އެންމެ ބޮޑު މަޖިލިސް ތެރޭގައި ހިންގަނީ ކޮން ޕްރޮގްރާމެއް
އެންމެނަށް ދައްކަން ލައިވުކޮށް ހިންގަދޭ ކޮންފަދަ ކުލާހެއް
މައި ދަރިންނާ ކުޑަކުދިންނާވެސް ބަލަން ތިއްބާ އެހެން،
ގައިންގަޔަށް އަތްލައި ނުބައި "ވަށްވަށް ޖަހާފަދަ" މަންޒަރެއް
ކަނޑުގެ ޙުކުމާ ބިމުގެ ޙުކުމާ ޖަންގަލީގެ ޙުކުމްތަކާ،
އަޑުއަހާށާ އަދި ބަލަން، މާބޮޑު ތަފާތެއް ނެތް އުޞޫލެއް
ޢިއްޒަތުއްނަފުސެއްގެ އިތުރުން ޢިއްޒަތުގެ ނަންވެސްކިޔާ
ޢިއްޒަތެއް ހުރިބަޔަކު ނުކުޅޭނޭ ތިހާ "ހަޑި ހުތުރު ރޯލެއް"
އަންހެނުން ނެރެ، ފިރިހެނުންގެ ގަޔަށް ބޮލަށް އަރުވާ ހަދައި،
ބައްލަވަން މަޖިލިސް ރައީސް އިނދެ، ކުޅުވަނީ މުޑުދާރު "ފިލްމެއް"
ކޯޓު ފަޓުލޫނާ ޓައީއާ ބޫޓުގައި "ގުޅަމަތި ހިފައި"
ކޯޓުތައް ވީދައި ނޮޅައި ކައި "ޖަންގަލީ ފިލްމެއްގެ ސީނެއް"
ހީވަނީ މާރީތި މަންޒަރެކޭ ލައިވުކޮށް ދައްކަމުން
ވީދެމުން އަޚްލާގު ފެންވަރު ކުރިމަގަށް އޮތް ބޮޑު ހަލާކެއް
ހަމަޔަކާ ލަމައެއް ނުވާ މީހުން ހަދާ ޤާނޫނަކަށް،
ހަމަޔަކަށް ބަލަމުން ތަބާވާންވީ ގޮތެއް ނޭނގޭ ކަމެއް
