Support Us

ކުޅިވަރުގެ އަޚްލާޤުގައި އެންމެ މުހިންމު ކަމަކީ މިއީ

ކުޅިވަރުގައި ބޮޑެތި ކާމިޔާބުތައް ހޯދާފައިވާ ގިނަ މީހުންނަކީ ކުޅިވަރުގެ އަޚްލާޤު ދަމަހައްޓާފައިވާ މީހުންނެވެ. އެއީ ދަނޑުތެރޭގައާއި ދަނޑުން ބޭރުގައި އުޅޭ އުޅުމުގައި ވެސް އަޚްލާޤާއި ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށްފައިވާ މީހުންނެވެ. ކުޅިވަރުގެ އަޚްލާޤަކީ ކުޅިވަރު ކުޅުމުގައި އަޚްލާޤީގޮތުން ގެންގުޅެންޖެހޭ އަދި ޢަމަލުކުރަންޖެހޭ ގޮތްތަކާއި ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅިވަރުކުރުމާއި ފަރުދީގޮތުން ކުޅުންތެރިޔާގެ ކިބައިގައި ހުންނަން ޖެހޭ އަޚްލާޤީ ސިފަތަކެވެ. އޭގެތެރޭގައި އެ ކުޅުންތެރިއަކު ކުޅޭ ކުޅުމާ ގުޅުންހުރި ސިފަތަކަކާއި އަމިއްލަ ޝަޚްސިއްޔަތުގައި ހުންނަން ޖެހޭ ސިފަތައް ވެސް ހިމެނެއެވެ.

ކުޅިވަރުގެ ތެރެއިން ކުޅިވަރުގެ އަޚްލާޤާއި ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅިވަރުކުޅެން ދަސްކުރެވެއެވެ. އެއީ ކޯޗުންނާއި މެނޭޖަރުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއެކުގައެވެ. ކުޅިވަރުގެ ތެރޭގައި އޮންނަނީ މޮޅުވުމާއި ބަލިވުންކަމާއި މިއިން ކޮންމެ ހާލަތެއްގައި ވެސް ޢަމަލާއި ބަހާ ވަކި އިންތަކެއްގައި ހިފެހެއްޓުން މުހިންމެވެ. އަމިއްލަ ނަފްސާއި ޖަޒުބާތުތައް ކޮންޓްރޯލް ކުރަންޖެހެއެވެ. ބަލިވެގެންދާ ކޮންމެ ފަހަރަކީ މޮޅުވުމަށް އިތުރަށް ހިތްވަރުކުރަން ޖެހޭ ފަހަރެއްކަން ގަބޫލުކުރަން ޖެހެއެވެ. ބަލި ޤަބޫލުކޮށް މޮޅުވި ޓީމަށް މަރުޙަބާކިއުމުގެ ހިތްވަރު ހުންނަން ޖެހެއެވެ. ކާމިޔާބުގައި އުފާފާޅުކުރާއިރު އިދިކޮޅު ޓީމަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ކުޅިވަރުގެ ރޫޙާ ޚިލާފުކަމެކެވެ. އޭގެ ބަދަލުގައި ބަލިވި ޓީމަށް އިހުތިރާމުކޮށް، ހަމްދަރުދީ ފާޅުކުރަން ޖެހެއެވެ. މިއަދު ހިތާމަކޮށް ރޯ މީހުން މާދަމާ އުފާކޮށްފާނެކަމާއި، މިއަދު އުފާފާޅުކުރާ މީހުން މާދަމާ ރޯންޖެހިދާނެކަން އެނގެން ޖެހެއެވެ.

ކުޅިވަރުގެ އަޚްލާޤުގެ އެންމެ މުހިންމު ކަމަކީ ޖަޒުބާތުތައް ކޮންޓްރޯލްކުރުމެވެ. ކުޅުންތެރިއަކަށް ގަސްތުގައި އަނިޔާއެއް ނުދިނުމާއި އަނިޔާވެރި ޢަމަލެއް ހިންގަން ގަސްތު ވެސް ނުކުރުމެވެ. އަދި ހަޑިހުތުރު ބަހެއް ވެސް ނުބުނުމެވެ. އަނިޔާއެއް ލިބޭކަހަލަ ކަމެއް އެ މީހެއްގެ ފުށުން ގަސްދަކާ ނުލައި އިދިކޮޅު ކުޅުންތެރިއަކަށް ދިމާވިޔަސް އެ ކުޅުންތެރިޔަކާ ސަލާމްކޮށްލައި އެކަމަށް މަޢާފަށް އެދުމަކީ ކުޅިވަރުގެ ރީތި އަޚުލާޤެވެ. މުބާރާތްތައް ރާވާ ހިންގާ ފަރާތުން ހަމަޖައްސާފައި ހުންނަ އިންތިޒާމުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، މެޗުގެ ރެފްރީންނާއި އަމްޕަޔަރުންނާއި އޮފިޝަލުންގެ ނިންމުންތަކަށް އިޙުތިރާމުކުރުމަކީ ކުޅިވަރުގެ އަޚުލާޤެވެ. އެއިން މީހަކަށް ކުށެއް ކުރެވިއްޖެކަމަށް ހީވި ނަމަވެސް ޖަޒުބާތުތައް ކޮންޓްރޯލްކޮށްގެން ކެތްތެރިކަމާއި އިޙްތިރާމާއެކު އެ ކުޅިވަރެއްގައި ޝަކުވާ ކުރަން ނުވަތަ ޝަކުވާ ހުށަހަޅަން އޮންނަ ގޮތަށް ކުރިއަށް ދާން ދަސްކުރަން ޖެހެއެވެ. އެއްވެސް މީހަކާމެދު ޒާތީ ނުވުމަކީ ވެސް ކުޅިވަރުގެ އަޚްލާޤުގެ ބައެކެވެ.

ކުޅިވަރުގެ އަޚްލާޤުގައި ދެން އެންމެ މުހިންމު ކަމަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައި މީހާގެ ޢަމަލުތައް ވަކި ގޮތަކަށް ތަރުތީބުން ބެހެއްޓުމެވެ. ކެއުމާއި ބުއިމުގައެވެ. ނިދާ ގަޑިއަށް ދިނުމާއި ހޭލާ ވަގުތަށް ހޭލުމުގައެވެ. އަރާމުކުރަން ޖެހޭ ވަގުތު އަރާމުކުރުމުގައެވެ. ޕްރެކްޓިސްގައި ފަރުވާ ކުޑަ ނުކުރުމެވެ. ކޮންމެ ކަމެއްގައި ވެސް ގަޑިއަށް ފަރުވާތެރިވުމެވެ. ހެދިފައި ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިވުމެވެ. އެއްވެސް އަނިޔާއެއް ލިބިއްޖެނަމަ ލަސްނުކޮށް އަނިޔާއިން ސަލާމަތްވުމަށް ކުރަންޖެހޭ ފަރުވާ ކުރުމެވެ. އަނިޔާގައި ހުރެގެން އިތުރަށް ނުކުޅުމެވެ. އޭރުން ލިބޭ އަނިޔާ އިތުރަށް ބޮޑުވެ ރަނގަޅުވުމަށް ނަގާ ދުވަސް ގިނަ ވާނެއެވެ.

ކޮންމެ ކުޅިވަރެއްގައި ވެސް އެ ކުޅިވަރަކަށް ޚާއްޞަ އަޚްލާޤުތަކެއް ހުރެއެވެ. ޓީމު އިވެންޓްތަކުގައި ޓީމުގެ އެންމެ މީހަކު ފަރުވާ ކުޑަކޮށްލިއަސް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެއެވެ. ޓީމު އިވެންޓްތަކުގައި ޓީމްވޯރކަކީ ވަރަށް މުހިންމު ކަމެކެވެ. ޓީމުގެ ތެރޭގައި އޮންނަ އެކުވެރިކަމާއި ބަދަހިތައް ދެމެހެއްޓުމުގައި އެ މީހެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެއެވެ.

ކުޅިވަރުގެ އަޚްލާޤުގެ އެންމެ އަސާސީ އެއް ކަމަކީ އެކަކު އަނެކަކަށް އިޙުތިރާމުކުރުމެވެ. ދައްކާ ވާހަކައިގައާއި އުޅޭ އުޅުމުގައި ވެސް އެކަން ދެއްކުމެވެ. ބޮޑާކަމާއި ކިބުރުވެރިކަން އެއް ފަރާތްކުރުމެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަނާ ބޭސް ބޭނުންކުރުމާއި، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމާއި ފާހިޝް ޢަމަލުތަކުން ދުރުވުމަކީ ކުޅިވަރު ކުޅެން ބޭނުން ނަމަ މުހިންމުކަންކަމެވެ. ދީނީ އަޤީދާ ހަރުދަނާކޮށް ދީނަށް ލޯބިކޮށް، ހެއްދެވު ފަރާތުން ވާތްގާއި މަދަދަށް އެދި ހެޔޮ ދުޢާކުރަން ޖެހެއެވެ. އަދި ކާމިޔާބާއި ނާކާމިޔާބުގައި ވެސް ޙަމްދުކުރަން ޖެހެއެވެ.

މަތީ ފެންވަރަށް ކުޅިވަރު ކުޅުންތެރިއަކު ދަތުރުކުރަމުން ދިޔަ ވަރަކަށް އޭނާ ސަމާލުކަންދޭން ޖެހޭ ކަންތައްތައް އިތުރުވާނެއެވެ. އޭނާއަށް ތާޢީދުކުރާ މީހުން އިތުރުވަމުންދާއިރު އެ މީހުންގެ ލޯބި ދެމެހެއްޓޭނީ ކުޅިވަރުގެ އަޚުލާޤު ދެމެހެއްޓިގެންނެވެ. އެ މީހަކަށް ލިބޭ ކާމިޔާބީތަކަށް ހަސަދަވެރިވާ މީހުން ރޯކުރަން އަލިފާނުން ސަލާމަތް ވާނީ ވެސް ކުޅިވަރުގެ އަޚުލާޤު ދެމެހެއްޓިގެންނެވެ.

  •  މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *