ހެޔޮ އެހާ އެކުވެރި ކަމާ އެކުވެސް އެކީގައި އުޅުނު ދެ މިތުރު
ހެޔޮ ނުވާނޭ! ވެރިކަމާ ހެދި ވާކަށެއް ތިވަރަށް ހަތުރު
ވިހި އެކާވީސް އަހަރު އެއްޕާޓީ ތެރޭ "ގަނތްހާ ގަނޑާ"
ހިންގި ގިނަ ކަންތައް ތަކެއް ބޭޒާރު ކުރުމުން ހަޑި ހުތުރު
ހާދަ ގިނަ ގުނަ ސިއްރުތައް ހުންނާނެ ރައްކާ ކުރެވިފައި،
ފައުޅުކޮށް ބޭޒާރު ކުރުމުން ހާމަވާ މިންވަރު އިތުރު
"ކޭ ތަކެއްޗާ ބުއި ތަކެއްޗާ ހިންގިހާ އެތަކެއް ޖަރީމާ"
ނޭނގި ރައްކާ ކުރެވިފައި ވާނަމަ ކުރަން ވާނީ ޝުކުރު
ފައުޅުގައި "ކަނޑި ބޯމަތިން ހޫރާ ޖަހާއިރު" ވިސްނަވާތި
ހާދަގިނަ ބައެކޭ، ދަނީ އަދު ތިޔަ ކަމާ ކުރަމުން ފިކުރު
"ކޮޅު ގޮހޮރު ގައި ހަޖަމުނުވެ އެތަކެއް އަހަރުވީހާ ތަކެތި
ހޮޑުލުމުން މަންޒަރު ބަލަން ތިބިހާ ބަޔަކު ގަނެޔޭ ފަކުރު"
