ހިތުގެ ވާހަކަތައް ދުލުން މިކިޔައިދެނީ އޮބިނޯވެގެން
މިތުރު ސިއްރުން ކުރި ސަމާސާގައި ސިކުނޑި ބަރުބޮޑުވެގެން
ފޮޅުވަމުން މާމަލުގެ އައި ވާދައިގެ ރަންތަށި ހައްގުވާ
ލޮލުގެ ކަޅި ހުއްޓިއްޖެއޭ މިސްރާބަކަށް ހައިރާންވެގެން
ކުރެހިގެން ތަސްވީރު މޭގައި އައިގޮތުން ހިތް ލަންބަމުން
ހުރެވުނޭ އަތްފައިގެ ހަރަކާތް ހުއްޓި އަމުރެއް ނުލިބިގެން
ކުލަފެވިއްޖޭ ލޭގެ ޖަޒުބާތުން ހިލުނު ރަންދުނިޔެއިން
ދުލަކު ނެތް އެއްވެސް ވަރެއް ވީ ހިއްސުތައް ބުރިބުރިވެގެން
ލޭގެ ހިނގުމަށް ނޭގުނޭ ހަރަކާތް ވެލާން ވެސް މިންގަނޑުން
ބޭގަރާރުގެ މީރު ޝަރުބަތު ބޮއި ނަފުސު މާޔޫސްވެގެން
ހިތުގެ މަތިވެރި މަހުކަމާއިން އަމުރުތައް ހުއްޓިއްޖެއޭ
ފިތުނަވެރި ދުނިޔޭގެ ޢުންޞުރަކަށް މުޅިން ގޮސް ހުސްވެގެން