ފަހު ނޭވަޔަށް ދާންދެން ހިތުގެ ލޯތްބާ ވަފާ ރުހުމާއެކީ
އަހުރެން ތިބާއަށް ވެދުމަކަށް އެރުވީމުއޭ އުފަލާއެކީ
ފަހިކޮށް ޖެހޭ ވައިގައި އޮޔާ ޚިދުމަތްކުރާން ދާއިމްވެގެން
މަހިނޫރުފަދަ މިތުރަށް ޓަކައި ހުންނާނަމޭ ރަޙުމާއެކީ
މޭވާގެ ފޮނިފޮނި ރަހަ ލިބުން މި މަޢީޝަތުން ބޭނުންވުމުން
ނޭވާ ހިނގުން ގުޅިފައިވަނީ ޖިސްމާއި ތިޔަ ވިންދާއެކީ
ޝުބުހާތަކުން ހިތް ސާފުކޮށް ހުރެގެން ވަފާތެރިކަންމަތީ
ނުބުނާނަމޭ މި ދުލުން ބަހެއް ނުރުހުމުގެ ކުލަވަރަކާއެކީ
ހޭހަންކުރާން އޮތްތޯ ކަމެއް ހޯދާ ބަލައި ފަރުވާވެގެން
ބޭހެއް ނެތަސް ބަލިމަޑުކަމަށް ލުއި ދޭނަމޭ ލޯތްބާއެކީ
ބިކަ ޙާލުގައި މާލީގޮތުން ޖެހުނަސް އުޅެން އީމާނުގައި
ނިކަމެތި އަޅާ ވާނަމެ އެކީ ހިތުގައި މިވާ ގަދަރާއެކީ
ދެކިލަން އެދެން ބޭނުންނުވާ ދުވަހެއް އަޔަސް ކެތްތެރިވެގެން
އެކި ގޮތްގޮތުން ހިތް ރަމަތަކޮށްދޭނަން ހިތުގެ ރިހުމާއެކީ
ހިތަކުން ހިތަށް އޮހޮރޭ ޣިޒާ ދެވަރެއް ނުކޮށް އޮހިދާނެހެން
ރިތަކުން ކަނބަންޖެހުނަސް އެ ބުރަ އުފުލާނަމޭ ޢަޒުމާއެކީ
