަށް، މީހަކަށް ވެސް ގެއްލުމެއް ވާން ނޭދުމެވެ. ޤައުމަކީ ފުދުންތެރި، ޢިއްޒަތެރި، ޝަރަފުވެރި، ކަރާމާތްތެރި ޤައުމެއްކަމުގައި ވުމެވެ. ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ އެންމެ ޚާއްޞަ ސިފައަކީ ޤައުމަށް ތެދުވެރި، ވަފާތެރި އަދި އިޚުލާޞްތެރިވުމުގެ މާތް ސިފައެވެ.

ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ އަނެއް ސިފައަކީ ޤައުމުގެ ހެވާ ލާބަޔަށް ޓަކައި މަސައްކަތްކުރުމެވެ. ހުނަވެރި މަސައްކަތްތެރިއެއްގެ ގޮތުގައެވެ. ވިޔަފާރިއާއި އިޤްތިޞާދީ މާހިރެއްގެ ގޮތުގައެވެ. ސަރުކާރާއި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައެވެ. ކުޅިވަރު ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައެވެ. ކޮންމެ ރައްޔިތަކީ ވެސް ޤައުމުގެ ހެވާ ލާބަޔަށް މަސައްކަތްކުރަން ޖެހޭ މީހެކެވެ. ޤައުމުގެ ރައްޔިތެއްގެ ކިބައިގައި ހުންނަން ޖެހޭ ރިވެތި އަޚްލާޤީ ސިފަތަކާއި ސުލޫކީ މިންގަނޑުތައް ހިފެއްޓުމަކީ ވެސް ޤައުމުގެ ހެވާއި ލާބައަށް ޓަކައި މަސައްކަތްކުރުމެވެ. އިޖުތިމާޢީ ޚިދުމަތްތެރިންނާއި، މުޖުތަމަޢުގެ ލާބައާއި މަންފާއަށް އަދި އިންސާނިއްޔަތަށް ޓަކައި މަސައްކަތްކުރާ ބޭފުޅުންނާއި ދިރިއުޅުމަށާއި ޤައުމު އާރާސްތުކުރުމަށް މަސައްކަތްކުރާ ކޮންމެ ރައްޔިތަކު ވެސް ގުނަން ޖެހޭނީ ޤައުމު ދެކެ ލޯބިވާ މީހުންގެ ލިސްޓުގައެވެ.

ޤައުމަށް ޓަކައި އެ މީހެއްގެ ލެއާއި ދާ އޮހޮރުވާލަން ކެރޭ ޤައުމަށް ޓަކައި ޤުރުބާންވާން ޖެހިއްޖެނަމަ ޤުރުބާންވާން ފަސްނުޖެހުމަކީ ޤައުމު ދެކެ ލޯބިވާ މީހެއްގެ ފަރާތުން ފެންނާނެ އެންމެ މާތް ސިފައެވެ. މިއީ ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށާއި ޤައުމިއްޔަތު ހިމާޔަތް ކުރުމަށް ކެރުމެވެ. މިއީ އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ އެންމެ މަތީ ދަރަޖައެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *